މުސްލިމުން ފޭލްވަމުން މިދަނީ އަވަސް އަރުވާލައިގެން ކުރަން ޖެހޭ ކަންކަމާ ލަހުން ކުރަން ޖެހޭ ކަންކަން އޮޅުވާލުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
މުސްލިމުން ފޭލްވަމުން މިދަނީ އަވަސް އަރުވާލައިގެން ކުރަން ޖެހޭ ކަންކަމާ ލަހުން ކުރަން ޖެހޭ ކަންކަން އޮޅުވާލުމުން!

ޒަމާން ފަސްވަމުން އަންނަ ވަރަކަށް މީސްތަކުންގެ ކެތްތެރިކަން މިދަނީ ކޮޅުންލަމުންނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ ވަގުތުންނެވެ. ނުވަތަ ވީހައި އަވަހަކަށެވެ. މިއީ ކަނޑައެޅިގެން ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ބޭނުމަކީ ފޭލްކޮށްލުމެވެ. 

ދިރިއުޅުމުގެ ކޮންމެ ކަމެއް ވެސް ވަގުތުން ކޮށް ނިންމައިލަން ޝައިޠާނާ ބުނާނެއެވެ. އެއީ ލަސްކޮށްފިނަމަ ފައިދާހުރި ރަނގަޅުގޮތް އެނގި އެކަމުން ފައިދާކުރާނެ ގޮތަށް ކޮށްފާނެތީ އެކަމަށް ހުރަސް އެޅުމަށްޓަކައެވެ. 

މިހާރަކަށް އައިސް ކުރެވޭ ކައިވެނިތަކަށް ބަލާށެވެ! މީހަކު ހަމަ ފެންނައިރަށް އޮންނަނީ ލޯބިވެވިފައެވެ. އެއީ ކޮން މިޒާޖެއްގެ ކޮންކަހަލަ ދިރިއުޅުމެއް އުޅޭ މީހެއްތޯވެސް ބަލާކަށް ބޭނުމެއް ނުވެއެވެ. ތަޤްވާވެރިއެއްކަން، ދިރިއުޅެން މަސައްކަތެއް ކުރާ މީހެއްކަން ވެސް ބަލާކަށް ބޭނުމެއް ނުވެއެވެ. އަދި ބައެއްފަހަރު އެއީ މީހެއްގެ އަންތބެއްކަން ނުވަތަ ފިރިއެއްކަންވެސް ބަލާކަށް ބޭނުމެއް ނުވެއެވެ. ވަގުތުން ލޯބިވަނީއެވެ. ދުވަސްކޮޅެއްވެ ކަންކަން އެނގިނިމޭއިރު ލޯބި އޮންނަނީ ވަކި ނުވޭވަރަށް ވަކި ހިއްޕައިފައެވެ. ދެން އެކަމުން ސަލާމަތް ވެވޭނެ ގޮތެއްވެސް ނުއޮވެއެވެ. މިހެން ބުނުން ރަނގަޅުވެސް ނުވެދާނެއެވެ. ނަމަވެސް މިބުނި ބީދައިން ވަކި ހިއްޕައިލުމުން ކައިވެނި ނުކޮށް ދެމިތިބެނީ ފާފަކުރުންމަތީގައެވެ. 

ދެން އޮތީ ވަގުތުން ކުރަން ޖެހޭ ކަންކަމެވެ. އެއީ ދީނުގެ ކަންކަމެވެ. ދީނުގެ ކަމެއް ނަމަ އަބަދުވެސް އޮންނަނީ ފަސް ކުރުމެވެ. އެއް ނަމާދުގެ ވަގުތު ނިމި އަނެއް ނަމާދުވަގުތު ޖެހޭއިރުވެސް އޮންނަނީ ނަމާދު ނުކުރެވިފައެވެ. އަތުގައި ކިތަންމެ ގިނަ ފައިސާ ހުރި ނަމަވެސް ޙައްޖު ވެވޭނެ ގޮތެއްވެސް ނުވެއެވެ. އެކަންވެސް އޮންނަނީ ފަސްކުރެވިފައެވެ. މައިންބަފައިންނަށް ޒިޔާރތްކޮށް ހާލުބެލުން ފަދަ އެންމެ އާދައިގެ ކަންކަން އޮންނަނީ ފަސްކުރުމުގެ ސަބަބުން ނުކުރެވިފައެވެ. 

މީސްތަކުންނޭވެ! މިބަޔާންކުރި ކުޑަ މިންވަރުންވެސް ދުނިޔޭގެ ކަންކަމުގައި އަވަސް އަރުވާލައިގެން ކަންކަން ކުރަން މިތެޅިފޮޅެވެނީ ކީއްވެގެންކަން އެނގިގެންދާނެއެވެ. އެމީހަކަށް ގެއްލުން ލިބޭނެ ކަންކަމުގައި އަވަސްއަރުވައިގެން ކަންކަން ކުރާއިރު އަވަސް އަރައިގެން ކުރަން ޖެހޭ ކަންކަން ކުރުމުގައި ލަސްވާ ސަބަބަށް ވިސްނުމުން މިދެއްކި ވާހަކައިގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ވީމާ ދުނިޔަވީ އެއްވެސް ކަމެއްގައި އަވަސްއަރުވާލައިގެން ކަންކަން ނުކުރާށެވެ! އަވަސްއަރުވާލައިގެން ކަންކަން ނުނިންމާށެވެ! ދުނިޔަވީ އެއްވެސް ކަމެއްގައި އަވަސް އަރުވާލައިގެން ކަންކަން ކުރުމެއް ނެތެވެ. އޮތީ އެކަމަށް ބޭނުންވާ ވަގުތު ނަގައި ވިސްނައި ފިކުރުކޮށްގެން ކަންކަން ނިންމުމެވެ. 

- ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން

މިއަދު އޮންލައިން