އިންސާނާ ލައްވައި ކަންކަން ކުރުވަނީ އެމީހާގެ ސިކުނޑި ނޫން ކަމާ ހިތްކަން ސާބިތުވުން - އިސްލާމް ދީނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
އިންސާނާ ލައްވައި ކަންކަން ކުރުވަނީ އެމީހާގެ ސިކުނޑި ނޫން ކަމާ ހިތްކަން ސާބިތުވުން - އިސްލާމް ދީނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް!

އިންސާނާ ލައްވައި ކަންކަން ކުރުވަނީ އެމީހާގެ ސިކުނޑި ނޫން ކަމާއި އިންސާނާ ލައްވައި ކަންކަން ކުރުވަނީ އޭނާގެ ހިތްކަން ސާބިތުވުމުން ސައިންސްވެރިން މިއަދު އެކަން ޤަބޫލުކޮށްފިއެވެ. މިއީ އިސްލާމް ދީނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ ރަސޫލް (ޞޢވ) މީގެ 1450 ވަރަކަށް އަހަރުކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ބަޔާންކޮށްދެއްވަވާފައިވާ ޙަޤީޤަތަކަށްވާތީއެވެ. 

ރަސޫލް (ޞޢވ) އެންމެ ގިނައިން ހަދީޘްފުޅު ކުރައްވަވާފައިވަނީ ހިތުގެ ވާހަކަ ކަމަށް ބުނެވިދާނެއެވެ. ކޮންމެ ކަމެއްގައިވެސް ބަޔާން ކުރެއްވެވީ ހިތުގެ ވާހަކައެވެ. ހިތް ޠާހިރު ކުރުމުގެ ވާހަކައެވެ. ހިތް ޠާހިރުވެއްޖެ ނަމަ އެމީހެއްގެ ހުރިހާ އަމަލުތައް ޠާހިރުވާނެ ވާހަކައެވެ. ހިތް ޠާހިރުވެއްޖެނަމަ އެމީހަކު ދީންވެރިވާނެ ވާހަކައެވެ. ތަޤްވާވެރިވާނެ ވާހަކައެވެ. ސިކުނޑީގެ ވާހަކައެއް ނޫނެވެ. 

ރަސޫލް (ޞޢވ) "ނަމާދުގައި ކޮނޑާ ކޮނޑު ޖައްސައިގެން ތިބޭށެވެ. އެއިރުން ޝައިޠާނާއަށް ތިއަ ބައިމީހުންގެ ހިތުގެ ތެރެއަކަށް ނުވަދެވޭނެއެވެ." ހަދީޘްފުޅު ކުރެއްވެވިއެވެ. މިތަނުގައިވެސް މި ބަޔާން ކުރެއްވެވީ ހިތުގެ ވާހަކައެވެ. ސިކުނޑީގެ ވާހަކައެއް ނޫނެވެ. 

އަހަރެމެންނަށް މިހައިތަނަށް ލިބެމުން އައި މައުލޫމާތުތަކަށް ބަލާއިރު މުޅި އިންސާނާ ކޮންޓްރޯލްކުރަނީ ސިކުނޑިއެވެ. އިންސާނާ އަމަލުކުރަނީ ސިކުނޑި އަންގާ ގޮތަށެވެ. ނަމަވެސް މިއަދު އެނގިގެން މިދިއައީ އެއީ ރަނގަޅު ޤަބޫލުކުރުމެއް ނޫން ކަމެވެ. އިންސާނާ ކޮންޓްރޯލްކުރަނީ ހިތް ކަމެވެ. ސިކުނޑިއަށް ސިގްނަލް ފޮނުވަނީ ދުވާލަކު އެއް ލައްކައަށްވުރެ ގިނަ ފަހަރު، އަހަރަކު 40 މިލިއަނަށްވުރެ ގިނަ ފަހަރު ޕަމްޕްކުރާ ހިތުގައި ހުންނަ 40000 ނަރވްސެލްތަކުން ކަމެވެ. އެހެންކަމުން ސައިންސްވެރިންވެސް މިއަދު އެކަން ޤަބޫލުކޮށް ސިކުނޑި ކޮންޓްރޯލްކުރަނީ ހިތުންކަމަށް ޤަބޫލުކޮށްފިއެވެ. 

ހިތާއި ސިކުނޑީގެ ދައުރު ވަރަށް ތަފާތެވެ. ސިކުނޑިއަކީ އިންސާނާގެ ކޮމްޕިޔުޓަރެވެ. ހުރިހާ މައުލޫމާތެއް ސްޓޯރކޮށްފައި ހުންނަކީ ސިކުނޑީގައެވެ. ހިތުގެ ދައުރަކީ މަގުދައްކައިދިނުމެވެ. ވީމާ އަހަރެމެން ޞިރާޠު މަގު ހޯދަން މިކުރާ މަސައްކަތުގައި އެހީތެރިވެދެނީ ސިކުނޑިއެއް ނޫނެވެ. އެހީތެރިވެދެނީ ހިތެވެ. ﷲ ތަޢާލާ އާއި ތިބާގެ ހަށިގަނޑާއި ގުޅުވައިލަދެނީ ހިތެވެ. ކަންކަން ކުރަން އަދި ނުކުރަން ތިބާ ނިންމާ ނިންމުންތައް ނިންމަނީ ހިތެވެ. ހިތުންނެވެ. 

މިޙަޤީޤަތް އެނގުމުން ސާބިތުވެގެން މިދިއައީ ރަސޫލް (ޞޢވ)ގެ ހަދީޘްފުޅުތަކުގެ ތެދުކަމެވެ. ހިތަކީ ކިތަންމެ ނާޒުކު އަދި ކިތަންމެ ކުޑަކުޑަ ގުނަވަނެއް ނަމަވެސް އިންސާނާގެ ހުރިހާ އަމަލުތަކެއް ގުޅިފައިވަނީ ހިތާއިކަން އެނގިގެން ދިއުމަކީ މުސްލިމުންނަށް ލިބުނު އިތުރު ސާބިތު ކަމެކެވެ. އަހަރެމެން ގަދަ އަޅައި މަސައްކަތްކުރަންވީ ހިތް ސާފުތާހިރު ކުރުމަށެވެ. ހިތް ޠާހިރުކުރުމަށެވެ. ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުގައިވާ ފަދައިންނެވެ. 

- ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން

މިއަދު އޮންލައިން