އިސްތިޣްފާރުކުރުމުން ހަމައެކަނި ފާފަތައް ފުއްސަވައި ދެއްވަވަނީއެއް ނޫނެވެ! އިންސާނާއަށް ބޭނުންވާނެ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވަވަތެވެ. ދުވާލަކު 100 ފަހަރު استغفر الله ކިޔަން ނަގާނީ ގިނަވެގެން އެންމެ 2 މިނިޓް އިރެވެ. ވީއިރު 2 މިނިޓް އިރު އިސްތިޣްފާރުކުރަން ހޭދަ ނުކުރާނަން ހެއްޔެވެ؟
އިބްން ޢައްބާސް ރިވާ ކުރެއްވެވި ޙަފީޘްފުޅެއްގެ މާނައިގައެވެ. "އިސްތީޣްފާރުކުރުންމަތީގައި ދެމިހުންނަ މީހާއަށް މާތް ﷲ، ކޮންމެ ދަތިކަމަކުން ނުކުންނާނެ މަގަކާއި އަދި ކޮންމެ ހިތާމައަކުން ސަލާމަތްވާނެ މަގެއް ދައްކަވައެވެ. އަދި އެމީހަކު ހީވެސް ނުކުރާހައި ގޮތުން އެމީހަކަށް ރިޒްޤް ދެއްވަވައެވެ." އަބޫދާވޫދު
އިތުރު ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އިސްތިޣްފާރު ކުރުން މަތީގައި ދެމިހުންނަ މީހަކަށް ހައިހޫނު ކަމުންނާއި ދަތިު އުނދަގޫތަކުން ސަލާމަތްވެވޭނެ މަގު ﷲ ތަޢާލާ ދައްކަވާނެ ކަމަށް ވަޢުދުވެވޮޑިގެންފައިވެއެވެ. ހިތާމަތަކާއި ދަތި އުނދަގޫތަކުންވެސް ސަލާމަތް ވެވޭނެ މަގު ދައްކަވައިދެއްވަވާނެތެވެ. ތަޤްވާވެރިކަމާއި ކުރިއެރުން ދެއްވަވާނެތެވެ. ދުޢާ އިޖާބަކުރައްވަވާނެތެވެ. ރިޒްޤް ލިބޭނެ މަގު ފަހިކޮށްދެއްވަވައި ރިޒްޤްގައި ބަރަކާތް ލައްވަވައިދެއްވަވާނެތެވެ.
އިސްތިޣްފާރު ކުރުމަކީ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. ރަސޫލް (ޞޢވ) ދުވާލަކު 70 ފަހަރު، 100 ފަހަރު އިސްތިޣްފާރު ކުރައްވަވާ ކަމަށް ބަޔާންވެގެންވެއެވެ. އެހެންކަމުން އެންމެ ކުޑަމިނުން ދުވާލަކު 100 ފަހަރު استغفر الله (ޔާ ﷲ! މިއަޅާގެ ފާފަ ފުއްސަވައިދެއްވަވާނދޭވެ!) ކިޔުން މަތީގައި ދެމިތުބުން ކިތަންމެހައިވެސް މުހިންމެވެ.
استغفر الله ކިޔުމުން އެދި އެދެންނެވެނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމާއި ފާފަތައް ވަންހަނާކޮށް ދެއްވެވުމެވެ. ދެވަނަ ކަމަކީ ކުރެވިފައިވާ ކުރެވިފައިވާ ފާފަތަކަށް ޢަޛާބް ނުދެއްވެވުމަށް އެދި ދެންނެވުމެވެ.
"އިސްތިޣްފާރުކުރުމަކީ ހަމައެކަނި ދުލުން ކިޔައިލެވޭ އެއްޗަކަށް ނުހަދާށެވެ. އެހެނީ އެއީ ނަމާދުކުރުމުގެ އިތުރުން ދެންހުރި ހެޔޮ އަމަލުތައް ވެސް ވީހައި ފުރިހަމައަށް ކުރާނެ ކަމަށާއި ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއް ނުކުރަން ވީއެންމެ ބޮޑަށް ގަދަ އަޅައި މަސައްކަތްކުރާނެ ކަމަސް ވެވޭ އިޤްރާރެކެވެ." މުފްތީ މެންކް
އިސްތިޣްފާރު ކުރުމުން ލިބޭނެ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާ ބައެއް ފައިދާތައް:
--ހިތާމަތަކުންނާއި ހިތްދަތިވުންތަކުންނާއި ކަންބޮޑުވުންތަކުން ސަލާމަތްވެވޭނެ މަގު ދައްކަވައިދެއްވަވާނެތެވެ.
--ހާސްކަން ފިލުއްވަވައި ދެއްވަވާނެތެވެ.
--ކުރާ ދުޢާ އިޖާބަ ކޮށް ދެއްވަވާނެތެވެ.
--ޢިލްމް އުނގެނުމަށް މަގުފަހިކޮށްދެއްވަވާނެތެވެ.
--ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި ލިބޭ މަންފާ އިތުރުކޮށްދެއްވަވާނެތެވެ.
--މާޔޫސްކަން ފިލުއްވަވައި ދެއްވަވާނެތެވެ.
--ޑިޕްރެޝަންގެ މައްސަލަތަކުން ސަލާމަތްކޮށް ދެއްވަވާނެތެވެ.
--އިސްތިޣްފާރުކުރުން މަތީގައި ދެމިހުރުމަކީ ހިތުގައި ފާފަފަކުރުމަށް ބިރުވެތިކަން އުފެދި ފާފަ ކުރެވުމުން ސަލާމަތްވުމަސް މަގުފަހިކޮށްދޭ ކަމެކެވެ.
އިސްތިޣްފާރުކުރުމުގެ މާތްކަން- ކީރިތި ޤްރުއާނުން:
"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ތިއަަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިއަބައިމީހުން توبة ވާށެވެ! އޭރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި ޢަމަލު އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ (ޤިޔާމަތް ދުވަހުން) އެކަލާނގެ ދެއްވާނެތެވެ. ތިއަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބާއިމެދު، ތިއަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ." (ހޫދު: 3)
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރު ދެއްވަވާށެވެ!" (އަލްހިޖްރް : 49)
"ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ފާފަފުއްސެވުން) ވަނީ، ނޭނގިތިބެގެން، ނުބައިކަންތައްކޮށް، ދެން އެއަށްފަހު ތައުބާ ވެ، އިޞްލާޙް ވެގަތް ބައަކަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެކަންތަކަށްފަހުވެސް، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ." (ނަޙްލް: 119)
"ތިއަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިއަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ތިއަބައިމީހުންނީ، ޞާލިޙް ބައަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ." (އިސްރާ: 25)
" ތައުބާވެ އީމާންވެ ޞާލިޙް ޢަމަލު ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްްކަލާނގެކަން ކަށަވަރެވެ." (ޠާހާ: 82)
"ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ފާފަފުއްސަވައި ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ، ރަހްމަތް ލައްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ." (އަލްމުއުމިނޫން: 118)