އަވަށްޓެރިއާއަށް އުނދަގޫވާ ގަހެއް ނަގައިދިން މީހަކަށް ސުވަރުގެއިން ގަހަކާއި ބަގީޗާއެއް ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
އަވަށްޓެރިއާއަށް އުނދަގޫވާ ގަހެއް ނަގައިދިން މީހަކަށް ސުވަރުގެއިން ގަހަކާއި ބަގީޗާއެއް ދެއްވަވާނެ!

އެއްދުވަހަކު ރަސޫލް (ޞޢވ)ގެ އަރިއަހަށް ގޮސް ޒުވާނަކު ދެންނެވިއެވެ. "އަޅުގަނޑުގެ ގޭގެ ވަށައިގެން ފުޅަފެއް އަޅަން ބޭނުމެވެ. އެކަމަށް ހުރަސް އަޅަނީ އަވަށްޓެރިޔާގެ ގަހެކެވެ. އޭނާގެ ގާތު އެ ގަސް ދިނުމަށް އެދުމުން ގަހެއް ނުދިނެވެ. މިކަމަށް އެހީތެރިވެވަޑައިގެން ދެއްވައިފާނަންތޯއެވެ؟" 

ރަސޫލް (ޞޢވ) އޭނާގެ ގާތަށް ވަޑައިގެން އެ ގަސް ވިއްކުމަށް އެދިވަޑައިގެންނެވި ނަމަވެސް އޭނާ އެކަމަށް އެއްބަހެއް ނުވިއެވެ. އެއްބަސް ނުވުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ނުވިއްކާނެ ނަމަ ޞަދަޤާތްކުރާށެވެ! އެއިރުން ތިބާއަށް ސުވަރުގޭގައި ގަހަކާއި ބަގީޗާއެއް ﷲ ތަޢާލާ ދެއްވަވާނެކަން ޔަޤީންފުޅުކޮށް ދެއްވަވަމެވެ." 

ޖަވާބުގައި އޭނާ ދެންނެވީ ގަސް ނުދޭނެ ކަމަށެވެ. ގަހަކީ އޭނާގެ ޙައްޤެއް ކަމަށެވެ. 

އެހިނދު ޞަޙާބީބޭކަލުން ރަސޫލް (ޞޢވ)އަށް ދެންނެވިއެވެ. "ޔާ ރަސޫލުﷲ! ދެންމެ ސުވަރުގެއިން އޭނާއަށް ގަހެއް ލިބޭނެކަމަށް ތިއަ ޙަދީޘްފުޅުކުރެއްވެވި ކުރެއްވެވުން އެއީ އޭނާއަށް އެކަނި އޮތް ކަމެއްތޯއެވެ؟ ނޫންނަމަ އެފަދަ ކަމެއް ކުރި ކޮންމެ މީހަކަށް ވެސް ލިބޭނެ ނިޢްމަތެއްތޯއެވެ؟" 

ޖަވާބުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ (އެފަދަ ކަމަކާއި ގުޅިގެން) އެފުރުޞަތު އެންމެންނަށްވެސް އެބައޮތް ކަމަށެވެ. 

މިއަޑު އިވިވަޑައިގަތުމުން އަބޫދަޙްދާ (ރޢ) އެމީހާގެ ގާތަށް ގޮސް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަކީ އަބޫ ދަހްދާ އެވެ. ތިމަންކަލޭގެފާނަކީ ކާކުކަން ތިބާއަށް ރަނގަޅަށް އެނގޭނެއެވެ. ތިމަން ކަލޭގެފާނުގެ 300 ގަސް/ރުއް (ކަދުރު ރުއް) މި މަދީނާގައި އެބަހުއްޓެވެ. ތިބާގެ ތިއަ ގަސް ތިމަން ކަލޭގެފާނަށް ދޭށެވެ! ތިމަން ކަލޭގެފާނުގެ 300 ގަސް ތިބާއަށް ދެއްވާހުށީމެވެ." 

