ވާންވީ ނަރަކައިން ނުކުންނަން މަސައްކަތްކުރާނެ މީހަކަށް ނޫނެވެ! ވާން ޖެހޭނީ ނަރަކައަށް ނުވަންނަން މަސައްކަތްކުރާ މީހަކަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ވާންވީ ނަރަކައިން ނުކުންނަން މަސައްކަތްކުރާނެ މީހަކަށް ނޫނެވެ! ވާން ޖެހޭނީ ނަރަކައަށް ނުވަންނަން މަސައްކަތްކުރާ މީހަކަށެވެ!

ނަރަކައިގެ އަހުލުވެރިން ނަރަކައިން ނުކުންނަން މަސައްކަތްކުރާނެއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ. ނުކުންނަން މަސައްކަތްކުރާއަށް އެތެރެއަށް ވެއްދޭނެއެވެ. ނަރަކައިން އަމިއްލައަށް ނުކުތުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދެއްވަވާނެތެވެ! ވީމާ މަސައްކަތްކުރަންވީ ނަރަކައިން ނުކުންނަން މަސައްކަތްކުރާ މީހަކަށް ވުމަކަށް ނޫނެވެ. ނަރަކައަށް ނުވަންނަން މަސައްކަތްކުރާ މީހަކަށެވެ. 

ނަރަކައަށް ވައްދަވައިފި މީހަކަށް އެތަނުން އަމިއްލައަށް ނުކުތުމުގެ އެއްވެސް ފުރުޞަތެއް ނެތް ނަމަވެސް ނަރަކައަށް ނުވަނުމަށް މަސައްކަތްކުރުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތެވެ. ނަރަކައަށް ނުވަނުމުގެ އިޚްތިޔާރުވެސް ﷲ ތަޢާލާ ވަނީ މީސްތަކުންނަށް ދެއްވަވައިފައެވެ. ވީމާ ނަރަކައަށް ވަނުމަކީ ކޮންމެ މީހަކުވެސް އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމެކެވެ. 

ސަޖިދަ ސޫރަތުގެ 20 ވަނަ އާޔަތުން މިކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. 

"އަދި (ކާފިރުވެ) ފާސިޤް ވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެއުރެން އެތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެއުރެން އަނބުރާ އިޢާދަކުރައްވާނެތެވެ. އަދި އެއުރެންނަށް އަންގަވާނެތެވެ. ތިއަބައިމީހުން ދޮގުކޮށް އުޅުނު ނަރަކައިގެ ޢަޛާބު ގެ ރަހަ، ތިއަބައިމީހުން ލިބިގަންނާށެވެ!" (ސަޖިދަ: 20) 

ހަމަ އެއާއިއެކު ނަރަކައަށް ވައްދަވާ އެންމެންނަށްވެސް ެކަމުގެ އިންޒާރު މިދުނިޔެމަތީގައި ދެއްވަވައެވެ. ޤަބޫލު ނުކުރެވެނީއެވެ. ވިސްނައި ބަލައިގަންނަން އުނދަގޫވަނީއެވެ. ޖާހިލުކަން ބޮޑުވުމުން އެއީ އިންޒާރުކަން ވެސް ނުއެނގެނީއެވެ! ނުވެސް ވިސްނެނީއެވެ. 

މިފަދައިން އިންޒާރު ދެއްވަވަނީ އަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށެވެ. ޙައްޤު މަގަށް ރުޖޫޢަވުމަށެވެ. ވީމާ ދުނިޔެމަތީގައި ކުރިމަތި ކުރައްވަވާ އިމްތިހާނުތަކުން ޢިބްރަތް ޙާޞިލުކުރި މީހަކަށް މެނުވީ ނަރަކައިން ސަލާމަތް ވުމުގެ ފުރުޞަތު ނުލިބިދާނެ ކަމަށް ބިރުވެތިވާށެވެ! ސދަޖިދަ ސޫރަތުގެ 21 ވަނަ އާޔަތަސް ވިސްނައިލާށެވެ. އެއިރުން އެކަން ޔަޤީންކުރެވޭނެއެވެ. 

"އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެބޮޑު ޢަޛާބް (އެބަހީ: ނަރަކައިގެ ޢަޛާބް) ފިޔަވައި ލުއި ޢަޛާބުން (އެބަހީ: ދުނިޔެމަތީގެ ޢަޛާބުން) އެއުރެންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެއުރެން (އީމާން ކަމަށް) ރުޖޫޢަ ވުމަށްޓަކައެވެ." (ސަޖިދަ: 21) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން