ފާހިޝް އަމަލުތައް ކުރުމަށް މަޖުބޫރު ކުރުވޭ އަންހެނުން މިހާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ! ރައްކައުތެރިކަން ލިބޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ފާހިޝް އަމަލުތައް ކުރުމަށް މަޖުބޫރު ކުރުވޭ އަންހެނުން މިހާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ! ރައްކައުތެރިކަން ލިބޭނެއެވެ!

އިންސާނުންނަށް އަބަދުވެސް ދިރިއުޅެންޖެހިފައިވަނީ ގޮންޖެހުންތަކާއިއެކުގައެވެ. ޚާއްޞަކޮށް ﷲ ތަޢާލާގެ ޙައްޤުތަކަށް ރައްކައުތެރިވުމުގައެވެ. ޚާއްޞަކޮށް ފާފަތަކަށް އަރައިގަތުމަށް މަގުފަހިވެފައިވާ މިޒަމާނުގައެވެ. 

މިޒަމާނަށް ބަލައިފިނަމަ އެންމެ ގިނަ ބައަކަށް، ޢާންމުކޮށް ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފާހިޝް އަމަލުތަކަށް އަރައިނުގަނެ ފާހިޝް އަމަލު ނުކޮށް ތިބުންކަން ފާހަގަކުރެވެއެވެ. މިކަމަށް ބަލާއިރު ގިނަ ބައަކު އެފަދަ އަމަލުތައް ކުރަނީ އެފަދަ އަމަލުތައް ކުރަން އަމިއްލައަށް ބޭނުންވެގެންނެވެ. އެހެންކަމާއިއެކުވެސް ޙާލަތާއި އެހެންވެސް ސަބަބުތަކާއިހުރެ މަޖުބޫރުވެގެން، ނުވަތަ މަޖުބޫރުކުރުވައިގެން މިބާވަތުގެ އަމަލުތަކުގެ ޝިކާރައަކަށް ހަދަމުން ގެންދާކަންވެސް ފާހަގަކުރެވެއެވެ. މިމައްސަލަ މިގޮތަށް ބޮޑުވެގެންދަނީ ގިނައިން އަންހެނުންނަށްކަންވެސް ފާހަގަކުރެވެއެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންނަކީ ތިއަ ކަނބަލުންގެ ޢިއްފަތްތެރިކަން ރައްކައުތެރިކޮށްގެން ދިރިއުޅެމުން އަންނަ ބައަކު ކަމުގައި ވާނަމަ އެހީތެރިކަމަށް ބޭނުންވާ ވަގުތުތަކުގައި ﷲ ތައާލާގެ ރައްކައުތެރިކަން ތިއަ ކަނބަލުންނަށް މިންވަރުފުޅު ކުރައްވަވާނެއެވެ. ބޭނުންވަނީ ތިއަ ކަނބަލުންގެ އިޚްލާޞްތެރިކަމެވެ. 

މިކިޔައިދެނީ ދާދިފަހުން ފަރަންސޭސިވިލާތުގައި މުސްލިމް އަންހެނަކަށް ކަންތައްތައް މެދުވެރިވި ގޮތެވެ. އެފަދަ ޙާލަތެއް ކުރިމަތިވި އަންހެނަކު ދެއަތް އުފުލައި ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދި ދުޢާކުރިތާ އެންމެ 2،3 މިނިޓް ތެރޭގައި ފުލުހުން ތިބީ އެ ހޮޓަލުގައެވެ. ފުލުހުން ހޮޓަލަށް ދިއައީ ހޮޓަލުގައި އެކަން ހިނގާކަން އެނގިގެނެއް ނޫނެވެ. ވައްކަންކުރި މީހަކު އެހޮޓަލުގެ ކޮޓަރިއެއްގައި ހުރިކަމަށް ތުހުމަތު ކުރެވިގެން އޭނާ އަތުލައިގަތުމަށެވެ. ނަމަވެސް ނަތީޖާއަކަށްވެގެންދިއައީ ފުލުހުންގެ ބައަކު ހޮޓަލަށް ވަދެއްޖެކަން އެނގުމުން އަންހެން މީހާ ޝިކާރަކުރަން އުޅުނު މީހުން ގަތް ބިރުން އޭނާ ދޫކޮށްލާފައި އެތަނުން ފިލުމެވެ. 

