އުތުރު އެމެރިކާއަށް ބަލައިފިނަމަ ކެލިފޯނިއާ އަކީ ދަނޑުވެރިކަމާއި ޘަޤާފީ ގޮތުން ކެނެޑާގެ ބައަކާއި އެމެރިކާގެ "ބްރެޑް ބާސްކެޓް" އެވެ. ނަމަވެސް މިއަދުގެ ޙާލަކީ ކޮބައި ހެއްޔެވެ؟ ރައްޔިތުން މަގުތަކަށް ނުކުމެ އެމީހެއްގެ ދީނުގެ އަޅުކަންކޮށް ފެނަށް އެދެނީއެވެ. މުސްލިމުން އިސްތިސްޤާ ނަމާދުކުރަނީއެވެ. އެމީހަކަށް ކުރެވުނު ދީނީ ކޮންމެ ކަމެއް ކުރަނީއެވެ. ކެލިފޯނިއާގެ ތާރީޚަށް ބެލި ނަމަވެސް މިއީ ފެން ލިބުން އެންމެ ދަތި ދުވަސްވަރެވެ.
އެވަރުން ނިމެނީއެއް ނޫނެވެ. ޖަންގަލި އަނދަމުން ދަނީއެވެ. ކާބޯތަކެތި އުފެއްދޭ މިންވަރު މަދުވެ އަގު އުފުލެނީއެވެ. ބިންގަނޑު ކަނޑައިގެން ދަނީއެވެ. މިއީ ހަމަ ހުރެފައި ހިނގާ ކަންކަން ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. 2011 ވަނަ އަހަރު އެމެރިކާއަށް ކުރިމަތިވި ޤުދްރަތީ ކާރިސާތަކުން ލިބުނު ގެއްލުން އެކަނިވެސް އެތައް ބިލިއަން ޑޮލަރަކަށް އަރައެވެ. މިކަންކަން ކުރިމަތިވަމުންދަނީ ހަމައެކަނި އެމެރިކާއަކަށްވެސް ނޫނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށެވެ.
ކެލިފޯނިއާއަށް ބަލައިފިނަމަ ދުނިޔެ ފަސާދަކުރުމުގެ އަމަލުތައް ކެލިފޯނިއާގައި ވަނީ ހައްދުފަހަނައަޅައިފައެވެ. މުޅި ދުނިޔެ ބޮޑު ވަބާއެއްގެ ތެރެއަށް ވައްޓާލާފައިވާ ބަރަހަނާ ފިލްމު އުފެއްދުމުގެ އެންމެ ކުރީގައި އޮތީ ކެލިފޯނިއާއެވެ. މުޅި ދުނިޔޭގައި އުފައްދާ ބަރަހަނާ ފިލްމްތަކުގެ 90 އިންސައްތަ އުފައްދަނީ ކެލިފޯނިއާގެ އެންމެ ވެލީއެއްގައެވެ. އެފިލްމްތައް ވެގެން މިދަނީ ޒުވާން ޖީލުގެ ސިކުނޑިތަކަށް ލާ އެންމެ ބޮޑު ވިހަ ކަމަށެވެ.
މީސްތަކުންނޭވެ! ދުނިޔޭގެ ކޮންމެ ޤައުމަކަށް ބެލި ނަމަވެސް އެންމެ ގިނަ ބައަކު އެމީހުންގެ ސްމާޓް ފޯން ބޭނުންކުރަނީ ބަރަހަނާ ކަންކަން ބެލުމެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ބައެއްގެ ޙަޔާތް ނެތިގެން ހިނގައްނަމަ، ހަޔާތް (ލަދު ޙަޔާތް) ކެނޑިއްޖެނަމަ އެމީހުން ކޮންމެ ކަމެއްވެސް ކުރާނެ ކަމަށެވެ. މިއަދު މިފެންނަނީ އެކަމުގެ ހެކިތަކެވެ. ހުރިހާ ނުބައި އަމަލުތަކެއް ކުރުން ޢާންމުވަމުން މިދަނީ އެކަމުގެ ސަބަބުންނެވެ.
2011 ވަނަ އަހަރު ކުރިމަތިވި ޤްދްރަތީ ކާރިސާތަކުން އެމެރިކާއަށް ލިބުނު ގެއްލުން 11 ބިލިއަން ޑޮލަރަށް އެރިކަމަށް ބެލެވޭއިރު 2012 ވަނަ އަހަރު އެ އަދަދު ވަނީ 75 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.
"ރަށްތަކުގެ އަހުލު ވެރިން، އީމާން ވެ، ތަޤްވާ ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތު ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު އަމަލުތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ ޢަޛާބު ން) އެއުރެން ހިއްޕެވީމެވެ." (އަލްއަޢްރާފް: 96)
ވަށައިގެން ހިނގަމުން މިދާ ކަންކަމަށް ބަލައި ފުންކޮށް ނުވިސްނައިފިނަމަ ކުރިއަށް އޮތް 5 ،10 އަހަރު ތެރޭގަ ވަރަށް ގިން ބޮޑެތި ކަންތައްތަކެއް ތަޖުރިބާކުރަން ޖެހޭނެއެވެ. ކީރިތި ޤްރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އިސްވެ ދިއަ އުންމަތްތަކަށް ކަންކަން މެދުވެރި ކުރެއްވެވި ގޮތާއިމެދު ފުންކޮށް ވިސްނައި ފިކުރުކުރުމަށެވެ. އަދި އެއިގެ ތެރެއިން ބައެއް ހާދިސާތައް ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވައިފައެވެ. އެއީ އެކަންކަން ދެނެގަނެ އިބްރަތް ޙާޞިލުކުރުމަށެވެ.
ނިކަން ވިސްނައިބަލާށެވެ! އުތުރު ޕޯލްގެ އައިސްތައް ވިރެމުން އަންނަ ބާރުމިނަށް ކެތް ނުކުރެވިގެން އުތުރު ޕޯލްގައި އުޅޭ ގިނަ އަދަދެއްގެ ޖަނަވާރުތައް އުތުރު ޕޯލް ދޫކޮށް ހިނގައްޖެއެވެ. މިކަމުން އެނގެނީ އިންސާނުންގެ ވިސްނުމަށް ގެނެވޭވަރަށް ވުރެ މާ ބާރަށް ނުރައްކާ އިންސާނުންގެ ފަހަތުން ދުވަމުން އަންނަ ކަމެވެ.
މީސްތަކުންނޭވެ! މުޞީބާތްތައް "އޮހިގަތުން" މިވަނީ ދާދި ގާތްވެފައެވެ. ބިރުވެތިވާށެވެ! ސަމާލުވާށެވެ! ކީރިތި ޤްރުއާނަށް އަމަލުކުރާށެވެ! ކިޔައި ޢިބްރަތް ޙާޞިލްކުރާށެވެ!
- ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން