ކޮންމެ މީހެއްގެ ހިތުގައިވެސް ވަޠަނީ ލޯބި އޮންނަން ޖެހޭނެކަން ރަސޫލް (ޞޢވ) ވަނީ އަނގަވައިދެއްވަވައިފައެވެ.
މައްކާގައި ދިރިއުޅުއްވެވެން ނެތް ޙާލަތަށް ކަންކަން ދިއުމުން ﷲ ތަޢާލާގެ އަމުރުފުޅަށް މައްކާއިން މަދިނާއަށް ހިޖުރަ ކުރައްވަވަން މަދީނާޢަށް ވަޑައިގަތުމަށްޓަކައި މައްކާއިން ނުކުމެވަޑައިގަތުމަށްފަހު މައްކާއާއި ކުރިމަތިލައްވަވައި ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅުން މިކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
މައްކާ އަކީ އެންމެ ލޯބިފުޅުވާ، ލޮބިވެތިކަން ބޮޑު ބިން ކަމަށާއި މައްކާގެ އަހުލުވެރިން އިތުރު އެކަލޭގެފާނު (ޞޢވ) މައްކާއިން ބޭރުކޮށްނުލިނަމަ ދުވަހަކުވެސް މައްކާ ދޫކުރައްވަވައި ވަޑައިނުގަންނަވާނެ ކަމަށް ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅުންނެވެ. މިބަސްފުޅުން އެނގިގެންދަނީ ކޮންމެ މީހެއްގެ ހިތުގައި ވެސް އެމީހެއްގެ ޤައުމަށް ލޯބި އޮންނަން ޖެހޭނެ ކަމެވެ.
މުސްލިމުންނަށް އެންމެ ފުރަތަމަ ރުކުނަކީ އިސްލާމް ދީނެވެ. އެއަށްފަހު އެމީހެއްގެ ޤައުމެވެ. ވަޠަނެވެ.
އިސްލާމް ދީނަކީ މިނިވަންކަމުގެ ދިނެވެ. އިސްލާމް ދީން ފެށިގެން އައީވެސް މީސްތަކުންނަށް މިނިވަންކަން ހޯދައި ދިނުމުގެ ތެރެއިންނެވެ. ރަސޫލް (ޞޢވ) އަށް ތަބަޢަވެވަޑައިގެންނެވި ގިނަ ބޭކަލުންނަކީ ފަޤީރުންނާއި އަޅުންނެވެ. އެ އެންމެ ބޭކަލުންނަށް ކުރިމަތިވެވަޑައިގަތީ ވަރަށް ބޮޑު އަޅުވެތިކަމެކެވެ. އެހެންކަމުން އިސްލާމް ދީނަކީ އަޅުވެތިކަމުން މީސްތަކުން ސަލާމަތްކުރުވުމަށް އެންމެ ބޮޑަށް ބާރު އަޅާ ދީނެވެ.
އެޒަމާނުގައި ރައްޔިތުންނަކީ ވެރިންގެ އަޅުންނެވެ. ޙިޖާޒްކަރައިގައި އަމަލުކުރަމުން އައި އުޞޫލަކީ އެހެން ހުރިހާ ޤަބީލާ ތަކަކީ އެންމެ ގަދަފަދަ ޤަބީލާގެ އަޅުންނެވެ. އިސްލާމް ދީން ބާވައި ލެއްވެވުނީ މިފަދަ ނިކަމެތި ހާލެއްގައި މީސްތަކުން އަޅުވެތިކުރެވިފައިވީ ޒަމާނެއްގައެވެ. މިފަދަ ބޮޑު އަޅުވެތިކަމުން މީސްތަކުން ސަލާމަތްކޮށް މިނިވަންކޮށްދިނީ އިސްލާމް ދީނެވެ.
ދީނީ ކަމެއްގެ ގޮތުން ފާހަގަކުރަން ޖެހޭ ދުވަސްތައް އިސްލާމް ދީނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ. މިނިވަން ދުވަހާއި އެހެންވެސް ދުވަސްތައް ފާހަގަކުރުމަކީ ދީނީ ކަމެއް ނޫނެވެ. ރާއްޖޭގައިވެސް އެފަދަ ދުވަސްތައް ކުރަމުން އަންނަނީ ޤައުމީ ކަމެއްގެ ގޮތުންނެވެ.
- ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު މިއަދު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން