ﷲ ތައާލާ ގިނަ ބައަކަށް ތަނަވަސްކަން މިންވަރުކުރައްވަވައެވެ. މަތީ މަޤާމާއި ދަރަޖަ މިންވަރުކުރައްވަވައެވެ. ރީތި އަނބިން މިންވަރުކުރައްވަވައެވެ. ދަރިން ދެއްވަވައެވެ. ނުދެއްވަވާ އެއްވެސް ނިޢްމަތެއް ނެތެވެ.
ނިޢްމަތްތައް ލިބުމުން ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ﷲ ތައާލާގެ ރުހިވޮޑިގަތުން އެމީހުންނަށް ލިބުނީ ކަމަށެވެ. ދެން ދުވަހަކުވެސް އެ ނިޢްމަތްތައް ގެއްލިގެން ނުދާނެ ކަމަށެވެ. އެއީ ދާއިމީ ނިޢްމަތްތަކެއް ކަމަށެވެ. އެއިގެ އިތުރުން އާޚިރަތް ދުވަހުވެސް އެމީހުންނަށް އުފާވެރިކަން ލިބޭނެ ކަމަށެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ ނިޢްމަތްތައް މިންވަރުފުޅު ކުރައްވަވަނީ ހަމައެކަނި މުސްލިމުންނަކަށް ނޫނެވެ. ﷲ ތަޢާލާ އަށް އީމާން ނުވާ ކާފަރުންނަށްވެސް މިންވަރުފުޅު ކުރައްވަވައެވެ. ވީމާ ނިޢްމަތްތައް މިންވަރުފުޅު ކުރައްވަވާ ކޮންމެ މީހަކީ ﷲ ތައާލާގެ ލޯބިވެވޮޑިގޮތުމާއި ރުއްސެވުން ލިބިގެންވާ މީހެއްކަމަށް ޤަބޫލުކުރެވޭކަށް ނެތެއް ނޫން ހެއްޔެވެ؟
ފިރު އައުނަށް ނުދެއްވަވަނީ ކޮން ނިޢްމަތެއް ހެއްޔެވެ؟ ޤާރޫނަށް ދެއްވެވި ތަނަވަސްކަން ކުޑައީ ހެއްޔެވެ؟ ނަމްރޫޛަށް ދެއްވެވި ބާރާއި ނިޢްމަތްތައް މަދީ ހެއްޔެވެ؟ ނަމަވެސް އެ އެންމެން ނިމިގެން ދިއައީ ކިހިނަކުން ހެއްޔެވެ؟ ކަހްފި ސޫރަތުގެ ބަޔާންވެގެންވާ ބަގީޝާ ދެއްވެވި މީހާގެ މަގީޗާ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަނދައިގެން ދިއަ ގޮތް ޢިބްރަތަކަށް ނުފުދެނީހެއްޔެވެ؟
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ރީތި އަނބިން ދެއްވެވި ކިތައް މީހުންގެ އަތުން ގެއްލޭ ހެއްޔެވެ؟ އެތައް ބައިވަރު ދަރިން ދެއްވެވުމަށްފަހު އެދަރިން ނުގެންދަވަނީ ހެއްޔެވެ؟ އެތައް ބައިވަރު ދަރިން ތިބެމެ އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ދަރިންގެ ކިބައިން ނުލިބި ނިކަމެތިކަންމަތީގައި ދުނިޔެ ދޫކުރަނީ ކިތައް މައިންބަފައިން ހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާ އެއްވެސް ނިޢްމަތެއް ދެއްވަވައިފިނަމަ ހިތްފުރި އުފަލުން ނަށަން ފަށަންވީއެއް ނޫނެވެ! ޤަބޫލުކުރަންވީ އެއީ ކޮންމެ ވަގުތަކުވެސް އަނބުރައި ގެންދަވައިފާނެ ނިޢްމަތެއް ކަމެވެ. އެއީ ތިމާ އާއި ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމެވެ. ވީމާ މަސައްކަތް ކުރަންވީ ދެއްވެވި ނިޢްމަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ.
ދެއްވެވި ނިޢްމަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ތިމާއަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ހުރިހާ ކަންކަން ކުރުމެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ހުރިހާ ކަމެއްވެސް ކުރުމެވެ. ﷲ ތަޢާލާގެ ޙައްޤުފުޅުތައް ވީހައި ފުރިހަމައަށް އަދާކުރުމެވެ. ނަމަވެސް މިކަން މިއަދު ވަރަށް ގިނަ ބައަކަށް ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ވީމާ މިކަމަށް ވިސްނައި ސަމާލުވުމަށް ވަޞިއްޔަތް ކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން