އިމާމް އަޙްމަދުގެ ކައިވެނިފުޅަށް 20 އަހަރު ފުރި އަނބިކަނބަލުން އަވަހާރަވިއިރުވެސް ދުވަހަކުވެސް ދެބަސް ނުވެ އުޅުއްވެވުނު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އިމާމް އަޙްމަދުގެ ކައިވެނިފުޅަށް 20 އަހަރު ފުރި އަނބިކަނބަލުން އަވަހާރަވިއިރުވެސް ދުވަހަކުވެސް ދެބަސް ނުވެ އުޅުއްވެވުނު ސަބަބު!

އިމާމް އަޙްމަދު ބިން ޙަންބަލް ކައިވެނިފުޅު ބައްލަވައިގަތުމަށް ބޭނުންފުޅުވުމުން މައިފުށުގެ ބޮޑުދައިތާފުޅަކު މެދުވެރިކުރައްވައި އެއްގެއެއްގެ ދެބެއިންގެ ކަންތައް ބެއްލެވިއެވެ. ހަގު ކުއްޖާއަކީ ރީތިކަމުގެ ހުރިހާ ސިފަތަކެއް ލިބިގެންވީ ކުއްޖެކެވެ. އޭނާގެ ދައްތައަކީ އެހައި ރީތި ކުއްޖެއް ނޫނެވެ. ނަމަވެސް ވަރަށް ދީންވެރިކަމުގެ ގޮތުން އަރާހުރި ކުއްޖެކެވެ.

ކައިވެނިފުޅު ބައްލަވައިގަތީ ދީންވެރި ކުއްޖާއާއިއެވެ. އެކަމަނާ އަވަހާރަވީ ކައިވެނިފުޅަށް 20 އަހަރުގައެވެ. ޖަނާޒާގެ ކަންތައް ނިމިވަޑައިގަތުމުން އިމާމް އަޙްމަދު ވިދާޅުވިއެވެ "ކައިވެނިފުޅުގައި ހޭދަކުރެއްވެވި 20 އަހަރު ތެރޭގައި އެންމެ ދުވަހަކުވެސް އެއްވެސް ކަމަކާއިމެދު ދެބަސްވެވަޑައެއް ނުގަންނަވައެވެ. ކަންބޮޑުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެއްވެސް ކަމެއް އެންމެ ފަހަރަކުވެސް ކުރައްވަވާފައެއް ނުވެއެވެ. 

ކައިވެނީގެ ބޭނުމަކީ މިއީ ނޫން ހެއްޔެވެ؟ ދެބަސްނުވެ އެކުގައި ލޯބިން ހަޔާތް ހޭދަކުރުން ނޫން ހެއްޔެވެ؟ ވީއިރު ކައިވެނި ކުރުމުގައި ދީންވެރިކަން އިޚްތިޔާރުކޮށް އިސްކުރާނަމަ އެކައިވެންޏަކުން ލިބޭނީ އުފާވެރިކަމެވެ. އަހަރެމެންގެ އިމާމުން ދައްކަވާފައިވާ މިފަދަ ނަމޫނާތަކުގައި ހިފަހައްޓާނަމަ ހުރިހާ މައްސަލަތަކެއްވެސް ދާނީ ޙައްލުވަމުންނެވެ. 

މިއީ އަހަރެންގެ ނަޞޭހަތެވެ. ފިރިހެނުންނަށާއި އަންހެނުންނަށެވެ. ކައިވެނިކުރަނީ އުފަލުގައި ދިރިއުޅުމަށެވެ. އެހެންކަމަށްވާއިރު ޙަޔާތުގެ ބައިވެރިޔާއަކީ ދީންވެރި، އަދި ދީންވެރިކަމާއިއެކު ޚުލްޤް ރަނގަޅު މީހަކުކަން ކަށަވަރުކުރާށެވެ! އަދި ބޯހަރު، ގޮތް ދޫނުކުރާ މީހަކާއި ވައިވެސް ނުއެޅިވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! އެހެނީ ގޮތް ދޫނުކުރާ ބައިވެރިއަކާއިއެކު ދިރިއުޅުން ވާނީ ގަދަ ކަނޑެއްގައި ފެތުން ފަދަ ކަމަކަށެވެ. އެއީ ހަމަ އެއްވެސް މީހަކަށް ތަޙައްމަލް ކުރެވޭނެ ކަމެއް ނޫނެވެ! 

މިހާރު ކައިވެނިކޮށްގެން ތިބި މީހުންނަށްވެސް ބުނެލަން ބޭނުމެވެ! ގޮތް ދޫކުރަން ޖެހޭ ކަންކަމުގައި ގޮތްދޫކުރާށެވެ! ކޮންމެ ކަމެއް ތިމާ ބޭނުންވާ ގޮތަށް ނިންމަން މަސައްކަތް ނުކުރާށެވެ! އެގޮތަށް މަސައްކަތްކުރާނަމަ އެ ދަތުރުކުރެވެނީ ކައިވެނި ނިމުމާއި ދިމާއަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން