ތިއަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ކާކުކަން ތަފާތު 2 ހަދީޘްފުޅެއްގައި ރަސޫލް (ޞޢވ) ވަނީ ބަޔާން ކުރައްވަވައިފައެވެ. 2 ޙަދީޘްފުޅުގައި ވަނީ ތަފާތު 2 މީހެއްގެ ވާހަކައެވެ.
އެތަނުން ފުރަތަމަ ޙަދީޘްފުޅު ބަޔާން ކުރައްވަވާފައިވަނީ ޢުޘްމާން އިބްން ޢައްފާން އެވެ. އެ ޙަދީޘްފުޅު ޢުޘްމާން އިބްން ޢައްފާންގެ އަރިއަހުން ބަޔާން ކުރައްވަވާފައި ވަނީ އަބޫ ޢަބްދުއްރަހްމާން އައްސުލަނީ އެވެ. އެ ހަދީޘްފުޅުގައި ވަނީ "ތިއަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު، ހެޔޮކަން ބޮޑު މީހަކީ ކީރިތި ޤްރުއާން އުނގެނި އެހެން މީހުންނަށް އުނގަންނައިދޭ މީހާ" ކަމަށެވެ.

ޞަޙީޙް ބުޚާރީ: 5027
މިޙަދީޘްފުޅު އެނގިވަޑައިގަތުމުން ޢަބްދުއްރަހްމާން އައްސުލަނީ، އެންމެ ރަނގަޅު މީހުންގެ ތެރޭގައި ހިމެނިވަޑައިގަތުމަށްޓަކައި 40 އަހަރުވަންދެން މީސްތަކުންނަށް ކީރިތި ޤްރުއާން އުނަގަނަވައިދެއްވެވުމުގައި ދެމިހުންނެވިއެވެ. އުމުރުފުޅު އެކަމަށް ހޭދަކުރެއްވިއެވެ. މިދައްކަނީ ރަނގަޅު މީހާގެ ވާހަކައެއް ނޫނެވެ. އެންމެ ރަނގަޅު މީހާގެ ވާހަކައެވެ. ވީމާ އެކަން އެގޮތަށް އެކުރެއްވީ އެންމެ ރަނގަޅު މީހުންގެ ތެރޭގައި ހިމެނިވަޑައިގަތުމަށެވެ.
ހަމަ މިޢިބާރާތް ހިމެނޭ އިތުރު ޙަދީޘްފުޅެއް ޢައިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ.

"ތިއަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އެމީހާގެ އަނބިމީހާއަށް، ޢާއިލާއަށް އެންމެ ރަނގަޅު (ހެޔޮ) މީހާއެވެ. އަދި ތިމަން ކަލޭފާނީ ތިމަންކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އެންމެ ރަނގަޅު (ހެޔޮ) މީހާއެވެ."
މި ދެ ޙަދީޘްފުޅުގައި ވެސް ބޭނުންފުޅު ކުރައްވަވާފައިވަނީ އެއް ޢިބާރާތެކެވެ. އެއީ "ޚައިރުކުމް"އެވެ.
ސުވާލަކީ ބަޔާން މިކުރި ފުރަތަމަ ޙަދީޘްފުޅުގައި އެހެން އޮތުމުން އެކަމަށް ދޭ ސަމާލުކަމާއި ގާތަކަށްވެސް ދެވަނަ ޙަދީޘްފުޅަށް ސަމާލުކަން ދެވޭ ހެއްޔެވެ؟ ދެވޭނަމަ މިއަދު ކުރިމަތިވެގެން މިއުޅޭ މައްސަލަތަކުގެ ޙައްލު އޮންނާނީ ފެނިފައި ނޫން ހެއްޔެވެ؟
މިއަދުގެ ޙާލަތަށް ބަލާއިރު އެމީހާއަކީ އެންމެ ރަނގަޅު މީހާ ކަމަށްވުމަށްޓަކައި ކޮންމެ މީހަކަށް އެމީހަކީ ކީރިތި ޤްރުއާން އުނގެނި އަދި އުނގަންނައިދޭ މީހަކަށް ނުވެވިދާނެއެވެ؟ ނަމަވެސް އެއްވެސް މީހަކަށް އެމީހާއަކީ އަނބިމީހާއަށް، ޢާއިލާއަށް އެންމެ ރަނގަޅު މީހާ ކަމަށް ނުވެވެންވީ ކީއްވެގެން ހެއްޔެވެ؟ އެންމެ ރަނގަޅު މީހާކަމަށް ވުމަށް އެމީހެއްގެ ގައިގައި ނެތް ފެންވަރުން ކަންކަން ފުރިހަމަކޮށްދޭކަށް ނުޖެހެއެވެ. ބޭނުންވަނީ ކޮށްދެވެން ހުރި ވަރަކުން ކަންކަން ކޮށްދިނުމާއި ލޯތްބާއި އޯގާތެރިކަން ދިނުމެވެ. އެކަން ކޮށް ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟
- އިމާމް ވައްހާޖް ޠަރިންގެ ދަރުސަކުން