ބައެއް މީހުން އެންމެ ބޮޑަށް ޝައުޤުވެރިވަނީ އަދާވާތްތެރިންގެ ވާހަކަތައް އަޑުއެހުމަށެވެ. ޢަދާވާތއތްރިންނާއިމެދު ދެކެވޭ ވާހަކަތަކަށް ޖާގަ ދޭނަމަ އިސާހިތަކު އެ އަޑުތަކުން ތިބާގެ ސިކުނޑި ފުރައިލާނެއެވެ.
ފުރަތަމަ ވިސްނަންވީ ދެއުޑުވުމުގެ ހުރި ނުބައިކަމަށެވެ. ދެބަ އުޑުވާ މީހާ އެކުރަނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ވީއިރު އެހައި ބޮޑެތި ފާފަތައް ކުރަން ޖެހިލުން ނުވާ މީހުން ޖެހިލުން ނުވާތީ ކޮންމެ ކަމެއް ކުރަން ހެއްޔެވެ؟ މިއަދު އެކަތިލަނީ ކޮންމެވެސް އެހެން މީހެކެވެ މާދަމާ ކަތިލާނީ ތިބާ ނޫންކަން ތިބާއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟
ތިބާގެ އަދާވާތްތެރިޔާގެ ވާހަކަތައް ހިފައިގެން ތިބާ ގާތަށް އަންނަ މީހާ ތިބާގެ ވާހަކަތައް ހިފައިގެން އެހެން މީހުންގެ ގާތަށްވެސް ދާނެއެވެ! ދެބައުޑުވުމަކީ ﷲ ތަޢާލާ ހަރާމް ކުރައްވަވާފައިވާ ކަމެކެވެ. ﷲ ތަޢާލާއަށް ބިރެއްނެތި އެކަން ކުރާ މީހާ ތިބާއަށް ދޭނީ ކޮން ސަމާލުކަމެއް ހެއްޔެވެ؟
ކޮންމެ މީހެއްގެ ވެސް ޢަދާވާތްތެރިން ތިބޭނެއެވެ. އެއީ ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. ދުނިޔޭގައި އުޅެންވީ އެކަން ޤަބޫލުކޮށްގެންނެވެ. ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ އަދާވާތްތެރިންނާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުނުވުމެވެ. އެހެނީ އެމީހަކަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ވީމާ ޢަދާވާތްތެރިންގެ ކަންކަމަށް ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
އަޖުމަ ބަލައިލަންވެސް ނިކަން ނިކަން ޢަދާވާތްތެރިންގެ ވާހަކަތައް އަޑު އެހުން ހުއްޓައިލަބަލާށެވެ! ސިކުނޑިއަށް ތާޒާކަން ލިބޭނެއެވެ. ހިތްހަމަޖެހުން ލިބޭނެއެވެ. މީގެ އިތުރުންވެސް ވިސްނައިލަން ޖެހޭ ވަރަށް ބޮޑު ކަމެއްވެސް އެބަ އޮތެވެ.
ޢަދާވާތްތެރިންގެ ކަންކަމަށް ވިސްނާ މީހަކަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ވަރަށް އުނދަގޫވާނެއެވެ. އެހެނީ އެމީހެއްގެ ސިކުނޑި އަބަދުވެސް ފުރިފައިވާނީ އަދާވާތްތެރިޔާ އާއިމެދު އޮންނަ ކަންބޮޑުވުންތަކުންނެވެ. މިއީ ކިހައިވަރެއްގެ ބޮޑު ނުރައްކާތެރިކަމެއްކަން ނިކަން ހިތަށް ގެނެސްބަލާށެވެ! މުޅި މީހާ ފޭލްވީ ނޫން ހެއްޔެވެ؟ ވީމާ ޢަދާވާތްތެރިންނާއިމެދު ވިސްނުން މުޅިން ހުއްޓައިލާށެވެ! ޢަދާވާތްތެރިޔާ ދީފާނެ ގެއްލުމަކަށް ވިސްނުމުގެ ބަދަލުގައި ﷲ ތަޢާލާ މިހާރުވެސް ދެއްވަވާފައިވާ ގިން ގުނަ ނިޢްމަތްތަކާއިމެދު ވިސްނަން ފަށާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން