ކީރިތި ޤްރްއާނުން ކިތަންމެ ކުޑަތަންކޮޅެއް ކިޔެވި ނަމަވެސް ފަރުވާތެރި ނުވުމަކީ ފާފަވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކީރިތި ޤްރްއާނުން ކިތަންމެ ކުޑަތަންކޮޅެއް ކިޔެވި ނަމަވެސް ފަރުވާތެރި ނުވުމަކީ ފާފަވެރިވާނެ ކަމެއް!

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކީރިތި ޤްރުއާން ކިޔެވުމަކީ ހަމައެކަނި މުޞްޙަފް ބަލައިގެން އިނދެ ކިޔެވުން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކީރިތި ޤްރުއާނުން ކިތަންމެ ކުޑަ މިންވަރެއް ކިޔެވި ނަމަވެސް އަދި ކޮންމެ ތަނެއްގައި ހުރެގެން ކިޔެވިނަމަވެސް އެއީ ހަމަ ކީރިތި ޤްރްއާން ކިޔެވުމެވެ. ކިޔެވުމަށް ރައްކައުތެރިވާން ޖެހޭނެއެވެ. 

އެކަން އެނގިގެންދަނީ ކީރިތި ޤްރުއާނުގެ ޔޫނުސް ސޫރަތުގެ 61 ވަނަ އާޔަތުންނެވެ. މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެންދަނީ އެންމެ އާޔަތެއް ކިޔެވި ނަމަވެސް ރައްކައުތެރިވާންޖެހޭނެކަމެވެ. އެކަން ކުރާއިރު އެމީހާއަށް، އެމީހާ ކުރާ އަމަލަށް ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައިވޮޑިގެންވާ ކަމެވެ. 

ގިނަ މީހުންނަށް ފަރުވާ ކުޑަކުރެވެނީ މިކަންކަން ނުއެނގޭތީ ކަމަށްވެދާނެއެވެ. ވީމާ ކޮންމެ މީހަކު ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ކީރިތި ޤްރުއާނުން އެއްވެސް މިންވަރެއް ކިޔަވާނަމަ ކިޔަވަން ޖެހޭ ގޮތަށް ސަމާލުކަން ދޭށެވެ. ޢިލްމުވެރިން ޚުޠުބާ ވިދާޅުވާއިރުގައާއި ދަރުސް ދެއްވާއިރުވެސް ތަޖްވީދުމަގުން ޤްރްއާނުގެ އާޔަތްތައް ވިދާޅުވަނީ މި ސަބަބަށްޓަކައެވެ. އަޢީޖް ވިދާޅުވެ ފަށްޓަވަނީވެސް އެ ސަބަބަށްޓަކައެވެ. 

ކީރިތި ޤްރުއާނުން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ފަރުވާ ކުޑަކޮށްލައިގެން ކިޔެވުމަކީ ކީރިތި ޤްރުއާނަށް އަދާކުރަންޖެހޭ އަދަބް އިހްތިރާމް ކުޑަވެގެންދާ ކަމެކެވެ. އަދި އެއީ ފާފަވެރިވެދާނެ ކަމެކެވެ. ވީމާ އެކަމަސް ރައްކައުތެރިވުމަށް ވަޞިއްޔަތް ކުރަމެވެ. 

"ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު ޤްރުއާނުން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ ޢަމަލެއް ކުރިޔަސް، އެ ޢަމަލުގެ ތެރޭގައި ތިއަބައިމީހުން އުޅޭހިނދު، ތިއަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ. އަދި އުޑާއި، ބިމުގައިވާ ޛައްރެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް، އަދި އެއަށްވުރެ ބޮޑަސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ވަންހަނާވެގެނެއްނުވެތެވެ. ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިމެނުވީ ނުވެތެވެ." (ޔޫނުސް: 61) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން