ޒުވާން އުމުރަށް ފެށުމުން ކޮންމެ ޒުވާނަކުވެސް ކައިވެންޏާއިމެދު ވިސްނަން ފަށާނެއެވެ. ދުނިޔޭގައި ހުރި އެންމެ ރީތި، އެންމެ ފުރިހަމަ މީހާ އާއި ކައިވެނިކުރަން ވިސްނާނެއެވެ. އަދި ކައިވެންޏަށްފަހު ކުރާނެ ގިނަ ކަންތައްތަކެއްވެސް ޚިޔާލުކުރާނެއެވެ. އެންމެ ކުޑަމިނުން ކައިވެނީގެ ހަފްލާ ބާއްވާނެ ގޮތަކާއި ހަނީމޫނަށް ދާނެ ޤައުމާއިމެދު ވެސް ވިސްނާނެއެވެ.
ބާއްޖަވެރި ދިރިއުޅުމަކަށް އެދޭ މީހާ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެމީހާގެ ކައިވެންޏަށެވެ. ކައިވެންޏަށް ސަމާލުކަން ދިނުމަކީ ވީހައި ބޮޑު ކައިވެނީގެ ހަފްލާއެއް ނޫނެވެ! ކައިވެންޏަށް ސަމާލުކަން ދިނުމަކީ ކައިވެނިކުރަން ވީހައި ރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރުމެވެ.
ކައިވެނި ކުރަންޖެހޭނީ ދެމީހުން އެކުގައި މުޅި އުމުރު ހޭދަކުރުމުގެ ޢަޒުމުގައެވެ. ވީމާ ކައިވެނިކުރުމަކީ ޙަޔާތުގައި ކުރެވޭ އެންމެ މުހިންމު ކަންތަކެވެ. ވީމާ އެވަރުގެ ބޮޑުކަމެއްގައި ގޮތް ނިންމާއިރު ވަރަށް ބޮޑަށް ވިސްނުންތެރިކަމާއިއެކު ނުނިންމައިފިނަމަ އެކަމުގެ ހިތާމަ މުޅި އުމުރުގައިވެސް ކުރަންޖެހޭނެއެވެ.
ކައިވެނި ކުރުމުގައި މީސްތަކުންނަށް އަމިއްލައަށް ގޮތް ނިންމުމަކީ އެހައި ފަސޭހަ ކަމަކަށް ނުވާތީ ރަސޫލް (ޞޢވ) ވަނީ އެކަން ކުރަންވީ ގޮތް ވެސް ބަޔާންކޮށް ދެއްވަވައިފައެވެ. ޞަޙީޙް ޙަދީޘްފުޅުންނެވެ. ޙަދީޘްފުޅުގައި އޮތީ ﷲ ތަޢާލާ އަސް ބިރުވެތިވާ ޚުލްޤް ރަނގަޅު ތަޤްވާވެރިންނާއި ކައިވެނިކުރުމަށެވެ.
މީސްތަކުންނޭވެ! ބަލަންވީ ނަށަން އެނގޭތޯއެއް ނޫނެވެ! ނަމާދުކުރަން އެނގޭތޯއެވެ! ނަމާދުކުރޭތޯއެވެ! ބަލަންވީ ލަވަކިޔަން އެނގޭތޯއެއް ނޫނެވެ! ޤްރުއާން ކިޔަވަން އެނގޭތޯއެވެ! ޤްރުއާން ކިޔަވާތޯއެވެ! ޤްރުއާނަށް އަމަލުކުރޭތޯއެވެ! ބަލަންވީ ރައްޓެހިން ކުރިމަތީގައި ދައްކާ އޯގާތެރިކަމާއި ހިތްހެޔޮ ކަމަކަށް ނޫނެވެ! މައިންބަފައިންނަށް ޚިދުމަތްކުރާ މީހެއްތޯއެވެ! ޔަޤީންކުރަންވީ ތިމާ ގޮވައިގެން ބާޒާރަށް ދާނެތޯއެއް ނޫނެވެ! ޔަޤީންކުރަންވީ ތިމާ އާއިއެކު ތިމާ ގޮވައިގެން ދަމު ނަމާދުކުރާނެތޯއެވެ! ތިމާ އާއިއެކު ﷲ ތަޢާލާއަށް ދުޢާކުރާނެތޯއެވެ!
މީސްތަކުންނޭވެ! އަހރެމެންކުރާ ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ގޮތަށެވެ. ކައިވެނިކުރުމުގައި ބައިވެރިއަކު އިޚްތިޔާރުކުރުމުގައި އަމަލުކުރަންވީ ގޮތް ވެސް ﷲ ތަޢާލާ އެވަނީ އަނގަވައި ދެއްވަވައިފައެވެ. އެ އެންގެވުން ދޫކޮށްލައި އަމިއްލަ ގޮތް ކުރިއަށް ނެރެގެން ހޯދޭނެ އެއްވެސް ކުރިއެރުމެއް ނުއޮންނާނެއެވެ! ވީމާ ޙަޔާތުގެ އެންމެ މުހިންމު ކަމަކީ ކައިވެނި ކަމުގައި ހަދަން މިކަންކަމަށް ފުންކޮށް ވިސްނާށެވެ!