ޖަނަވާރުންނާ އެއް ދަރަޖައިގަވާ އިންސާނުންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ނުއެގޭނަމަ ރަނގަޅަށް އަޑުއަހާށެވެ.
ޖަނަވާރުން އުފަލުގައި ތިބެން ބޭނުންވާނީ ވަރަށް މަދު ކަމެކެވެ. ކާން ބޯން ލިބުމާއި ހީކަރުވާވަރަށް ބޮލަށް ވާރޭ ނުވެހުމާއި ބިންމަތީގައި ނަމަވެސް ނިދައިލެވުމެވެ. މިކަންކަން ފުރިހަމަވާނަމަ ޖަނަވާރުން ތިބޭނީ ހަމަ ވަރަށް އުފަލުގައެވެ.
އިންސާނުންގެ ތެރެއިން ހަމައެކަނި ބޭނުންތަކަކީ ދުނިޔޭގެ ބޭނުންތައް ކަމުގައި ދެކޭ މީހުން އެތިބީ ޖަނަވާރުތަކާއި އެއް ހަމައެއްގައެވެ. އެމީހުންނަށް ފައިސާ ލިބިފައި މީރުކޮށް ކާން ބޯން ލިބިފައި އަރާމުގައި ނިދައިލެވުމުން ހުރިހާ ކަމެއް ފުރިހަމަވީއެވެ.
ޖަނަވާރު ބަނޑުހައިވުމުން ގަހެއް، ވިނަގަނޑެއް ނުވަތަ އެހެން ޖަނަވާރެއް ކައިލާއިރު އެއީ ހަލާލު އެއްޗެއްތޯ ނުބަލާނެއެވެ. ކައި ބަނޑުފުރައިލެވުމުން ނިމުނީއެވެ. ޖިންސީ ގޮތުން ކަމެއް ފުއްދަން ބޭނުންވުމުން ކައިވެނިކޮށްގެން ތިބިތޯއެއް ނުބަލާނެއެވެ. އަތުޖެހުނު ބައިވެރިއަކާއިއެކު އެކަމެއް ކޮށްލެވުމުން ނިމުނީއެވެ.
ދެން ނިކަން ބުނެބަލާށެވެ! މިކަންކަމުގައި ޖަނަވާރުންނާއި އެއްފަދައިން އަމަލުކުރާ އިންސާނުން މަދީ ހެއްޔެވެ؟ ﷲ ތަޢާލާ ގަންދީ ބުނަމެވެ. ޖަނަވާރުންނާއި އެއް ބީދައިން މިފަދަ ކަންކަން ކުރާ މީހުންނަކީ ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ ބައެކެވެ. އެހެނީ ޖަނަވާރުން އެގޮތަށް އެކަންކަން ކުރަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނުއެނގޭތީއެވެ. ބުއްދި ދެއްވަވާފައި ނުވާތީއެވެ. ވީމާ ވިސްނުމުގެ ބާރު ދެއްވަވާފައިވާ އިންސާނުން ވެއްޓިގެން އެދަނީ ޖަނަވާރުންނަށްވުރެ މާ ދަށު ދަރަޖައަކަށެވެ.
ދެން ބަލަންވީ އެ ދަރަޖައަށް ނުވެއްޓި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށެވެ. އެފަދަ މީހުންގެ ދަރަޖަ މަލާއިކަތުންނަށްވުރެ މަތިވެރިކަމަށް ބުނަމެވެ. އެއީ މަލާއިކަތުން އުފައްދަވާފައި އެއްވެސް އިޚްތިޔާރެއް ދެއްވަވާފައެއް ނޫނެވެ. ﷲ ތަޢާލާ އެންގެވިކަމެއް ކުރުމަށެވެ. ވީމާ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގެ ފުރުޞަތު މަލާއިކަތުންނަކަށް ނުއޮންނާނެއެވެ. ނަމަވެސް އިންސާނުން އުފައްދަވާފައިވަނީ އުރެދުމުގެ އިޚްތިޔާރު ވެސް ދެއްވަވައިފައެވެ.
ﷲ ތައާލާއަށް ފުރިހަމައަށް ކިޔަމަންތެރި އަޅުންގެ ދަރަޖަ މަލާއިކަތުންނަށްވުރެ މަތިވެރިވަނީ އިޚްތިޔާރު ދެއްވެވުމުން ވެސް ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން