"މިދުނިޔޭގައި ސުވަރުގޭގެ ބަގީޗާއަށް ނުވަން މީހަކަށް ޤިޔާމަތް ދުވަހު ސުވަރުގެއަކަށް ނުވަދެވޭނެ!": ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
"މިދުނިޔޭގައި ސުވަރުގޭގެ ބަގީޗާއަށް ނުވަން މީހަކަށް ޤިޔާމަތް ދުވަހު ސުވަރުގެއަކަށް ނުވަދެވޭނެ!": ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ

ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "މިދުނިޔޭގައި ސުވަރުގޭގެ ބަގީޗާއެއް ވެއެވެ. މިދުނިޔޭގައިވާ ސުވަރުގޭގެ ބަގީޗާއަށް ނުވަން މީހަކަށް ޤިޔާމަތް ދުވަހު ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި މިދުނިޔޭގައިވާ ސުވަރުގޭގެ ބަގީޗާއަށް ވަނުމަކީ ވީހައި ގިނައިން ﷲ ތަޢާލާއަށް އަޅުކަން ކުރުމެވެ." 

މީސްތަކުންނޭވެ! މިބަސްފުޅުން އެނގިގެންދަނީ އެމީހެއްގެ ހިތުގައި އީމާންކަން ފުރިހަމަ ނުވާ މީހަކަށް އާޚިރަތް ދުވަހު ލިބޭނެ ކާމިޔާބީއެއް ނެތް ކަމެވެ. އީމާންކަން ލިބިފައިވާނަމަ އެމީހަކު ވީހައި ގިނައިން އަޅުކަން ކުރާނެއެވެ. ޙެޔޮ އަމަލުތައް ކުރާނެއެވެ. 

ނަޙްލް ސޫރަތުގެ 97 ވަނަ އާޔަތުގައިވެއެވެ. "މުއުމިނަކު ކަމުގައިވާ ޙާލް، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙް ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމްލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ." 

ކޮންމެ މީހަކީވެސް އުފާވެރިކަމަށް އެދޭނޭ މީހެކެވެ. މިދުނިޔޭގައިވެސް އުފާވެރިކަން ލިބުމަށް އެދޭނެއެވެ. އަދި އާކިރަތް ދުވަހުގެ އުފާވެރިކަމަށް މާ ބޮޑަށް އެދޭނެއެވެ. އެހެންކަމުން އުފާވެރިކަމަށް އެދޭ މީހާ އެންމެ އިސްކަން ދީގެން ކުރަން ޖެހޭ 3 ކަންތައް އިމާމް ހަސަނުލް ބަސްރީ ވަނީ ބަޔާންކުރައްވަވައިފައެވެ. 

އެ 3 ކަންތަކުގެ ގޮތުގައި ހަސަނުލްބަސްރީ ބަޔާން ކުރައްވަވާފައިވަނީ ކީރިތި ޤްރްއާން ކިޔެވުން ގިނަކުރުމާއި، ޛިކްރު ކުރުން ގިނަ ކުރުމާއި ނަމާދުކުރުން ގިނަކުރުމެވެ. އަދި މި 3 ކަމުން އުފާވެރިކަން ނުލިބުނު މީހަކަށް އުފާވެރިކަން ލިބޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމަށާއި އުފާވެރިކަން ލިބޭނެ ހުރިހާ ދޮރުތަކެއް އެމީހަކަށްޓަކައި އެވަނީ ބަންދުވެފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. 

ކީރިތި ޤްރްއާން ކިޔެވުމުން ހިތަށް ލިބޭ ހަމަޖެހުން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ. ނިދި ހަމަނުކޮށް ފަތިހު ހޭލައިފި ނަމަ ހަށިގަނޑުގައި ލޮޑުކަމެއް ހުރެދާނެއެވެ. ނިދި ހަމަކޮށްގެން ހޭލައިފި ނަމަ އެ ލޮޑުކަމެއް ނުހުންނާނެއެވެ. ހުންނާނީ ތާޒާކަންމަތީގައެވެ. ކޮންމެ ޙާލަތެއްގައި ނަމަވެސް ފަތިހު ހޭލައި. ޚާއްޞަކޮށް ޖަމާއަތުގައި ފަތިސް ނަމާދުކުރުމުން އެ ލިބޭ ހިތްހަމަޖެހުން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ.

ޛިކްރު ކުރާ މީހާއަށް ﷲ ތަޢާލާ އާއިމެދު ލިބޭ ޔަޤީންކަން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ. އެހެނީ ޛިކްރުކުރުން ގިނަކުރާ މީހާ އަބަދުވެސް ހުންނާނީ ފާފައަށް ބިރުންނެވެ. ފާފައަށް އަބަދުވެސް ބިރުން ހުންނަ މީހާ އަށް ﷲ ތަޢާލާ އާއިމެދު އަބަދުވެސް ދާނީ އިތުބާރު ބޮޑުވަމުންނެވެ.

ވީމާ ބަންދުވެފައިވާ އުފާވެރިކަމުގެ ދޮރުތައް ހުޅުވަވައި އުފާވެރިކަން ލިބުމަށް އެދޭމީހާ ކީރިތި ޤްރްއާން ކިޔެވުން ގިނަކުރާށެވެ! ޛިކްރު ކުރުން ގިނަ ކުރާށެވެ! އަދި ނަމާދުކުރުން ވެސް ގިނަކުރާށެވެ! މިތަނުގައި ނަމާދުކުރުން ގިނަކުރުން މި މާނަކުރަނީ ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމާއިއެކު ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމަށެވެ.

 

- ޔާސިރު ޤާދީގެ ދަރުސަކުން

 

 

މިއަދު އޮންލައިން