އަނބިންނަކީ ތިބާ ލާ ފޭރާން ބަދަލުކުރާ ފަދައިން ބޭނުންވުމުން ބަދަލުކުރަން ތިބި ބައެއް ނޫނެވެ!: ޢުމަރުގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އަނބިންނަކީ ތިބާ ލާ ފޭރާން ބަދަލުކުރާ ފަދައިން ބޭނުންވުމުން ބަދަލުކުރަން ތިބި ބައެއް ނޫނެވެ!: ޢުމަރުގެފާނު

"އަނބިންނަކީ ތިބާ ލާ ފޭރާން ބަދަލުކުރާ ފަދައިން ބޭނުންވުމުން ބަދަލުކުރަން ތިބި ބައެއް ނޫނެވެ. އެކަނބަލުންގެ މަޤާމް މާމަތިވެރިއެވެ. އަދި އެކަނބަލުންގެ ޙައްޤުތައް މާބޮޑެވެ." މިއީ މުސްލިމުންގެ 4 ވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

އެ ޒަމާނުގައި އަންހެނުންނަށް ދެވިފައި އޮތީ މިއަދު އެކަނބަލުންނަށް ދެވިފައިވާ މަޤާމެއް ނޫނެވެ. އަޅުންގެ ދަރަޖައެވެ. އެކަނބަލުން އަޅުވެތިކަމުން ސަލާމަތްކޮށްދިނީ އިސްލާމް ދީނެވެ. އެހެންކަމުން މިއަދުގެ ޙާލަތު ވަރަށް ތަފާތެވެ. ނަމަވެސް ހިތާމައަކީ މިއަދުވެސް އެމީހުންގެ ގައިގެ ފޭރާން ބަދަލުކުރާ ފަދައިން އަނބިން އައުކުރަމުންދާ ފިރިހެނުން ތިބި ކަމެވެ. 

މިއަދަށް ބަލައިފިނަމަ އަނބިންގެ ވާހަކަ އެކަނި ދައްކައިގެން ފުއްދައިލެވޭކަށްވެސް ނެތެވެ. ގައިގެ ފޭރާން ބަދަލުކުރާ ފަދައިން ފިރިން ބަދަލުކުރާ އަންހެނުންވެސް އެބަތިއްބެވެ. ވަރިކުރުމުގެ ޢިއްދަ ހަމަވާއިރަށް އަނެކަކާއި ކައިވެނިކޮށް ފިރިން ބަދަލުކުރުމަކީ އުފަލެއް ދެކޭ އަންހެނުން ވެސް ދަނީ އިތުރުވަމުންނެވެ. އެއް ބައަކު ކުށްވެރިކުރަނީ އަނެއް ބައެކެވެ. 

މުހިންމީ އެއްބައަކު އަނެއް ބައަކު ކުށްވެރިކުރުމެއް ނޫނެވެ. މައްސަލައަށް ޙައްލު ހޯދުމެވެ. އެކަން ކުރެވޭނީ ވެސް ހަމަ އިސްލާމް ދީނުންނެވެ. އިސްލާމް ދީނަށް އަމަލުކޮށްގެންނެވެ. އިސްލާމް ދީނުގައި ދެބައި މީހުންނަށްވެސް ދީފައި އޮތް މަތިވެރި ޤަދަރަށް އިޙްތިރާމްކޮށްގެންނެވެ. މަތިވެރީ ކޮން ބައެއްކަން ކަނޑައަޅަން އަރައިރުން ވުމުގެ ބަދަލުގައި މަތިވެރިކަން ކަނޑައަޅަން އިސްލާމް ދީނުގައި ބަޔާންވެގެންވާ މިންގަނޑުން މިން އަޅައިގެންނެވެ. އެއީ ތަޤްވާވެރިކަމުގެ މިންގަނޑެވެ. 

ޔަޤީންކަމާއިއެކު ބުނަމެވެ. އެމީހެއްގެ ހިތުގައި ތަޤްވާވެރިކަން އޮތް ހަމަ އެކަކުވެސް އަނެކާއަށް ބޭވަފާތެރިއެއް ނުވާނެއެވެ. އަނިޔާވެރިއެއްވެސް ނުވާނެއެވެ. ނިކަމެއްޗެއްވެސް ނުކުރާނެއެވެ. ބޭނުންވާނީ ކައިވެނިކުރުމުގެ ރެކޯޑް ހަދާކަށް ނޫނެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުރެ އެމީހާގެ އީމާންތެރިކަމާއިމެދު ފަޚުރުވެރިވާށެވެ! އެކަން ކުރެވޭނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަމުގެ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ އަމަލު ކަމުގައިވާ ވަރި އާއި ދރުހެލިވެވުނު ވަރަކުންނެވެ. 

ކައިވެނިން ރެކޯޑް ހެދުމަކީ ފަޚުރެއް ނޫނެވެ. އެއީ ލިބޭ ނިކަމެތިކަމެކެވެ! ލިބިގަންނަ ނިކަމެތި ކަމެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން