އިބިލީސް ޢުމަރުގެފާނު ދެކެ ބިރުގަތީ ކީއްވެ؟ އިބިލީހަށް ޢުމަރުގެފާނު ފެންނައިރަށް ބިރުން ފިލަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
އިބިލީސް ޢުމަރުގެފާނު ދެކެ ބިރުގަތީ ކީއްވެ؟ އިބިލީހަށް ޢުމަރުގެފާނު ފެންނައިރަށް ބިރުން ފިލަނީ ކީއްވެ؟

އިބިލީސް ޢުމަރުގެފާނު ދެކެ ބިރުގަނެއެވެ. ޢުމަރުގެފާނުގެ އަރިއަހަކަށް ނުދެއެވެ. މަގެއްގެ މަތިން ފެނުނު ނަމަވެސް އަވަސް އަވަހަށް ބިރުން ގޯޅިއަޅައެވެ. ޢުމަރުގެފާނަކީ ވެސް ހަމަ އިންސާނެކެވެ. ނަމަވެސް މިވަރުގެ ބޮޑު ބިރެއް އިބިލީސް އެގަންނަނީ ކީއްވެގެން ހެއްޔެވެ؟ 

އެކަމުގެ ސަބަބުތަކާއިމެދު ވިސްނައިލާއިރު ފުރަތަމަ ސަބަބަކީ އިބިލީސް ކިތަންމެ ވަރަކަށް ވަސްވާސް ދިން ނަމަވެސް އެއްވެސް ފާފައެއް ޢުމަރުގެފާނު ނުކުރައްވަވާނެކަން އެނގޭތީއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން ގޮތަކަށް ޢުމަރުގެފާނު އެއްވެސް ކަމެއް ނުކުރައްވަވާނެކަން ޔަޤީންވާތީއެވެ. ޢުމަރުގެފާނު އިސްލާމް ދީނުގައި ސާބިތުވެވަޑައިގެން ހުންނެވި މިންވަރު އިބިލީހަށް އެނގޭތީއެވެ. 

އިބްންއަލްޤައްޔިމް ބަޔާން ކުރައްވާ ގޮތުގައި ފާފަ އަމިއްލައަށް އައިސް 40 ގޮތަކަށް ގޭގެ ދޮރުގައި ޓަކި ޖަހައެވެ. މާނައަކީ މީހަކު ލައްވައި ފާފަ ކުރުވަން ތަފާތު 40 ގޮތަކަށް އެމީހަކާއި ފާފަތައް ކުރިމަތިލައެވެ. ނުވަތަ މީހުން ލައްވައި ފާފަ ކުރުވަން ޝައިޠާނާ ތަފާތު 40 ގޮތަށް މަސައްކަތް ކުރެއެވެ. 

އިބިލީސް ހަމަ އެ ހުރިހާ އުކުޅުތައް ބޭނުންކޮށްގެން ޢުމަރުގެފާނަށްވެސް ވަސްވާސްދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ހަމަ އެންމެ އުކުޅެއްވެސް ކާމިޔާބު ނުކުރެވުނީ ޢުމަރުގެފާނު، އިސްލާމް ދީނުގައި ސާބިތުވެ ހުންނެވި މިންވަރު ބޮޑުކަމުންނެވެ. ވަރުގަދަ ކަމުންނެވެ. ޢުމަރުގެފާނު ވެސް މަސައްކަތްޕުޅު ކުރެއްވެވީ ސުވަރުގެވަޑައިގަތުމަށެވެ. އަހަރެމެންވެސް މަސައްކަތް މިކުރަނީ ސުވަރުގެ ވަނުމަށެވެ. އަހަރެމެންނަށް އެބަ ފާފަ ކުރެވެއެވެ. ވީމާ ދެން އޮތް ހަމައެކަނި ގޮތަކީ ކުރެވޭ ފާފަތަކުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. 

އިބްން ތައިމިއްޔާ ބަޔާން ކުރައްވާ ގޮތުގައި ފާފައިން ފާފަ ކުރުމުގެ ޢުޤޫބާތުން ސަލާމަތްވުމަށް ތަފާތު ދިހަ ގޮތަކަށް މަސައްކަތް ކުރެވިދާނެއެވެ. އެއިގެ ތެރެއިން 3 ގޮތެއް ހާމަކޮށްލާނަމެވެ. 

