އަހަރެމެން ބޭނުންވަނީ ތަނަވަސް ބައިވެރިއެއް! - ރަސޫލް (ޞޢވ) ބޭނުންފުޅުވެވަޑައިގަތީ ފަޤީރުކަމުގަ ދެމިހުންނަވަން! - ދެކޮޅު ޖެހޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
އަހަރެމެން ބޭނުންވަނީ ތަނަވަސް ބައިވެރިއެއް! - ރަސޫލް (ޞޢވ) ބޭނުންފުޅުވެވަޑައިގަތީ ފަޤީރުކަމުގަ ދެމިހުންނަވަން! - ދެކޮޅު ޖެހޭތަ؟

ހުރިހާ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނަކީ ފަޤީރު ޙާލުކޮޅުގައި ދުނިޔޭގައި އުޅުއްވެވި ބޭކަލުންނެއް ނޫނެވެ. ސުލައިމާންގެފާނާއި ދާވޫދުގެފާނަކީވެސް ތަނަވަސްކަމުގައި ދުނިޔޭގައި އުޅުއްވެވި ބޭކަލުންނެވެ. އަދި އާޚީރަތް ދުވަހުގައިވެސް އެބޭކަލުން ވެވަޑައިގަންނަވާނީ ބާއްޖަވެރިން ކަމުގައެވެ. 

ﷲ ތައާލާ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު (ޞޢވ) އަށް ހަމަ އެފުރުޞަތު ދެއްވެވިއެވެ. ދެއްވެވީވެސް ވަރަށް އާދައާ ޚިލާފް ގޮތަކަށެވެ. އެހައި ތަނަށް ދުވަހަކުވެސް ބިމަށް ނުފޮނުއްވަވާ މަލާއިކަތެއް ކަމަށްވާ އިސްރާފީލްގެފާނު ފޮނުއްވަވައެވެ. އަދި ކޮންފަދަ ވަގުތަކުތޯއެވެ! ޖިބްރީލްގެފާނު، ރަސޫލް (ޞޢވ) އަރިއަހުގައި އިންނެވި ވަގުތެއްގައެވެ. 

އިސްރާފީލްގެފާނު ވަޑައިގެން ވިދާޅުވީ އެކަލޭގެފާނު ރަސޫލް (ޞޢވ)ގެ އަރިއަހަށް ފޮނުއްވެވުނީ ހަމަ އެންމެ ކަމެއް އޮޅުންފިލުއްވެވުމުގެ ބޭނުންފުޅުގައި ކަމަށެވެ. އެކަމަކީ ރަސޫލް (ޞޢވ)  ބޭނުންފުޅުވެވަޑައިގަންނަވަނީ މުއްސަނދިކަމާއިއެކު ރަސޫލުކަމާއި މުސްލިމުންގެ ވެރިކަމުގައި ދެމިހުންނަވަންތޯ ނޫނީ އާދައިގެ ޙާލުކޮޅެއްގައި ނިކަމެތިކަމާއިއެކު ދިރިއުޅުއްވަވައި ރަސޫލްކަމާއި ވެރިކަމުގައި ދެމިހުންނަވަންކަމެވެ.

ރަސޫލް (ޞޢވ) އިޚްތިޔާރުކުރެއްވެވީ ފަޤީރު ޙާލުކޮޅުގައި ދިރިއުޅުވުމަށެވެ. ރަސޫލް (ޞޢވ) ދިރިއުޅުއްވަމުން ގެންދެވީ ކޮންފަދަ ނިކަމެތިކަމާއިއެކުގައިކަން މިއަދު ތަޞައްވަރުކުރެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ އަހަރެމެންގެ ޚިޔާލަށްވެސް ނުގެނެވޭނެއެވެ. ބަނޑުހައިފުޅުކަން އިންތިހާއަށް ބޮޑުފުޅުވެ އަވަހާރަފުޅު ނުލެއްޕެވުމުން ބަނޑުފުޅުގައި ހިލަ ބަންނަވައިގެން އަވަހާރަފުޅޫ ލެއްޕެވީ ކިތައް ރޭ ކަން ނުވެސް އެނގެއެވެ. 

ވިސްނައިލާށެވެ! އެދުވަހު ރަސޫލް (ޞޢވ) އެދިވަޑައިގެންނެވިނަމަ ދުނިޔޭގެ ހުރިހާ މުއްސަނދިކަމަކަށްވުރެ ބޮޑު މުއްސަނދިކަމެއް ލިބިވަޑައިގަތީހެވެ. ނަމަވެސް ބޭނުންފުޅުވެވަޑައި ނުގަތީއެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެން ޤަބޫލުކުރާ ގޮތުގައި އެއީ ތަނަވަސްކަން ލިބިވަޑައިގެންފިނަމަ އީމާންކަމާއި ދުރަށް ޖެހިވަޑައިގެންނެވިދާނެ ކަމުގެ ބިރުފުޅުއޮތުމުންނެވެ. އެކަމުގެ ސަބަބުން ސުވަރުގެ ލިބިވަޑައިގަތުމަށް ހުރަސްއެޅިދާނެ ކަމުގެ ބިރުފުޅު ބޮޑުކަމުންނެވެ. 

ވީމާ ފަޤީރަކަށް ވުމުން ހިތާމަކުރަންވީއެއް ނޫނެވެ. އެއީ ދެއްވެވި ނިޢްމަތެއް ކަމަށް ބަލައި ޝުކުރުވެރިވާންވީއެވެ. ފަޤީރަކަށްވުމުން ތިމާއަށް އާޚިރަތް ކާމިޔާބުކުރަން ފަސޭހަވާނެކަމަށްޓައި  އުފާކުރަންވީއެވެ! 

ކަން މިހެން ހުރި ނަމަވެސް ކޮންމެ ފިރިހެނަކު ވެސް އަދި އަންހެނަކު ވެސް އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވެގެން މިއަދު އުޅެނީ މުއްސަނދިންނެވެ. ތަނަވަސްކަން ހުރި މީހުންނެވެ. ނަމަވެސް މުޅި މިކައުނު ފުރިގެންދާވަރުގެ ބިޔަ މުއްސަނދިކަން ލިބިވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން ރަސޫލް (ޞޢވ) ބޭނުންފުޅުވެވަޑައިގަތީ ފަޤީރުކަމުގައި ދިރިއުޅުއްވުމަށެވެ. ޞަޙާބީން ބެއްލެވީ އަތްޕުޅުގައި ހުރިނަމަ ހުރި އެއްޗެއް ﷲ ތަޢާލާގެ މަގުގައި ހޭދަކުރައްވަވައި ވީހައި އަވަހަކަށް ހުސްކޮށްލެއްވެވޭތޯއެވެ. ވީއިރު މިކުރެވޭ ކަމެއް މިއުޅެވޭ ގޮތެއް އެބަ ދިމާވޭ ހެއްޔެވެ؟ ޙާޞީލުކުރަން ބޭނުންވެގެން މިއުޅެނީ ހަމަ އެއް އަމާޒެކެވެ. އެއީ ސުވަރުގެ އެވެ. 

މިވާހަކަވެސް ބުނެލާނަމެވެ. އިސްރާފީލްގެފާނު ވަޑައިގަންނަވާތަން ފެނިވަޑައިގަތުމުން އެންމެ މަތިވެރިމަލާއިކަތާ، ޖިބްރީލްގެފާނު ބިރުފުޅުން ކުޑަފުޅުވެވަޑައިގެންނެވެ. ސަބަބާއިމެދު ރަސޫލް (ޞޢވ) ސުވާލުކުރެއްވެވުމުން ވިދާޅުވީ އިސްރާފީލްގެފާނު ފެނިވަޑައިގަތުމާއިއެކު ހީފުޅު ކުރެއްވެވީ ޤިޔާމަތް ވުމުގެ ވަގުތު އައިސް ޖެހުނީ ކަމަށެވެ. ތާޅަފިލި ފުންމަވައިލެއްވެވެނީ ކަމަށެވެ. އަދި ބިރުފުޅުގަތީ އެކަމަށްޓަކައި ކަމަށެވެ.

 

- ޢުމަރު ސުލައިމާނުގެ ދަރުސަކުން

 

 

މިއަދު އޮންލައިން