މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމް ދީން ނަގަހައްޓައި ދެމެހެއްޓުމެވެ. އެހެން ހުރިހާ ކަންކަންވެސް އަންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ.
ރަސޫލް (ޞޢވ) މަދީނާއަށް ހިޖުރަ ކުރެއްވެވިއިރު މަދީނާގައި އެހެން ދީންތަކުގެ މީހުން ދިރިއުޅުނެވެ. ނަމަވެސް މަދިނާގައި އިސްލާމް ދީން ފެތުރިގެންދިއަފަހުން، އިސްލާމީ ވެރިކަމެއް ޤާއިމުކުރެވުމުން މަދީނާގައި ތިބި އެހެން ދީންތަކުގެ މީހުންގެ ތެރެއިން އިސްލާމް ދީނަށް ގެއްލުން ދޭން މަސައްކަތްކުރި މީހުންނާއި ފިތުނަ އުފައްދަން މަސައްކަތްކުރި މީހުން މަދީނާއިން ބޭރުކުރައްވަވައި ފޮނުއްވަވައިލެއްވެވިއެވެ. ޢައިރު މުސްލިމުންގެ އުނދަގޫތަކުން މަދީނާ ސަލާމަތްކުރެއްވެވިއެވެ.
މައްކާ ފަތަޙަ ކުރެއްވެވުމަށްފަހު ޣައިރު މުސްލިމުންނަށް މައްކާ ވަނީ ރަސޫލް (ޞޢވ) ޙަރާމްކުރައްވަވައިފައެވެ. އަދި މަދިނާވެސް ވަނީ ޙަރާމް ކުރައްވަވައިފައެވެ. އެއީ މުސްލިމުންގެ މިނިވަންކަމަށް ބުރޫ އަރައިފާނެ ކަމަށްޓަކައެވެ.
ދިވެހި ޤައުމަކީ 100 އިންސައްތަ މުސްލިމް ޤައުމެއް ކަމަށް ބުނަމުން ގެންދާއިރު އަޅުގަނޑުމެންގެ މިނިވަންކަންވެސް ހިފެހެއްޓޭނީ ހަމަ އެގޮތަށް އަމަލުކޮށްގެންނެވެ. އެހެން ތަފާތު ދިން ތަކުގެ މީހުން އަޅުގަނޑުމެންގެ ތެރެއަށް އައިސް ބާރުގަދަކޮށްފިނަމަ އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫއަރާނެއެވެ. އަޅުގަނޑުމެންގެ ދީން ފުރިހަމަ ގޮތުގައި އަޅުގަނޑުމެންގެ ދަރިންނަށް އުނގަންނައެއް ނުދެވޭނެއެވެ.
އިސްލާމީ ޝަރީޢަތުގައި ށާބިތުވެ ތިބުމަށްޓަކައި ﷲ ތަޢާލާ ވަނީ އަހަރެމެންނަށް ކަންތައްތަކެއް މަތިކުރައްވަވައިފައެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ކަމަކީ އިސްލާމް ދީން ޙިމާޔުްތކުރުމެވެ. ދެވަނަ ކަމެއްގެ ގޮތުން ގުއްދި ސަލާމަތުން ބަހައްޓާ ބައަކަށް ވާންޖެހޭނެއެވެ. ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ބުއްދި ފިލައިދާ އެންމެހައި ކަންކަން ޙަރާމް ކުރައްވަވާފައި ވަނީ އެ ސަބަބަށްޓަކައެވެ.
މިނިވަންކަންމަތީގައި ތިބުމަށްޓަކައި މުޖުތަމައުގައި އަމާންކަން ޤާއިމުވެފައި އޮންނަން ޖެހޭނެއެވެ. "ވައްކަންކޮށްގެން ނުވާނެ. ވައްކަން ކުރާނަމަ މިނިވަންކަމެއް ނުއޮންނާނެ. މިނިވަންކަމަކީ ކޮބައިތޯ؟ މިނިވަންކަމަކީ އިސްލާމީ ޢަޤީދާގެ މަތީގައި ހުރެ އިސްލާމީ އުޞޫލުތަކަށް ރައްކައުތެރިވެހުރެ ރިވެތި އަޚްލާޤްގެ މަތީގައި ހުރެ އެމީހަކު ކުރަން ބޭނުންވާ ކަމެއް އެމީހަކަށް ކުރެވުން. މި 3 ކަންތަކުގެ މަތީގައި ހުންނަ މީހަކު އެއްވެސް ގޯސްކަމެއް ނުކުރާނެ."
ހަމަ އެއާއިއެކު ނަސްލު ސަލާމަތްކުރެވެން ޖެހޭނެއެވެ. އަޅުގަނޑުމެންނަކީ ޞައްޙަ ކައިވެނިމަތީގައި ލިބިފައިތިބި ދަރިންނަށް ވާންޖެހޭނެއެވެ. ޒިނޭ ކުރުން ޙަރާމްކުރައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ. "ޒިނޭކުރާ ބައެއްގެ ތެރޭގައި މިނިވަންކަމެއް ނުއޮންނާނެއެވެ. ޞައްޙަ ބައްޕައަކު ނެތި ދަރިންނެއް ނުބެލެހެއްޓޭނެ. ޞައްޙަ ބައޕައަކު ނެތްނަމަ އަޚްލާޤަށް ބޮޑެތި ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ހަމައެއާއިއެކު މީސްތަކުންގެ ތެރޭގައި ރިވެތި ގޮތުގައި ވާހަކަ ދައްކާ ބައަކަށް ވާންޖެހޭނެއެވެ. ކޮންމެ މީހެއްގެވެސް ޢަބުރެއް އޮންނާނެއެވެ. އެ ޢަބުރު ރައްކައުތެރިކުރެވެން ޖެހޭނެ އެވެ. ނޫންނަމަ އެބައެއްގެ ތެރޭގައި މިނިވަންކަމެއް ނުއޮންނާނެއެވެ.
- ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު މިއަދު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން