ކީރިތި ޤްރުއާނުގައިވާ ކަންކަން އެނގި އަމަލު ނުކުރާ މީހުންގެ ކިބައިނަ ބަދަލު ހިއްޕަވާނެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވައިފައެވެ. އަދި އެމީހުން ސިފަކުރައްވަވާފައިވަނީވެސް އެންމެ ބޮޑެތި އަނިޔާވެރިންގެ ގޮތުގައެވެ.
"އެމީހެއްގެ ވެރިރަސްކަލާނގެ އާޔަތް ތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، ދެން އެ އާޔަތްތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ." (ސަޖިދަ: 22)
އަހަރެމެން ކޮންމެ މުސްލިމަކީ ކީރިތި ޤްރުއާނަކީ ﷲ ތަޢާލާ ބާވައިލެއްވެވި އިލާހީ ޤާނޫނުކަން ވަރަށް ރަނގަޅަށް އެނގޭ މީޙުންނެވެ. އެ ޤާނޫނުތަކަށް އަމަލުކުރަން ޖެހޭކަން އެނގޭ މީޙުންނެވެ. ނަމަވެސް ކީރިތި ޤްރުއާނަށް އަމަލުކުރެވެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ ކަނޑައެލިގެން އެނގިތިބެމެ އަމިއްލަ ގޮތްތައް ކުރިއަށް ނެރެގެން ކަންކަން ކުރަނީ ކިތައް މީހުން ހެއްޔެވެ؟ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް އެނގިތިބެ އަމިއްލައަށް ޙުކުމްތައް އުފައްދައިގެން ޙުކުމް ކުރަނީ ކިތައް މީހުން ހެއްޔެވެ؟
މިއާޔަތުން ރެކެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ފަރުދީ ޒިންމާ އުފުލަން ޖެހޭނެއެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައިވެސް ޢަމަލުކުރަން ޖެހޭނީ ކީރިތި ޤްރުއާނަށެވެ. ޤާނޫނުތައް ހަދައި ތަންފީޒުކުރުމުގައިވެސް ޢަމަލުކުރަން ޖެހޭނީ ކީރިތި ޤްރުއާނަށެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ!
ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ބަހައްޓާފައި އަމިއްލަ އުފައްދައިގެން ޙުކުމް ކުރުމަކީ މިއާޔަތުގައިވާ "އެ އާޔަތްތަކަށް ފުރަގަސްދީ އެނބުރިގަތުން" ނޫން ކަމަކަށް ނުހެދޭނެއެވެ. އަދި އެފަދައިން އަމަލުކުރާ މީހުންނަކީ އެންމެ ބޮޑެތި އަނިޔާވެރިން ނޫންކަމަށް ވާނެ އެއްވެސް ގޮތެއްވެސް ނުއޮންނާނެއެވެ. އެގޮތަށް ޢަމަލުކުރާ އެންމެންގެ ކިބައިން ބަދަލު ހިއްޕަވާނެ ކަމުގެ ގަދަފަދަ އިންޒާރު ﷲ ތަޢާލާ އެ ވަނީ މިއާޔަތުގައި ދެއްވަވައިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން