ޖިނާޢީ ތަޙްޤީޤުކުރާ އިދާރާއަކުން އެދޭ މަޢުލޫމާތު ގާނޫނު ލާޒިމްކުރާ މިންވަރަށް، ހިއްސާކުރާ ކަމަށް ބީއެމްއެލުން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ޖިނާޢީ ތަޙްޤީޤުކުރާ އިދާރާއަކުން އެދޭ މަޢުލޫމާތު ގާނޫނު ލާޒިމްކުރާ މިންވަރަށް، ހިއްސާކުރާ ކަމަށް ބީއެމްއެލުން ބުނެފި

ބޭންކް އެކައުންޓް މެދުވެރިކޮށް ހިންގޭ ކުށްތައް ތަޙްޤީޤުކުރެވުމަކީވެސް މުހިއްމު ކަމެއް ކަމަށްވެފައި، ޖިނާޢީ ތަޙްޤީޤުކުރާ އިދާރާއަކުން އެދޭ އެފަދަ މަޢުލޫމާތު ދޫކުރުމަށް ބޭންކިންގއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތީން ކަސްޓަމަރުންގެ މަޢުލޫމާތު ބޭންކުން އައީ ތަހްޤީޤީ އިދާރާތަކާ ހިއްސާކުރަމުން ކަމަށް ބީއެމްއެލް އިން ބުނެފިއެވެ. 

 

ތަހުޤީޤީ އިދާރާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބީއެމްއެލް އިން ނެރުނު ބަޔާން:

ބޭންކެއް ވުޖޫދުގައި ޤާއިމްވެ އޮންނަނީ އެ ބޭންކެއްގައި އެކައުންޓު ހުޅުވާފައިވާ ފަރާތްތަކުންނާއި ބޭންކާއެކު މުޢާމަލާތްކުރާ ކޮރެސްޕޮންޑެންޓް ބޭންކްތަކާއި ކާޑް ނެޓްވަރކްތަކުން ބޭންކަށް ކުރާ އިތުބާރުގެ މަށްޗަށެވެ. މި އިތުބާރު ދެމެހެއްޓުމައްޓަކައި ބޭންކިންގއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ފަދައިން ބޭންކުގައި އެކައުންޓް ގެންގުޅުއްވާ ފަރާތްތަކާއި އެ އެކައުންޓްތަކުން ކުރެވޭ މުޢާމަލާތްތަކާއި އެކައުންޓުތަކުގެ މަޢުލޫމާތު، ރައްކާތެރިކަމާއިއެކު ބެލެހެއްޓުމަކީ ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ޤާނޫނުން ލާޒިމުކުރާކަމެކެވެ. 

ހަމައެފަދައިން، ބޭންކް އެކައުންޓް މެދުވެރިކޮށް ހިންގޭ ކުށްތައް ތަޙްޤީޤުކުރެވުމަކީވެސް މުހިއްމު ކަމެއް ކަމަށްވެފައި، ޖިނާޢީ ތަޙްޤީޤުކުރާ އިދާރާއަކުން އެދޭ އެފަދަ މަޢުލޫމާތު ދޫކުރުމަށް ބޭންކިންގއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ލާޒިމްކުރާ މިންވަރަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމަރުންގެ މަޢުލޫމާތު ބޭންކުންއައީ ތަހްޤީޤީ އިދާރާތަކާ ހިއްސާކުރަމުންނެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާއާއި 73 ވަނަ މާއްދާއަށް ހަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2019/HC-A/26 ގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަކީ މި މާއްދާގެ (ހ) އަށް އޮތް އިސްތިސްނާ ޙާލަތެއް ކަމުގައި ބެލިނަމަވެސް އެ އިސްތިސްނާއެއްގެ ބޭނުންކުރަންވާނީ ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި ކަނޑައަޅާފައިވާ ޢާއްމު އިޖުރާއަތުތައް ބޭނުންކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެކަށީގެންވާ ސަބަބުތަކަކާއިއެކު ކަމުގައި ކަނޑައަޅުއްވުމާ ގުޅިގެން ތަޙްޤީޤީ އިދާރާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން ޢަމަލުކުރަންޖެހޭ ކަމަށް މި ބޭންކަށް ޤަބޫލުކުރެވޭ ގޮތާއި ތަޙްޤީޤީ އިދާރާތަކުން ދެކޭ ގޮތާމެދު ފަރަގު އުފެދިފައިވާތީ، ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަދަ  އެދެވޭ ހައްލެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށާއި މި މައްސަލައިގައި ގޮތެއް ކަނޑައަޅައިދެއްވުން އެދި ސިވިލް ކޯޓަށް މި ބޭންކުން މައްސަލަ ހުށަހެޅި ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބޭންކް އޮފް މޯލްޑިވްސް އިން ބޭންކިންގއާބެހޭ ޤާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތަޙްޤީޤުކުރާ އިދާރާތަކުން ކުރާ ތަޙްޤީޤުތަކުގައި ފުރިހަމަ އެއްބާރުލުން ދެމުން އައިސްފައިވާނެކަމާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

 

މިއަދު އޮންލައިން