އޭނާ ހީކުރީ އަބޫ ދަހްދާ މޮޔަފުޅުވީ ކަމަށެވެ. އެކަން ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ކުރައްވަވާނެކަމުގެ ޔަޤީންކަން ދެއްވެވުމުން އެ ގަސް އަބޫ ދަހްދާ އަށް ދިނެވެ. އަދި ވަގުތުން އަބޫ ގަހްދާ އެ ޒުވާނާއަށް އެ ގަސް ވަގުތުން ދެއްވައި އޭނާއަށް ފުޅައް އެޅޭނެ ގޮތް ހައްދަވައި ދެއްވެވިއެވެ. 

އަބޫ ދަހްދާއަށް ލިބިވަޑައިގެންނެވި އުފާފުޅާއިއެކު ގެއަށް ވަޑައިގެން އަނބިކަނބަލުންނަށް ވިދާޅުވިއެވެ. "މިވަޑައިގަތީ ވަރަށް އަގުހުރި ވިޔަފާރިއެއް ކުރައްވައިގެންނެވެ. އަހަރެމެންގެ އާޚިރަތަށްޓަކައި ދުނިޔެ ވިއްކަވައިލައްވައިފީމެވެ." އަނބިކަނބަލުންވެސް އެކަމަށް އުފާފުޅު ކުރައްވައި "ﷲ އަކްބަރު!" ވިދާޅުވިއެވެ. 

އެ ހިސާބުން އަބޫ ދަހްދާ ދިރިއުޅުއްވި ގެ ވެސް ދޫކުރައްވައި ނުކުމެވަޑައިގެންނެވިއެވެ. ގެއިން ނުކުމެވަޑައިގަންނަވަމުން ބެއްލެވިއިރު ތުއްޕުޅު ބޭފުޅުންގެ އަތްޕުޅުގައި ކަދުރު ހުރުމުން އަބޫ ދަހްދާ ސުވާލުރެއްވިއެވެ. "އެއީ ގެއަށް ވަޑައިގަތުމުގެ ކުރިން ހޮވާފައިވާ ކަދުރުތޯއެވެ؟" ޖަވާބުގައި ގެއަށް ވަޑައިގެންނެވި ފަހުން ކަމަށް ދެންނެވުމުން އެ ކަދުކޮޅުވެސް އަތުލައްވަވައި ގޭގެ ތެރޭގައި ބެހެއްޓެވިއެވެ. އަދި ވިދާޅުވިއެވެ. "މިއަށްވުރެ މާ ރަނގަޅު އެއްޗެއް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާނެއެވެ." 

ތުއްޕުޅު ބޭފުޅުންވެސް އެއްވެސް ޝަކުވާއެއް ނުކުރައްވައެވެ. އެއީ ސުވަރުގެއިން ލިބޭނެ ނިޢްމަތްތައް މާމަތިވެރިކަމަށް ޤަބޫލުފުޅު ކުރެއްވޭތީއެވެ. 

މީސްތަކުންނޭވެ! އަހަރެންގެ ހިތަށް އަރައެވެ. ފިރިމީހާ މިފަދަ ކަމެއް ކޮށްގެން މިއަދު ގެއަށް ހިނގައްޖެނަމަ ގިނަ އަނބިން ކަންތައް ކުރާނެ ގޮތާއިމެދު ސުވާލު އުފެދެއެވެ. ޖައްސާނީ ހޫނު ދޭފަތް ނޫން ކަމާއިމެދުގައެވެ. ނިދަން ބާއްވާނީ ތަޅުންމަތީގައި ނޫންކަމާއިމެދުގައެވެ. 

-  ޝައިޚް ނޫމާން ޢަލީޚާންގެ ދަރުސަކުން 

މި ދަރުސަށް ބަލާއިރު އަވަށްޓެރިންނަސް އުނދަގޫވާ ގަސް ފަދަ ތަކެތި ކަނޑަން ރާއްޖޭގައި ޝަރީޢަތަށް ގޮސް ކުރަން މިޖެހޭ މަސައްކަތްތަކަށް ވިސްނައިލުން ރަނގަޅެވެ. އެފަދަ ގަހެއް ކަނޑައިދިން މީހަކަށް ސުވަރުގެއިން ގަހަކާއި ބަގީޗާއެއް ލިބޭނެކަން އެނގޭނަމަ ކޮންމެ މީހަކުވެސް އުފަލާއިއެކު އެކަން ކުރާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން