ވިތުރި ނުކުރާ މީހަކަށް ތިމާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހެއް ކަމަށް ބުނެވޭނީ ކިހިނަކުން؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ވިތުރި ނުކުރާ މީހަކަށް ތިމާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހެއް ކަމަށް ބުނެވޭނީ ކިހިނަކުން؟

ދަރުސް މިރޭގެ ދަރުސްގެ ތެރެއިން މިވާހަކަ ސުވާލަކުން މިފެށީ ވަރަށް ބޮޑު ސަބަބެއް އޮވެގެންނެވެ. އަދި އެ ސުވާލި ހަމަ ތިއަ އެންމެންނާއި ކޮށްލަން ހަމަ ބޭނުންވެސް ވެއެވެ. ތިބާ ﷲ ތަޢާލާ ދެކެ ލޯބިވަމު ހެއްޔެވެ؟ ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އުފުލެން ބޭނުން ހެއްޔެވެ؟ ވީއިރު ވިތުރް ނުކުރާ މީހަކަށް ތިމާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ރަސޫލް (ޞޢވ) އަށް ލިބިވަޑައިގަންނަވާނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ. ޤިޔާމަތް ދުވަހު ރަސޫލް (ޞޢވ) އާއިއެންމެ ގާތުގައި ވުމަށް ކުރަން އަންގަވާފައި އޮތް ކަމަކީ ސަޖިދަކުރުން ގިނަ ކުރުމެވެ. މާނައަކީ ސުންނަތް ނަމާދުކުރުން ގިނަކުރުމެވެ. 

އެންމެ ރަކްޢަތެއް ކުރި ނަމަވެސް ވިތުރި ކުރެވުނީއެވެ. ﷲ ތަޢާލާއަށްޓަކައި އެންމެ ރަކްޢަތެއް ކުރަން ބޮޑާވެ ފަސްޖެހޭ މީހާ، ނުވަތަ އެއީ މުހިންމު ކަމެއް ކަމަށް ނުދެކޭ މީހާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނާނީ ކޮން ލޯތްބެއް ކަމާއިމެދު ހަމަގައިމުވެސް އަހަރެން ސުވާލު އުފައްދަމެވެ. 

ހަމަ އެއާއިއެކު ވިތުރި އަކީ އެންމެ ފަހުން ކުރާ ނަމާދު ކަމުގައި ހެދުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަދި ވިތުރި ނުކޮށް ނުނިދުމަށްވެސް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. 

ވިތުރި ކުރުމަށް މުޅި ރޭގަނޑު އެބަ ލިބެއެވެ. ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކްއަތުން  ފެށިގެން ފަތިސް ނަމާދާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ވިތުރި ކުރެވޭނެއެވެ. މިހައި ގިނަ ވަގުތު ލިބިގެންވުމުންވެސް މިހައި މުހިންމު ނަމާދެއް ނުކުރާނަމަ ދެން އިތުރަށް ބުނަން އޮތީވެސް ކީކޭ ހެއްޔެވެ؟ 

ދަމު ނަމާދަށް ހޭލެވޭނެ ކަމުގެ ޔަޤީންކަން އޮންނަ މީހުން ވިތުރި ނުކޮށް ނިދުމަކީ މައްސަލައެއް ނޫނެވެ. ދަމުނަމާދަށްފަހު ވިތުރި ކުރާނީއެވެ. އަދި ވިތުރި ކޮށްގެން އޮއްވައި ދަމު ނަމާދަށް ހޭލެވިއްޖެ ނަމަ ދަމު ނަމާދުކުރާށެވެ! އެއީ އެއްވެސް މައްސަލައެއް ނޫނެވެ.

ވިތުރި ކުރުމަކީ މިހައި މުހިންމު ކަމެއްކަން އެނގެން އޮތްއިރު ވިތުރީގެ އެންމެ ރަކްޢަތް ނަމަވެސް ކުރަން އާދަކުރާށެވެ! އެކަމުގެ ފައިދާ ދާނީ ފެންނަމުންނެވެ! 

- ޝައިޚް ސާލިމް އަލްއަމްރީގެ ދަރުސަކުން

 

މިއަދު އޮންލައިން