އެތަނުން ފުރަތަމަ ގޮތަކީ ފާފައެއް ކުރެވޭއިރަށް ވަގުތުން ތައުބާވުމެވެ. ދެވަނަ ގޮތަކީ ފާފައެއް ކުރެވުމުން އަވަހަށް އިސްތިޣްފާރު ކުރަން ފެށުމެވެ. 

އެއް މާނައެއްގައި ތައުބާވުމާއި އިސްތިޣްފާރުކުރުމަކީ އެއް ކަމެކެވެ. ނަމަވެސް ޢިލްމުވެރިންގެ އަރިއަހުގައި ތަފާތު އެބަހުއްޓެވެ. އިސްތިޣްފާރު ކުރުމަކީ ކުރެވިފައިވާ ފާފަތަކަށް މަޢާފްކޮށްދެއްވަވަން ﷲ ތަޢާލާއަށް ދަންނަވަމުން ގެންދިއުމެވެ. ނަމަވެސް ތައުބާގެ މާނައަކީ ފާފައެއް ކުރެވުމުން އެކަމާއި ދެރަވެ ހިތާމަކޮށް، އެފަދަ ފާފައެއް ދެން ނުކުރާނެ ކަމަށް ވަޢުދުވެސް ވުމެވެ. އަދި އިތުރު ފާފައެއް ނުކުރަން ވަގުތުން ޢަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތްކުރުމެވެ. 

ފާފައިން ސަލާމަތްވުމަށް އޮތް 3 ވަނަ ގޮތަކީ ކުރެވުނު ފާފަ އާއިމެދު ހިތާމަކުރުމާއިއެކު ސަވާބު ލިބޭނެ ހެޔޮ އަމަލުތައް ކުރުން އިތުރުކުރުމެވެ. އެގޮތުން މިސްކިތަށް ކުރިން ގޮސް ނަމާދަށް އިންތިޒާރު ކުރުމަކީވެސް ކުރަން ވަރަށް ރަނގަޅު އަމަލެކެވެ. ހިނގާފައި ނަމާދަށް ދިއުމަކީވެސް ކުރަން ވަރަށް ރަނގަޅު އަމަލެކެވެ. ތިމާގެ ކިބައިގައި ޤާބިލުކަން ހުރި މިންވަރަކުން މީސްތަކުންނަށް ހެޔޮ އަމަލުކުރަން ހިތްވަރުދިނުމާއި ވާގިވެރިވުމަކީވެސް ކުރަން ވަރަށް ރަނގަޅު ކަމެކެވެ. 

ކުރަން ޖެހޭ ހެޔޮ އަމަލުތައް ގިނަ ބައަކަށް އެނގެއެވެ. ނަމަވެސް އަމަލު ނުކުރެވެނީއެވެ. އަމަލު ނުކުރާނަމަ އެނގުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ވީމާ ކުރެވޭ ފާފަތަކުން ސަލާމަތްވުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. 

އިބިލީސް އުކުޅުތައް ބޭނުންކުރާނެއެވެ. އެއީ ހުއްޓުވޭނެ ކަމެއް ނޫނެވެ. އަހަރެމެންނަށް ކުރެވޭނެ ކަމަކީ ފާފަތަކުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ވީމާ ހެޔޮ އަމަލަކަށް ވެދާނެ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ލިބިއްޖެ ނަމަ ދޫކޮށް ނުލާށެވެ. އެއީ މީހަކަށް މަގު ހުރަސް ކުރުމުގައި އެހީތެރިވުން ނަމަވެސް މެއެވެ. މީހަކު އަތުން ބިންމައްޗަށް ވެއްޓޭ އެއްޗެއް ނަގައިދިނުން ފަދަ ކިތަންމެ ކުޑަކުޑަކަމެއް ނަމަވެސްމެއެވެ. އަދި ކީއްހެއްޔެވެ؟ މީސްތަކުންނަށް ހިނިތުންވެލުން ފަދަ ކުޑަކުޑަ ކަމެއް ނަމަވެސްމެއެވެ. ހެޔޮ އަމަލުކުރުން ގިނަކުރާ ވަރަކަށް އިބިލީސް ފަހަތަށް ޖެހޭނެއެވެ. ވީމާ އިބިލީސް ފަހަތަށް ޖައްސުވަން ކުރަން އޮތް ކަމަކީ ހެޔޮ އަމަލުތައް ގިނަކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން