ޙަރާމް ކަންކަން ކުރާ ހިތްހަމަޖެހިގެން ހުރި ހަމައެކަކު ހުރިނަމަވެސް އެކަން ނިކަން ހާމަކޮށްބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޙަރާމް ކަންކަން ކުރާ ހިތްހަމަޖެހިގެން ހުރި ހަމައެކަކު ހުރިނަމަވެސް އެކަން ނިކަން ހާމަކޮށްބަލާށެވެ!

ޙަރާމް ކަންކަން ކުރާ އަދި ޙަރާމް ގޮތުގަ ފައިސާ ހޯދާ މީހުންގެ ތެރޭގަ ހިތްހަމަޖެހިގެން ހުރި ހަމައެކަކު ހުރިނަމަވެސް އެކަން ނިކަން ހާމަކޮށްބަލާށެވެ! ނިކަން އެއީ ކާކުކަން މީސްތަކުންގެ ތެރޭގައި ބުނެ އަނގައިލަބަލާށެވެ! ޔަޤީންކަމާއިއެކު ބުނަމެވެ. އެފަދައިން ބުނެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. 

ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ކުރަމުންދާ ހަމަ އެކަކަށްވެސް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އަބަދުވެސް ހުންނަން ޖެހޭ ހާސްކަމެއްގެ ތެރޭގައެވެ. ހަށިގަނޑުން ބޭރުވަމުންދާނީ ހޫނު އުދާސްތަކެވެ. އެއާކޮންކޮށްފައި ހުރި ތަނެއްގައި ހުރި ނަމަވެސް ހަށިގަނޑަކަށް ހަޤީޤީ ފިނިކަމެއް ނުލިބޭނެއެވެ. ހަށިގަނޑުން ބޭޜރުވަމުންދާނީ ހޫނު އުދާސްތަކެވެ. 

މިކަންކަމަކީ އަހަރެން ތިއަބައިމީހުންގެ ކުރިމަތީގައި ހާމަކުރިނަމަވެސް އަހަރެންގެ އަމިއްލަ ބަހެއް ނޫނެވެ. ކީރިތި ޤްރުއާނުން އެނގެން ހުރި ކަންކަމެވެ. ނަމަވެސް އެނގޭނީ ބިރުވެތިކަމާއިއެކު މާނަ ކިޔައި ތަފްސީރުބެލުމުންނެވެ. 

ޙަރާމް ކަންކަން ކުރަމުންދާއިރު ތިމާއަށް މިހުރެވެނީ އުފަލުގައި ކަމަށް ހީކުރެވިދާނެއެވެ. އަދި އެކަމުން އުފަލެއް ލިބޭ ކަމަށްވެސް ޤަބޫލުކުރެވިދާނެއެވެ. އަދި މިފަދަ ބަހެއް ބުނުމުން ދެރަ ނުވާން ވެގެން ތިމާ ދިރިއުޅެނީ އުފަލުގައި ކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެފަދަ މީހަކު ޙަޤީޤީ އުފާވެރިކަމެއްގައި ނުހުންނާނެކަމެވެ. ކިތަންމެ ގިނަ ފައިސާ ހުރިނަމަވެސް، ކިތަންމެ ބޮޑު މިލިއަނަރެއް ނަމަވެސް އަބަދުވެސް ހުންނާނީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. 

މިއާއި ޚިލާފަށް ކިތަންމެ ފަޤީރު، ނިކަމެތި ޙާލުގައި އުޅުނު ނަމަވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރި، ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތުގައި ކަންކަން ކުރާ މީހާ ހުންނާނީ އުފަލުންނެވެ. އޭނާ ކުރާ ޛީކުރުގެ ސަބަބުން އޭނާގެ ހިތަށް އަބަދުވެސް ދާނީ ހިތްހަމަޖެހުން އިތުރުވަމުންނެވެ. ވީމާ ޙަޤީޤީ ހިތްހަމަޖެހުން ބޭނުން ނަމަ އޮތީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމެވެ. ޛިކުރުކުރުން ގިނަ ކުރުމެވެ. އެފަދަ މީހާއަށް ހިތްހަމަޖެހުން ލިބޭނީ ހަމައެކަނި މިދުނިޔެއަކު ވެސް ނޫނެވެ. މަރުވުމުން ފެށިގެން ފަހަތަށް އޮތް ހުރިހާ ދުވަސްތަކެއްގައި ވެސް އެމީހަކު ހުންނާނީ ހަމަ އުފަލުންނެވެ! އިން ޝާ ﷲ!

 

- ޝައިޚް އަޙްމަދު ސުލައިމާން ޚަތާނީގެ ދަރުސަކުން

 

މިއަދު އޮންލައިން