ސިފަ މުސްކުޅިވާތީ ކަންބޮޑުވަނީ ކީއްވެތަ؟ ސުވަރުގެ ވަންނާނީ ޒުވާން، ރީތިކަމުން ފުރިފައިވާ ބިކުރުވެރިންގެ ގޮތުގައެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސިފަ މުސްކުޅިވާތީ ކަންބޮޑުވަނީ ކީއްވެތަ؟ ސުވަރުގެ ވަންނާނީ ޒުވާން، ރީތިކަމުން ފުރިފައިވާ ބިކުރުވެރިންގެ ގޮތުގައެވެ.

އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ އަންހެނަކު އޭނާއަށް ސުވަރުގެ ދެއްވެވުން އެދިވަޑައިގެން ދުޢާކޮށްދެއްވެވުމަށް ރަސޫލް (ޞޢވ) ގެ އަރިއަހުގައި އެދިދެންނެވިއެވެ. 

އޭނާ އާއި ސަމާސާ ކުރެއްވެވުމުގެ ގޮތުން "މުސްކުޅިން (މުސްކުޅި އަންހެނުން) ސުވަރުގެ ނުވައްދަވާނެ" ކަމަށް ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރެއްވެވެވިއެވެ. އެކަން އެކަމަނާއަށް ވެގެން ދިއައީ ވަރަށް ބޮޑުވޭނަކަށެވެ. އެހިނދު ރަސޫލް (ޞޢވ) ބަޔާންކޮށްދެއްވެވީ ކީރިތި ޤްރުއާނުގެ އާޔަތެކެވެ. 

އެމަނާ ކަންބޮޑުވެވަޑައިގަތުމުން ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުގެ އަޑު ކަމަނާ ނުއައްސަވުމުތޯ ސުވާލުކުރެއްވެވިއެވެ. އަދި އަލްވާޤިޢާ ސޫރަތުގެ މި 3 އާޔަތް ބަޔާން ކުރެއްވެވިއެވެ. 

" ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ. ފަހެ، ބިކުރުވެރި ބައަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ. ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބައަކު ކަމުގައެވެ."

++ 

ރަސޫލް (ޞޢވ) މީސްތަކުންނާއި ސަމާސާފުޅު ކުރައްވައި ބަސްފުޅު ވިދާޅުވެފައިވެއެވެ. ހަމަ އެކަނި ބޮޑެތި މީހުންނަކަށް ނޫނެވެ. ކުޑަކުދިންނަށާއި މުސްކުޅިންނަށްވެސް މެއެވެ. ފުތަމަ އެކަމަނާ އާއިވެސް އެކުރެއްވެވީ ސަމާސާފުޅެވެ. ނަމަވެސް ވިދާޅުވީ ޙައްޤު ބަސްފުޅެވެ. 

ވީމާ މިއަދުވެސް އަހަރެމެން ދެމިތިބެން ޖެހޭނީ އެގޮތުގައެވެ. ސަމާސާއަކަށްވެސް ދޮގެއް ހަދައިގެން ނުވާނެއެވެ. ކިތަންމެ ކުޑަ ކަމެއްގައި ދޮގެއް ހދައިގެން ނުވާނެއެވެ. "މުސްލިމުންނަށް ކުރިމަތިވާން އުޅޭ ހަނގުރާމައަކުން ނުވަތަ ލިބެން އުޅޭ އެފަދަ ބޮޑު ގެއްލުމަކުން މުސްލިމުން ސަލާމަތްކުރުމަށާއި ދެމަފިރިން ޞުލްޙަވެރިކުރުވުމަށާއި އުފެދިދާނެ ފިތުނައަކުން މުސްލިމުން ސަލާމްތަކުރުން" ފަދަ ބޮޑު ކަމެއްގައި މެނުވީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން