ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއްގައި ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ އަދީބު މިނިވަން ވީ ކޮން ދުވަހަކު ކަމެއް ސާފުނުވި ނަމަވެސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ އަދީބު މިހާރު ހުންނެވީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.
އެހެންނަމަވެސް އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީ އޭނާ އަށް މާލޭން ބޭރަށް ވަޑައެއް ނުގެންނެވޭނެއެވެ.
އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފައެވެ.