މުސްލިމުންގެ ބަހެއް ނޫނެވެ! ވޯލްޑް ވައިލްޑް ލައިފް ފައުންޑޭޝަންގެ ބަހެވެ. 2017 ވަނަ އަހަރު އައިއިރު ދުނިޔޭގައި ލެއްވެވި ތަފާތު މަސްމަހާމެއްސާއި ޖަނަވާރުތަކުގެ 58 އިންސައްތަ ވަނީ ނެތިގެން ގޮސްފައެވެ. އަދި 2020 އަންނައިރު ދުނިޔޭގައި އުޅޭ ޖަނަވާރުތަކުގެ ތިންބައިކުޅަ ދެބައި ނެތިގެންދާނެއެވެ. އަދި ކީއް ހެއްޔެވެ؟ މިކަންކަން މިގޮތަށް މެދުވެރިވެގެން މިދަނީ އިންށާނުންކުރާ ޢަމަލުތަކުގެ ސަބަބުންނެވެ.
މީސްތަކުންނޭވެ! މިވާހަކަ ދެއްކުމުން މިކަން ޔަޤީންކުރަން ފުރަތަމަވެސް ބަލަންވީ ކީރިތި ޤްރުއާނަށެވެ. މިގޮތަށް މިކަންތައްތައް މެދުވެރިވާނެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވައިފައެވެ. ރޫމް ސޫރަތުގެ 41 ވަނަ ޢާޔަތް ބަލާށެވެ!
"މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލު ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާ ވެ) (ﷲގެ މަގަށް) ރުޖޫޢަ ވުމަށްޓަކައެވެ."
2020 މިވަނީ އައިސް ޖެހިފައެވެ. ބުނެވި ދިއަ ކަންކަމުގެ ސަބަބުން ކާބޯތަކެތި ލިބުން ދަތިވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިކަންކަމުގެ ސަބަބުން އިންސާނުން ބަނޑަށް ޖެހި އިންސާނުންނަށް ކުރިމަތިލާން ޖެހޭނެ ނިކަމެތި ޙާލަތާއިމެދު ވިސްނާށެވެ! އަހަރެމެންނަށް އެއްވެސް ކަމެއް ވިސްނިއްޖެ ހެއްޔެވެ؟ ފަސާދަ ނުވަތަ ކޮރަޕްޝަން ޢާންމުކޮށް އިތުރުކުރުން ނޫން އެއްވެސް ކަމެއް އެބަ ކުރެވޭ ހެއްޔެވެ؟
ދުނިޔޭގައި ﷲ ތަޢާލާ ލެއްވެވި ޤްދްރަތީ ނިޒާމްތައް ހަލާކުކުރަމުން މިދަނީ އަހަރެމެންގެ އަތުންނެވެ. ޖައްވު ނުސާފުކުރަނީ އަހަރެމެންނެވެ. ފެން ފަށަލަ ހަލާކުރަމުން މިދަނީ ވެސް ހަމަ އަހަރެމެން އިންސާނުންނެވެ. ދުނިޔެއަށް މިފަދަ ބޮޑު ގެއްލުމެއް ދިނުމަކީ ޖަނަވާރުވެސް ކުރާނެ ކަމެއް ނޫނެވެ. ކޮންމެއަކަސް މިއަދު މިވަނީ މިކަންކަމާއި ކުރިމަތިލާން ޖެހިފައެވެ.
- ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން