ފުރިހަމަ ގޮތުގައި ރޯދަ ހިފި މީހުންނަށް މިދައްކާ ވާހަކަ ތެދުކަން ޤަބޫލުކުރެވޭނެއެވެ. ނިކަން ބުނެބަލާށެވެ! ރަމަޟާން މަހު ކައި އުޅުނުތަކެތި އެހެން މަސްމަހު ކައި އުޅުނު ތަކެއްޗަށްވުރެ މީރުކަން ފާހަގަ ނުކުރެވޭ ހެއްޔެވެ؟ ފާހަގަ ކުރެވޭނެއެވެ!
އެއީ ކީއްވެގެން ހެއްޔެވެ؟ ތިބާ ކުރަމުން ގެންދިއަ ހެޔޮ އަމަލުތަކުގެ ސަބަބުން އެތަކެތީގައި ﷲ ތަޢާލާ ބަރަކާތް އިތުރު ކުރެއްވެވުމުންނެވެ. ރަމަޟާން މަސް ފިޔަވައި މަހުގެ ހުރިހާ ދުވަހަކު ރޯދަ ހިފާކަށް ނުޖެހެއެވެ. ގިނަވެގެން ހިފަން ޖެހޭނީ ދެ ދުވަހުން އެއް ދުވަހުއެވެ. ވީމާ ކޮންމެ ދުވަހަކު ރޯދަ ނުހިފި ނަމަވެސް، ޔަޤީންކަމާއިއެކު ބުނަމެވެ. ހަމައެކަނި ސުންނަތް ރޯދަ ހިފަން ޖެހޭ ދުވަސްތަކުގައި ރޯދަހިފަމުންވެސް ރަމަޟާން މަހު ތިބާ ކުރި ވަރަށް އަޅުކަން ކުރާނަމަ މިއަދުވެސް ހަމަ އެމީރުކަން އިޙްޞާޞް ކުރެވޭނެއެވެ. އެހެނީ ހަމަ އެ މިންވަރަށް އަޅުކަން ކުރާ ނަމަ ހަމަ އެ ބަރަކާތް ﷲ ތަޢާލާ ލައްވަވާނެތެވެ! އިން ޝާ ﷲ!
ނަމަވެސް މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟ ތަރާވީޙް ނަމާދަކީ ސުންނަތް ނަމާދެކެވެ. އެއީ ފަރުޟު ނަމާދެއް ނޫނެވެ. އެހެންކަމާއިއެކުގައިވެސް ހަމައެކަނި ކުދިކުދި މިސްކިތްތަކެއް ނޫނެވެ. މިފަދަ ބޮޑެތި މިސްކިތްތަކުގައިވެސް ރަމަޟާން މަހު އުޅެން ޖެހުނީ މިސްކިތް ފުރި ބާރުވެ ޖާގަ ނުލިބިގެންނެވެ. މިއަދު މިއުޅެނީ ފަރުޟު ނަމާދަށް 4،5 ސަފު ނުލިބިގެންނެވެ. ފަތިސް ނަމާދު ވަގުވުމުގެ މާކުރިން ފުރި ބާރުވި މިސްކިތްތަކުގައި މިއަދު މިއުޅެނީ ފަތިސް ނަމާދަށް 2،3 ސަފު ހަމަނުވެގެންނެވެ.
މީސްތަކުންނޭވެ! އަލުން ވޯމްއަޕް ކުރާށެވެ! ރަމަމާން މަހު ކުރި ވަރަށް އަޅުކަން ކުރެވޭތޯ މަސައްކަތްކުރާށެވެ! އެވަރަށް ނުކުރެވޭނަމަ ކުރެވުނު ވަރަކަށް ކުރާށެވެ! އެންމެ ކުޑަމިނުން ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ފަރުޟު ނަމާދު ޖަމާއަތުގައި ނުކޮށް ނުހުންނާށެވެ! ރަމަޟާން މަހު އަހަރެމެން އެއްބަސްވި އެއްބަސްވުމަސް އަމަލުކޮށް ދެމެހެއްޓުނު ކަމަށްވާނީ އެއިރުންނެވެ. އަދި އާޚިރަތް ދުވަހު ސަލާމަތްކަން ލިބުންވެސް އޮތީ އެއިރުންނެވެ!
- މުފްތީ މެންކުގެ ދަރުސަކުން