މިހާރަކަށް އައިސް މިސްކިތްތަކުގައި ދަރުސް ދިނުމަށާއި ދީނީ ޙަރަކާތްތައް ހިންގަން އެކި ގޮތް ގޮތުން ހުރަސް އަޅާ މީހުން އެބައުޅެއެވެ. ތަފާތު ބަހަނާތައް ދައްކައިގެންނެވެ. މިސްކިތުގެ އެތެރެއަށް އެކަނި އަޑު އިވޭވަރަށް ސައުންޑް ބޭނުންކުރި ނަމަވެސް ގޭގޭގައި ނުނިދޭ ކަމަށްވެސް އެބަ ބުނެއެވެ. މުސްކުޅިންނަށާއި ބަލިމީހުންނަށް އުނދަގޫވާކަމަށް ވެސް އެބަ ބުނެއެވެ.
އެފަދަ މީހުން އެންމެ ފަހަރަކު ނަމަވެސް މިއާޔަތަސް ވިސްނައިލާބާވައެވެ! " ﷲ ގެ މިސްކިތްތަކުގައި އެކަލާނގެ އިސްމްފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) ޚަރާބު ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟" އޮތް ވަހީ ބަސްފުޅުގެ ތެރޭގައި ތިމާ ހިމެނިދާނެ ކަމަށްޓަކައި ހަމަ ބިރު ނުގަންނަނީ ހެއްޔެވެ؟
ﷲ ތަޢާލާއަށް ބިރުވެތިވާ އެއްވެސް މީހަކު އެފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. މަސައްކަތްކުރާނީ އެފަދަ ކަންކަމަށް އެހީތެރިވުމަށެވެ. ބަލާނީ އެފަދަ ކަމެއްގައި ބައިވެރިވެ ޚިދުމަތް ކުރެވޭނީ ކިހިނަކުން ކަމާއިމެދުގައެވެ. އެދޭނީ ދަރުސްތަކުގައި ބައިވެރިވެ ﷲ ތަޢާލާގެ ތަޢްރީފް ލިބޭ މީހަކު ކަމުގައިވުމަށެވެ. ދަރުސް ދޭއިރު ވަށައިގެން ތިއްބަވާ މަލާއިކަތުންގެ ހެޔޮ ދުޢާ ލިބޭ މީހަކު ކަމުގައި ވުމަށެވެ.
"ﷲ ގެ މިސްކިތްތަކުގައި އެކަލާނގެ އިސްމްފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) ޚަރާބު ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ ޙަލާލް ގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ ޢަޛާއބެވެ. (ބަޤަރާ: 114)