އެމީހުން ފިލީ އަނހެން މީހާ ރުއްސުމަށްޓަކައި ކޮޓަރީގައި އެތައް ބައިވަރު ފައިސާވެސް ބަހައްޓާފައެވެ. އަންހެންމީހާއަސް ސަލާމަތް ވެވުމުން ކޮޓަރިން ނުކުތީ އެހުރިހާ ފައިސާތައްވެސް ހިފައިގެންނެވެ. ނަމަވެސް އެތަނުން އެއްވެސް ފައިސާއެއް އޭނާ ބޭނުމެއް ނުކުރެއެވެ. އޭނާއަށް މިންވަރުފުޅު ކުރެއްވެވި މަތިވެރި ނިޢްމަތަށް ޝުކުރުވެރިވުމުގެ ގޮތުން ހުރިހާ ފައިސާ ހަދިޔާކުރީ މިސްކިތަކަށެވެ. އޭނާ އެކުރީ އޭނާގެ ދަރަޖަ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ. އިން ޝާ ﷲ! 

އޭނާ ބުނި ގޮތުން އެފައިސާތައް ގެންދިއައީ އެތަނުގައި ބަހައްޓާފައި ދިއަ ނަމަ ހޮޓަލުގެ މުވައްޒިފުން ނަގައި ބޭނުން ކުރާނެތީއެވެ. އަމިއްލަ ބޭނުމެއް ކުރުމުގެ ނިޔަތަކު ނޫނެވެ. 

މިކަމުން ވެސް އެނގިގެންދިއައީ ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމަށް އިޚްލާޞްތެރިން އިޚްލާޞްތެރިކަމާއިއެކު އެދުމުން މިންވަރުކުރައްވަވާނެ ކަމެވެ. އެކަން މެދުވެރިކުރައްވަވާނީ ކިހެއްކަން ނުވެސް އެނގޭނެ ކަމެވެ. 

ހަމައެކަނި ކަމެއް ދިމާވުމަކުން ނޫނެވެ. އެމީހެއްގެ ހިތުގައި އަބަދުވެސް ﷲ ތަޢާލާއަށް ބިރުވެތިކަން ބާއްވަން ޖެހޭނެއެވެ. ކިތަންމެ ސިއްރުން ކަމެއް ކުރި ނަމަވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތުގައި ބާއްވައި ﷲ ތަޢާލާއަށް ބިރުވެތިވެގެން ހުންނަ މީހާ، ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމަށް އެދުމުން އެކަން މިންވަރުފުޅު ކުރައްވަވާނެތެވެ. އިން ޝާ ﷲ! 

މިހިސާބުން ޔޫސުފްގެފާނުގެ ސިޔަރަތަށް ޖެހިލަމާ ހިނގާށެވެ! ހުރިހާ ދޮރުތަކެއް ތަޅުލެވިފައިވީ އިރުވެސް ޔޫސުފްގެފާނު ﷲ ތަޢާލާގެ ހިމާޔަތާއި ރައްކައުތެރިކަމަށް އެދިވަޑައިގަތެވެ. އަދި އެދިވަޑައިގަތީ "ވަގުން" ޙިމާޔަތާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވެވުމަށެވެ. ﷲ ތަޢާލާ ހަމަ ވަގުތުން އެކަން މިންވަރުފުޅު ކޮށްދެއްވެވިއެވެ. 

މިއަދު އަހަރެމެން ކުރާ ކަންކަމާއި އަހަރެމެންނަށް މެދުވެރިވާ ކަންކަން ބައްލަވައި ވޮޑިގެންވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ. ތަފާތުވެގެން މިއުޅެނީ އަހަރެމެންގެ އަމަލުތަކެވެ. އަހަރެމެންގެ އިޚްލާޞްތެރިކަމެވެ. އަހަރެމެންގެ ތަޤްވާވެރިކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން