ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެ ކޮމިޓީއަށް އޮޅުވާލައްވާ ދޮގު މައުލޫމާތު ދެއްވިކަމަށް ތުހުމަތުކޮށް މަޖިލީހުން ފޮނުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މިމައްސަލައާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ ޝަރީފަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް އަދި ޝަރީފު ހާޒިރު ކުރައްވާފައި ނުވާ ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލާގައި ބީއެމްއެލްގެ އިހުމާލުތަކާ ގުޅިގެން މާލިއްޔަތު ކޮމިޓީގައި ތިއްބަވާ މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތު ކުރެވުނެވެ.
ނަމަވެސް ދޮގު މައުލޫމާތު ދެއްވުނީ މައުލޫމާތުގެ ކުށަކުން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.