މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތަކީ އެމީހަކު ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާ ބައިވެރިއަކު ލިބުމެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތަކީ އެމީހަކު ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާ ބައިވެރިއަކު ލިބުމެވެ.

އަމިއްލައަށް ވަޒަންކޮށްލާށެވެ! އުމުރުން މިހައި ހިސާބަށް އާދެވުނުއިރު ޝައިޠާނާގެ ވަސްވާހަށް ހެއްލި ކިތައް ފަހަރު ﷲ ތަޢާލާއަށް އުރެދިއްޖައިން ހެއްޔެވެ؟ ކުރެވުނު ފާފަތަކަށް ބިރުވެތިވެ އެންމެ ފަހަރަކުވެސް ދެރަވެ، ލޮލުން ކަރުނަ އަޅައި ﷲ ތަޢާލާގެ ޙަޟްރަތުން ޢަފޫ ކުރެއްވެވުމަށް އެދި ތައުބާ ވެއްޖައިން ހެއްޔެވެ؟ 

އަމިއްލައަށް ވިސްނައިލާށެވެ! އެހެންކަމާއިއެކުވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ވަޒަންކޮށްލާށެވެ! ތިބާއަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ފުއްދަވައި ދެއްވަވާ ނޫން ހެއްޔެވެ؟ ތިބާގެ ކޮނޑުގައި އުފުލަމުން ގެންދާ ފާފަތަކަށް ބައްލަވައިވޮޑިގެން ތިބާ ބާކީއެއް ނުކުރައްވަވާ ނޫން ހެއްޔެވެ؟ ﷲ ތަޢާލާގެ އޯގާތެރިވަންތަކަމުގެ ބޮޑުކަމަށް ވިސްނައި ދީލަތިވަންތަކަމަށް ޝުކުރުވެރިވެ ލަދުވެތިވާކަށް އަދިވެސް ނުވޭ ހެއްޔެވެ؟ 

ޔަޤީންކުރާށެވެ! ﷲ ތައާލާ އަދިވެސް ފުރުޞަތު އެ ދެއްވަވަނީ ތިބާ އެނބުރި ތައުބާވުމަށެވެ. އެކަން ތިބާއަށް ޤަބޫލު ނުކުރެވި ހުއްޓައި މަރު އައިސް ތިބާ އާއި ބައްދަލުކޮށްފިނަމަ ހުރިހާ ތައުބާވުމަށް ހުރި ހުރިހާ ފުރުޞަތެއް ގެއްލިގެން ދިއައީއެވެ. އެހެނީ މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގެން ތިބާގެ ލޮލަށް ފެންނަ ހިސާބުން ތައުބާގެ ދޮރު ބަންދުވާނެއެވެ. 

މިރޭ މިދަރުސް އަޑުއަހަން މިތަނުގައި މިތިބް އެންމެންނަކީ އަދިވެސް ތައުބާވުމުގެ ފުރުޞަތު އޮތް މީޙުންނެވެ. މިރޭ ދިރި ދުނިޔޭގައި ތިބި އެންމެންނަކީވެސް ތައުބާވުމުގެ ފުރުޞަތު އޮތް މީހުންނެވެ. ނަމަވެސް އެ ފުރުޞަތު ގެއްލޭނީ ހަމަ މިރޭގެ ވަގުތެއްގައި ނޫންކަމުގެ ޔަޤީންކަން ހަމައެކަކަށްވެސް ނުއޮންނާނެއެވެ. 

މީސްތަކުންނޭވެ! މިބުނާ ވާހަކައަކީ މިތަނުގައި ތިއްބައިވެސް، ދަރުސް އަޑުއަހަމުން ދަނިކޮށްވެސް މަރުވެދާނެ ކަމެވެ. މަރުގެ މަލާއިކަތާ ވަޑައިގެން އެމީހެއްގެ މަރު ހިއްޕަވައިފާނެ ކަމެވެ. ވީމާ އެންމެންވެސް އަވަހަށް ތައުބާވާށެވެ! އެ ތައުބާ މަތީގައި ދެމިތިބެން ގަދައަޅައި މަސައްކަތްކުރާށެވެ. 

މީސްތަކުންނޭވެ! ތއުބާވުމުގެ ގިނަގިނައިން ދައްކާތީ ފޫހިވެސް ވެދާނެއެވެ. ނަމަވެސް އެއީ އެންމެ ގިނައިން ހަނދާންކޮށްދޭން ޖެހޭ ކަންތަކެވެ. ހަމަ އެކަނި ދީނީ ޢިލްމުވެރިންނެއް ނޫނެވެ. ތިއައިން ކޮނަމެ މީހަކުވެސް ގެއަށް ދެވުނުހައި އަވަހަކަށް އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުިގައިވާހައި ބައަކަށް އަވަހަށް ތައުބާވުމަށް ދައުވަތުދޭށެވެ! އެއީ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު މަސްއޫލިއްޔަތުކަމުގައި ހަދާށެވެ! އެހެނީ އަހަރެމެން މަސައަކްތްކުރަން ޖެހޭނީ ހަމައެކަނި އަހަރެމެން ސުވަރުގެ ދިއުމަކަށް ނޫނެވެ. ވީހައި ގިނަ ބައަކު ގޮވައިގެން ސުވަރުގެ ވަނުމަށެވެ. ޚާއްޞަކޮށް އެމީހެއްގެ ބެލެނިވެރިކަމުގައި ތިބި އެންމެން ގޮވައިގެން ސުވަރުގެ ވަނުމަށެވެ. އެންމެ ކާމިޔާބު މީހަކީ އެންމެ މަދުމިނުން އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި އެންމެން ގޮވައިގެން ސުވަރުގެ ވަދެވުނު މީހާއެވެ. 

ވީމާ ގެއަށް ވަނުމުން ނަމާދުކޮށްފިންތޯ އަނބިމީހާ ސުވާލުކުރުމުން ރުޅި އަންނަންވީއެއް ނޫނެވެ. ޝުކުރުވެރިވާންވީއެވެ. ތިބާ ގޮވައިގެން ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރާ އަންތބަކު ލިބުމަކީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ. އެފަދަ ފިރިއަކު ލިބުންވެސް މެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން