މައިމިހާގެ ހިތް ފަޅައިލުމަށްފަހު މާފަށް އެދުމުން 3 ދަރިންނަށް މާފުކުރި މަންމައަކު މުޅި ދުނިޔެއަށް ކުރާ ވޭނީ އާދޭސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
މައިމިހާގެ ހިތް ފަޅައިލުމަށްފަހު މާފަށް އެދުމުން 3 ދަރިންނަށް މާފުކުރި މަންމައަކު މުޅި ދުނިޔެއަށް ކުރާ ވޭނީ އާދޭސް!

އެއީ މީގެ 30 އަހަރު ކުރިއެވެ. އަހަރެންގެ ފިރިމީހާ ނިޔާވީއެވެ. 3 ފިރިހެން ދަރިން ތިއްބެވެ. އަހަރެން އެކުދިން ބަލައި ބޮޑުކުރީ 3 ވަޒީފާ އަދާކޮށްގެންނެވެ. މިއަދު އަހަރެންނަކީ ބަލި މީހެކެވެ. އެކަނި ހިނގައެއް ނުއުޅެވެއެވެ. ކައްކައި ހެދެނީއެއް ނޫނެވެ. އެކަނި ފާޚާނާއެއް ނުކުރެވެއެވެ. އެހީތެރިވާނެ އެކަކުވެސް ނެތެވެ. ނަމަވެސް އަމިއްލައަށް މަރެއް ނުވެވޭނެއެވެ. އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ﷲ އަހަރެންގެ ފުރާނަ ގެންދަވާނެ ދުވަހަކަށް އިންތިޒާރުކުރަނީއެވެ. ހިތާމައަކީ އެދުވަހަށް އިންތިޒާރުކުރަނީ އަހަރެން އެކަނި ނޫން ކަމެވެ. 3 ދަރިންވެސް އެދުވަހަށް އިންތިޒާރުކުރާ ކަމެވެ.  

ކައިވެނީގެ ކުރިން 3 ދަރިންވެސް ވަރަށް ރަނގަޅެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިއައީ އެމީހުންނަށް ކައިވެނި ކުރި އަންހެނުންގެ ގޮތުންނެވެ. ގައަށް ޙާޖަތް ކުރެވޭވަރަށް ދިއުމުން ފާޚާނާއަށް ގެންގޮސް ދޭން ބުނެފިނަމަ ފާޚާނާ ކުރީ ދެންމެ ކަމަށް ބުނެއެވެ. ކަރު ހިއްކާވަރުން ކެތް ނުކުރެވިގެން ބޯނެފެން ފޮދަކަށް އެދިއްޖެ ނަމަ މިހިރީ ފޯނެއްގައި ކަމަށްބުނެއެވެ. 

އެގޮތަށް ވެސް އަހަރެން ނުބަލަން ވެގެން 3 ކުދިންވެސް ގެއިން ނުކުމެގެން ދިއައީއެވެ. މުސްކުޅިން ބަލަހައްޓާ ތަނަކަށް ގެންގޮސްދިނުމަށް ވެސް އެދުނީމެވެ. ބުނީ އެއީ މާޚަރަދު ބޮޑު ކަމެއް ކަމަށެވެ. 

3 ކުދިން ބަހައިގެން ދުވާލަކު ގެއަކަށް ގެންގޮސް އަހަރެން ބަލަން ފެށިއެވެ. ނަމަވެސް އެކަމުގައިވެސް މައްސަލަތައް ޖެހެން ފެށިއެވެ. ހަވާލުވާން ޖެހޭ ދުވަހު ބަހަނާ ދައްކަން ފެށިއެވެ. ނަމަވެސް އަހަރެންނަށް ބުނެވޭނެ އެއްވެސް އެއްޗެއް ނެތެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ހަމަ އަނގައިންވެސް ނުބުނެ އިނީއެވެ. 

މިހާލުގައި އުޅެން ޖެހުން ވެގެންދިއައީ އަހަރެންގެ ޙާލަތު މުޅިން ބަދަލުކޮށްލައިދިން ކަމަކަށެވެ. އެއްދުވަހަކު އެދުވަހު ބަލަން ޖެހޭ ދަރިފުލުގެ ގެއަށް ގެންދިއުމުން ދޮރެއް ނުހުޅުވިއެވެ. އެންމެފަހުން އަހަރެން ގޮވައިގެންދިއަ ދަރިފުޅު ދިއައީ ގޭގެ ދޮރުކައިރީގައި އަހަރެން ބައިންދައިފައެވެ.

އެހެން އިންދައި އައި މީހަކު އަހަރެންނަށް ފުލުހުންގެ އެހީތެރިކަން ހޯދައިދޭން ބޭނުންވިއެވެ. ނަމަވެސް އަހަރެން ބުނީ ކަމެއް ކޮށްދޭނަމަ އަހަރެންގެ ގެއަށް ގެންގޮސް ދިނުމަށެވެ. އޭނާ އަހަރެން ގެއަށް ގެނެސްދިނެވެ. އަދި އެނދުގައި ބާއްވައިވެސް ދިނެވެ. 

ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކޮށްލައިގެން އެނދުގައި އޮތީއެވެ. ފުރާނަ ގެންދަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ހަވީރުވީފަހުން ފެނުނީ 3 ދަރިން އެކުގައި އައިސް ކޮޓަރިއަށް ވަންތަނެވެ. އަދި އެ 3 ކުދިންނަކީ ވަރަށް ބޮޑު 3 މޮޔައިން ކަމަށް ބުނެ އަހަރެންގެ ކިބައިން މާފަށް އެދުނެވެ. 3 ދަރިންނަށް މައިމީހާގެ އަގު ވަޒަން ކުރެވުނީ އެމީހުންނަށް ގެއްލުމުންނެވެ. އެކުދިން ހީކުރީ ކޮންމެވެސް މީހަކު އަހަރެން ގޮތް ނުއެނގޭ ކޮންމެވެސް ތަނަކަށް ގެންދިއައީ ކަމަށެވެ. އަދި ގުނަވަނަތައް ވަގަށް ނަގާ ބައަކަށް ވިއްކައިލީ ކަމަށްވެސް ޝައްކުކުރެވުނެވެ. 

ކޮންމެއަކަސް 3 ދަރިން މާފަށް އެދުމުން އަހަރެން މާފުކުރީމެވެ. އަދި މަރުވުމުގެ ކުރިން 3 ދަރިންގެ ލޯބި ލިބުނީތީ ﷲ ތަޢާލާއަށް ޝުކުރުކުރީމެވެ! 

ވަރަށް ހިތް ދަތި ޙާލުގައި ވޭނުން ފުރިފައިވާ 10 ވަރަކަށް އަހަރު ހޭދަކުރަން ޖެހުނު މައެއްގެ ހައިޞިއްޔަތުން ދުނިޔޭގައި ތިބި ހުރިހާ ދަރިންނަށްވެސް ވަރަށް ބޮޑު އިލްތިމާސެއް ކުރަން ބޭނުންވެއެވެ. އެއީ މަންމަ މަރުވުމުން ދެރަވެ ރުއިމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދެރަވާންވީ މަރުވުމުގެ ކުރިންނެވެ. އެހީތެރިވާންވީ ދުނިޔޭގައި އިންދައެވެ. ދުނިޔޭގައި އެހީތެރިނުވެ ދަރިންގެ ޒިންމާ އަދާކުރެވުނު ކަމަކަށް ނުވާނެއެވެ. މައިމިހާއަށްވެސް މާފުކުރެވޭނީ ދުނިޔޭގައެވެ. އާޚީރަތް ދުވަހަކީ އެއްވެސް މީހަކު އެއްވެސް މީހަކަށް މާފުކުރާނެ ދުވަހެއް ނޫނެވެ! ބަދަލު ހޯދާނެ ދުވަހެވެ!

މިއަދު އޮންލައިން