ދެ ދުނިޔެ ކާމިޔާބުކުރަން މި 3 ކަންތަކުގައި ސާބިތުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ދެ ދުނިޔެ ކާމިޔާބުކުރަން މި 3 ކަންތަކުގައި ސާބިތުވާށެވެ!

މުސްލިމުން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަން 3 ކަމެއް ކޮންމެހެން ކުރަން ޖެހެއެވެ. ނުވަތަ 3 ކަމަކަށް އަމަލުކުރަން ޖެހެއެވެ. އެ 3 ކަންތައް ކުރުމުގައި ސާބިތުވެވިއްޖެ ނަމަ އެމީހަކަށް ދެ ދުނިޔެވެސް ކާމިޔާބުކުރެވުނީއެވެ!. އިން ޝާ ﷲ! 

އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމެވެ. ދެވަނަ ކަމަކީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ބަހެއް ދުލުން ނުބުނުމެވެ. 3 ވަނަ ކަމަކީ ތިމާގެ ދުލުން ބުނާ ހެޔޮ ލަފާ ބަސްތަކާއި އެއްގޮތަށް ތިމާ އަމަލުކުރުމެވެ. މި 3 ކަންތަކުގައި ހިފަހައްޓައިފި މީހަކަށް ކާމިޔާބުލިބޭނެއެވެ. 

ރަނގަޅަށް ވިސްނައިލާށެ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ނުކުރުމެއް ނޫނެވެ. އެކަމެއް ކުރުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ އެންމެހައި ކަންކަން ކުރުން ވެސް ހިމެނެނީ  ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ކަމެއް ނުކުރުމުގެ ތެރޭގައެވެ. މިސާލަކަށް ނަމާދު ނުކޮށް ހުރިމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. ހަމަ އެފަދައިން ކޯފާވެވޮޑިގަންނަވާނެ ކަމެކެވެ. 

ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ބަހެއް ނުބުނުމުގެ މާނައިގައި ހިމެނެނީ ހަމައެކަނި ކުފުރުގެ ބަސްތައް ބުނުމެއް ނޫނެވެ. އެބަހެއް ބުނުން ﷲ ތަޢާލާ މަނާ ކުރައްވަވާފައިވާ އެއްވެސް ބަހެއް ދުލުން ނުބުނުމާއި އެވާހަކައެއް ދެއްކުން ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުންވެސް ހިމެނެނީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ބަހެއް ދުލުން ނުބުނުމުގެ ތެރޭގައެވެ. 

3 ވަނަ ކަންތަކަކީ އެންމެ ގިނަ ބައަކު ފޭލްވަމުންދާ ކަންތަކެވެ. އެއީ ތިމާގެ ދުލުން ބުނާ ހެޔޮ ލަފާ ބަސްތަކާއި އެއްގޮތަށް ތިމާ އަމަލުކުރުމެވެ. މިހާރަށް ބަލައިފިނަމަ ވަރަށް ގިނަ މީހުން ވަރަސް ގިނައިން ހެޔޮ ލަފާ ވާހަކަތައް ދައްކައެވެ. ނަމަވެސް އެމީހަކު ދައްކާ ވާހަކަތަކާއި އެއްގޮތަށް އެމީހަކަށް އަމަލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. ޚާއްޞަކޮށް އިސްލާމް ދީނަށް އަމަލުކުރުމުގައެވެ. 

މިސާލަކަށް ކޮންމެ މީހަކުވެސް ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކާނެއެވެ. އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ބުނާނެއެވެ. ހަމައެކަނި ދީނީ ޢިލްމުވެރިންނެއް ނޫނެވެ. ހުރިހާ އެންމެންވެސް އެކަމުގެ ވާހަކަތައް ދައްކާނެއެވެ. ނަމަވެސް ސުވާލަކީ ފަތިސް ނަމާދުގެ ޖަމާޢަތަށް ނުދެވޭތަނުގައި ފަތިސް ނަމާދުގެ ވަގުތުގައި ފަތިސް ނަމާދު ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

ހަމައެއާއިއެކު އަނބިދަރިންނަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމުގެ ވާހަކަ ނުދައްކާ އެއްވެސް މީހަކު ނުހުންނާނެއެވެ. ނިކަން ބުނެބަލާށެވެ! އަނބިދަރިންނަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

އިސްލާމް ދީނަކީ ހަމައެކަނި ދުލުން ބަސްތައް ބުނުމުގެ ދީނެއް ނޫނެވެ. ދުލުން ބުނާ ބަސްތަކާއިއެއްގޮތަށް އަމަލުކުރުމުގެ ދީނެވެ. ވީމާ ތިމާގެ އަމިއްލަ ދުލުން ދައްކާ ވާހަކަތަކާއި އެއްގޮތަށް ޢަމަލު ނުކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން