ޛިކުރުކުރުމުގަ ދެމި ނުހުންނަ ނަމަ އެންޓިބައޮޓިކްސް ޑޯޒް ފުރިހަމަނުކުރުމުން ކުރިމަތިވާ މައްސަލަތައް ކުރިމަތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޛިކުރުކުރުމުގަ ދެމި ނުހުންނަ ނަމަ އެންޓިބައޮޓިކްސް ޑޯޒް ފުރިހަމަނުކުރުމުން ކުރިމަތިވާ މައްސަލަތައް ކުރިމަތިވާނެ!

ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން އެންޓިބައޮޓިކްސް ދޭނެ ޖެހޭ ކަންކަމުގައި ޑޯޒް ލިޔެދީފައި ޑޯޒް އެކުގައި ބޭނުންކުރުމަށް ޑޮކްޓަރުން ބުނާނެއެވެ. ޑޮޒް ފުރިހަމަ ނުވަނީސް ޝިފާ ލިބުނު ނަމަވެސް ޑޯޒް ފުރިހަމަކުރަން ބުނާނެއެވެ. އެއީ ޑޯޒް ފުރިހަމަ ނުކުރާނަމަ ބަލި އަލުން ޖެހުމުގެ ފުރުޞަތު ބޮޑުކަމުންނެވެ. 2،3 ދުވަހު ކެއި ބޭހުން ލުޔެއް ލިބުނު ނަމަވެސް ބަލި އެކުގައި ފަސޭހަ ނުވާނެތީއެވެ. ބަލި އެކުގައި ފަސޭހަ ނުވާނަމަ ފައިދާއެއް ނުކުރާނެތީއެވެ.  

އަހަރެމެންގެ ތެރެއިން ފާފަކުރުމަށް ދެވިހިފާފައި ތިބޭ މީހުންވެސް މިކަމަށް ވިސްނަން ވާނެއެވެ. ފާފަކުރުމުން ދުރުހެލިވުމަށް ޢަޒުމް ކަނޑައަޅައިގެން ޛިކްރުކުރަން ފެށުމަށްފަހު އެކަމުން އެކުގައި ސަލާމަތް ނުވެވެނީސް ހުއްޓާލައިގެން ނުވާނެއެވެ. މެދުކަނޑާލައިފިނަމަ އަނެއްކާވެސް ޝައިޠާނާ ބާރުގަދަކޮށްލާނެއެވެ. 

ކުރެވެމުން އަންނަ ފާފައެއް ކުރުން ހުއްޓާލައި ތައުބާވުމަށް ޢަޒުމް ކަނޑައަޅައިގެން ޛިކްރުކުރަން ފަށާއިރަށް އިބިލީސް އައިސް ވަސްވާސް ދޭނެއެވެ. ބުނާނެއެވެ. "ތިއައީ ދެން ކީއްކުރަން ކުރާ ކަމެއް ހެއްޔެވެ؟ ރޭވެސް ތިބާ ފާފަކުރިއެވެ. އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ވީމާ ތިއަ ކިޔަވާ އެއްޗަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ތިއަކުރަނީ ހަމަ ބޭކާރު ކަމެކެވެ. ފުރަތަމަ ފާފަކުރުން އެކުގައި ހުއްޓައިލާށެވެ! ދެން ޛިކުރުކުރަން ފަށާށެވެ!" 

މިމޭރުމުން ވަސްވާސް ދިނުމުގެ ބޭނުމަކީ އެމީހަކު ފާފަފަކުރުމުން ދުވަހަކުވެސް ސަލާމަތްވިއަ ނުދިނުމެވެ. 

މީސްތަކުންނޭވެ! އިބިލީސް ދޭ މިފަދަ ވަސްވާސްތަކަށް ނުހެއްލޭށެވެ! ފާފަކުރުން ހުއްޓައިލަން ބޭނުންވާ މީހާ ޛިކުރުކުރުން ގިނަކުރާށެވެ! މެދުކަނޑައިނުލާށެވެ! އެކަމަކުން އެކުގައި ސަލާމަތްވަންދެން ހިތްވަރުކުރާށެވެ! އަދި ސަލާމަތްވުމުންވެސް ހިތްވަރުކުރާށެވެ. ޛިކުރު ކުރުމުގައި ދެމިހުންނާށެވެ! ޛިކުރުކުރުމުގައި ސާބިތުވެއްޖެ މީހަކަށް ﷲ ތަޢާލާ މަގުދައްކަވާނެތެވެ. އިބިލީހުގެ ބަހަށް ހެއްލި މެދުކަނޑާލައިފި ނަމަ އެދެވުނީ އަނެއްކާވެސް ހަމަ އެންމެ ފުލަށެވެ. އެހެންކަމުން މެދުކަނޑައިލާނަމަ ކުރިއެރުމެއް ނުލިބޭނެއެވެ. 

ޛިކުރުކުރަމުން ދަނިކޮށްވެސް ފާފައެއް ކުރެވިދާނެއެވެ. މާޔޫސް ނުވާށެވެ! ޛިކުރުކުރުން މަތީގައި ދެމިހުންނާށެވެ! ޛިކްރުކުރުމާއިއެކު ފާފަކުރާ ހިތް ނުވާނެ ގޮތެއް މިންވަރުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ އެމީހަކު އެކަމުން ސަލާމަތްކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ! 

ޔަޤީންކުރާށެވެ! ޛިކްރުކުރުން ގިނަ ކުރުމަކީ ފާފަކުރެވުމާއި ދެކޮޅަށް ދެވޭނެ އެންމެ ވަރުގަދަ ފަރުވާއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން