ޖަނާޒާތަކުގަ ބައިވެރިވުމަށްވުރެ ކުރަން ފައިދާހުރި ކަމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޖަނާޒާތަކުގަ ބައިވެރިވުމަށްވުރެ ކުރަން ފައިދާހުރި ކަމެއް ނެތް!

ގިނަގިނައިން ޖަނާޒާތަކުގައި ބައިވެރިވުމަކީ މަރަށް ތައްޔާރުވުމަށް ބާރުއަޅާ ކަމެކެވެ. އެމީހާއަކީ ގިނަގިނައިން ޖަނާޒާތަކުގައި ބައިވެރިވާ މީހެއް ކަމުގައިވާނަމަ އެމީހާއަށް މަރުހަނދާންވާނެއެވެ. ކަށުނަމާދަށް ހުންނައިރު ދިރިތިބި ބައަކަށް ދެން ކުރަން ޖެހޭނީ ތިމާގެ ކަށުނަމާދު ކަމާއިމެދު ވިސްނާނެއެވެ. ސަންދޯކުގެ ފަހަތުން ދާއިރު ދެން އުފުލޭނީ ތިމާގެ ސަންދޯއް ކަމުގައި ވެދާނެ ކަމާއިމެދު ވިސްނައި ބިރުގަންނާނެއެވެ. 

މަރަށް ބިރު ނުގަންނަނީ މަރުމަތިން ހަނދާން ނުވާތީއެވެ. ޖަނާޒާތަކުގައި ބައިވެރިވާނަމަ މަރުމަތިން ހަނދާންވާނެއެވެ! އެކަމަށް ވިސްނާނެއެވެ. 

ކަށުނަމާދުގަ އާއި ޖަނާޒާއެއްގައި ބައިވެރިވުމަކީ އުހުދު ފަރުބަދަހައި ބޮޑު 2 ފަރުބަދައިގެ ސަވާބު ލިބޭނެ ކަމެކެވެ. އެހައި ގިނަ ސަވާބު ލިބެން އޮތްއިރުވެސް ކަށުނަމާދާއި ޖަނާޒާތަކުގައި ބައިވެރިވެ އެސަވާބު ހޯދަން މަސައްކަތްކުރާ މީހުން ވަރަށް މަދެވެ. 

ފާހަގަ މިކުރި 2 ކަންތަކަށް އެކަނި ބެލި ނަމަވެސް ކަށުނަމާދާއި ޖަނާޒާތަކުގައި ބައިވެރިވުމަށްވުރެ ކުރަން ފައިދާހުރި އެއްވެސް ކަމެއް ނެތެވެ. އެހެނީ އެއްގޮތުން މިލިބެނީ އެހައި ގިނަ ސަވާބެވެ. ދެވަނަ ގޮތުގައި ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ވަރަށް ބޮޑު ބާރަކަށްވެގެން އެބަދެއެވެ. މި ނަޒަރުން ބަލައިފިނަމަ ޖަނާޒާތަކުގައި ބައިވެރިވުމަށްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟ ނެތެއް ނޫން ހެއްޔެވެ؟  

ގިނަ ބައަކު ދުނިޔޭގައި އުޅެމުންދާއިރު މަރުމަތިން ހަނދާނެއް ނުހުރެއެވެ. އަބަދުވެސް އުންމީދު ކުރެވެނީ ޢުމުރުގައި ބާކީ ގިނަ ދުވަސްތަކެއް އަދިވެސް އެބަ އޮތް ކަމަށެވެ. އެހެންކަމުން ދުވަސްތައް ފާއިތުކޮށްލަނީ މަރުމަތިން ހްނދާން ކުރުމެއްވެސް ނެތިއެވެ. ނަތީޖާއަކަށް ވެގެންދަނީ ހެޔޮ އަމަލުތައް ކުރުމުގައި ފޭލްވުމެވެ. 

އެފަދަ މީހުން ބަލާނީ ވީހައި އުފަލުގައި ދުވަސްތައް ހޭދަކުރުމަށެވެ. ކުޅިވަރާއި މަޖަލުގައި ދުވަސްތައް ދުއްވައިލުމަށެވެ. އާމްދަނީ އިތުރުކުރަން މަސައްކަތް ކުރުމުގައި ވީހައި ގިނަ ވަގުތުތައް ހޭދަކުރުމަށެވެ. 

މީސްތަކުންނޭވެ! ނުހަނު އުފަލުގައި ހެމުން ދުނިޔޭގައި އުލެނިކޮށް މަރުވެގެން އެދަނީ ކިތައް މީހުން ހެއްޔެވެ؟ ތިބާ ދަންނަ، އެކުވެރިންގެ ތެރެއިން އެފަދަ ކިތައް މީހުންގެ ޖަނާޒާގައި ބައިވެރިވެއްޖައިން ހެއްޔެވެ؟ އެވަރުންވެސް ޢިބްރަތަކަށް ނުވަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. ތިބާއަށް ޢިބްރަތަކަށްވާނީ ލޮލަށް މަރުގެ މަލާއިކަތާ ފެނުމުން ކަމުގައިވާނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން