ދޮގުމައުލޫމާތެއް ނުދެން ‍- ރައްޔިތުންގެ މަޖްލީހަށް ދީފައިވާނީ ތެދު މައުލޫމާތު: ބީއެމްއެލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ދޮގުމައުލޫމާތެއް ނުދެން ‍- ރައްޔިތުންގެ މަޖްލީހަށް ދީފައިވާނީ ތެދު މައުލޫމާތު: ބީއެމްއެލް

ރައްޔިތުންގެ މަޖްލީހަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން މައުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ބޭފުޅުން، އެ މަޖްލީހަށް މައުލޫމާތު ދެއްވާފައިވާނީ ބޭންކުގެ ރިކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތު ކަމަށާއި އަދި މަޖްލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެފައިވަނީ ވެސް ބޭންކުގެ ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ތެދު މައުލޫމާތު ކަމަށް ބޭންކް އޮފް މޯލް ޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. 

އެބޭންކުން މިހެން ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރައްޔިތުންގެ މަޖްލީހަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލަ އާއި ގުޅޭ ގޮތުން ބޭންކުން ނެރުނު ނޫސް ބަޔާނުގައެވެ. 

ބީއެމްއެލްގެ ބަޔާން: 

އެމްއެމްޕީއާރުސީ ގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާ ބެހޭ ގޮތުން މި ބޭންކުގެ އިންޓަރނަލް އޮޑިޓުން ކުރިއަށް ގެންދިޔަ ތަހްގީގް ހިންގާފައިވަނީ މި ބޭންކުގައި ހުރި ރެކޯޑްތަކަށް ބަލައިގެންނެވެ. ނޮވެމްބަރުު 2016 ގައި ޗެކް އިމޭޖިންގ އެންޑް ޓްރަންކޭޝަން ގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމަޔަށް، މި ބޭންކުގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައްވެސް އަދި ޗެކްތަކުގެ އިމޭޖް އަކީވެސް މި ބޭންކުގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫނެވެ. ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުންނެވެ. އަދި މި ޗެކްތަކުގެ ރެކޯޑްތައް ހުންނާނީވެސް އެ ބޭންކެއްގައެވެ. އެހެންކަމުން މި މައްސަލާގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދުމަށް މި ބޭންކުން ވަނީ އެހެން ބޭންކުތަކުގައި އެދިފައެވެ. 

މި ދެންނެވި ގޮތަށް ބޭންކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މާލިއްޔަތު ކޮމިޓީއަށް މިބޭންކުގެ ފަރާތުން މައުލޫމާތުދީފައިވަނިކޮށް، އެސްއޯއެފް އެކައުންޓަށް އެންޑޯސްކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތަކެއް މި ބޭންކުގެ ސަމާލުކަމަށް އައުމުން އިތުރަށް މިކަން މުތާލިއާކުރަން ވަނީ ފަށާފައެވެ. އަދި 21 ޖުލައި 2019 ގައި މި ބޭންކުން މަޖްލީހަށް ފޮނުވުނު ސީޓީގައި އެހެން ބޭންކުތަކުން މި ޗެކްތަކާ ގުޅޭ މައުލޫމާތު ލިބުމުން ދިރާސާކުރުމަށްފަހު އިތުރު ތަފްސީލްފޯރުކޮށްދެވޭނެ ވާހަކަވެސް ވާނީ ދެންނެވިފައެވެ.

23 ޖުލައި 2019 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި، ހާމަކުރެވިގެން ދިއަ މައުލޫމާތުތަކަށް ބަލާއިރު ބޭންކުން މަޖްލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖްލީހަށް ހުށަހެޅުނު ސިޓީގައިވާ މައުލޫމާތުތައް މާނަ ކުރުމުގައި ތަފާތު ތަކެއް ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ. 

ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް އަދި މަޖްލީހަށް ފޮނުވި ސިޓީގައިވެސް އެއްވެސް ވަރަކަށް ބައުންސް ޗެކްތަކެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާނެއެވެ.

އެމްްއެމްޕީއާރުސީ ގެ މައްސަލާގައި ތަހުގީގީ އިދާރާތަކަށް މިހާރުވެސް މި ބޭންކުން ވާނީ ވަރަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ. މި މައުލޫމާތުތަކުގެ ތެރޭގައި އެސްއޯއެފް އެކައުންޓުން ފައިސާ ޓްރާންސްފަރ ވެގެން ދިޔަ އެކައުންޓްތަކާއި ނަގުދު ފައިސާ ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތުވެސް ހިމެނޭނެއެވެ. މަތީގައި ދެންނެވުނު ޗެކްތަކާ ގުޅޭ ގޮތުން މާލީ ނިޒާާމުގެ ތެރެއިން ހިންގިފައިވާ މިފަދަ މުޢާމަލާތްތައް ތަހްގީގުކޮށް، އެމްއެމްޕީއާރުސީގެ މައްސަލަ އަވަސް މިނެއްގައި ނިންމައި، މި ކަމުގެ ހަގީގަތް ހާމަވެގެން ދިއުމަކީ މި ބޭންކުން އެދޭގޮތް ކަމުގައި ދަންނަވަމެވެ.

އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ދަށުން ރައްޔިތުންގެ މަޖިލިހުން އަދާކުރައްވަމުން ގެންދެވާ މުހިންމު މަސްއޫލިއްޔަތުތަކުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަކީ މި ބޭންކުން ވެސް ނުހަނު އިސްކަންދޭ ކަމެއްކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ.

ވީމާ، މިވާހަކަ މިބޭންކުގެ ހިއްސާދާރުންނާއި ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މިއަދު އޮންލައިން