އިސްލާމް ދީނަކީ މުރުތައްދުވާ އެންމެންނަށް، ނުވަތަ މުރުތައްދުވާ ކޮންމެ މީހަކަށް މަރުގެ އަދަބު ދޭ ދީނެއް ނޫނެވެ! އިސްލާމް ދީނުގައި އޮތީ ނަޞޭޙަތް ދިނުމެވެ. އަދަބަކާއި ހަމައަށް ދަނީ އެތައް މަރުހަލާތަކަކަށްފަހު ދެން އެހެން ގޮތެއް ނެތިއްޖެ ނަމައެވެ.
އިސްލާމް ދީނަކީ މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ދޭ ދީނެއް ކަމުގައި ބުނެ ވާހަކަތައް ފަތުރާ ޤައުމުތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް ފަދަ މައްސަލަތަކުގައިވެސް ދަނީ މަރުގެ އަދަބު ދެމުންނެވެ. އެ ޤައުމަކުން މަރަން ބޭނުންވާ އެންމެން ގެންދަނީ މަރަމުންނެވެ.
ކަން މިފަދައިން އޮތް ނަމަވެސް އިސްލާމް ދީނަކީ ހަރުކަށި ދީނެއްކަމަށް ބުނެ ވަރަށް ފަސޭހައިން މަރުގެ އަދަބު ދިނުމާއި ގުޅުވައެވެ. އިސްލާމް ދީނަކީ މީސްތަކުންގެ ފުރާނަ ޙިމާޔަތްކުރުމުގެ ދީނެވެ. މީސްތަކުންނަށް ސަލާމަތްކަން ހޯދައިދިނުމުގެ ދީނެވެ. މީސްތަކުންގެ ހިތްތައް އުފަލުން ފުރާލަ ދިން ދީނެވެ.
ނިކަން ވިސްނައިލަ ބަލާށެވެ! ރަސޫލް (ޞޢވ) ދީނަށް ގޮވައިލެއްވެވުމުން މައްކާގެ މުޝްރިކުން އިސްލާމް ދީން ޤަބޫލުކުރިއެވެ. އިސްލާމް ދީން ޤަބޫލުކުރީތީ އެމީޙުންނަށް އެއްވެސް މާލީ މަންފާއެއް ވެސް ނުލިބެއެވެ. ލިބެމުން ދިއައީ ކުރިންވެސް ހަމަ ލިބެމުން އައި އާމްދަނީ އެވެ. އިސްލާމް ވުމަށްފަހުގައި ވެސް ދިރިއުޅެން ޖެހުނީ ހަމަ ކުރިންވެސް ދިރިއުޅުނު ފެންވަރުގައެވެ. އެހެންކަމާއިއެކުވެސް އިސްލާމް ވުމަށްފަހު އެމީހުންގެ ދިރިއުޅުމަށް ލިބުނު އުފާވެރިކަމަށް ނިކަން ވިސްނައިލަބަލާށެވެ. ހިތްތައް އުފަލުން ފުރިގެން ދިއަކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ!
މިކަން އިހަށް ބާއްވާށެވެ! މީސްތަކުން އިސްލާމްވުމަށްފަހު އެމީހުންގެ އަތުގައި ހުރި މުދައު ﷲ ތަޢާލާގެ މަގުގައި ހޭދަކުރީ އެކަމުގެ ސަބަބުން ދުނިޔެމަތީގައި އެމީހުންނަށް މާލީ ތަކްލީފްތައް އުފުލަން ޖެހޭ މިންވަރަށެވެ. ނިކަން ބުނެބަލާށެވެ! އެމީހާގެ އަމިއްލަ ދިރިއުޅުމަށް ދަތިވާ ވަރަށް އެހެން ކަމަކަށް ތިމާ ހޭދަކުރާނީ އެހޭދަކުރާ ކަންތައް ދެކެ ތިމާ އާއި އަނބިދަރިންގެ ނަފްސްތަކަށްވުރެ ލޯބިވާތީ ނޫންހެއްޔެވެ؟
މިއަދު ވެސް ފުރިހަމަ މުސްލިމުން ތިބީ ހަމަ މި އުފާވެރިކަމުގައެވެ. އިސްލާމް ދީނާއި މަރުގެ އަދަބު ދިނުމާއި ގުޅުވައި އިސްލާމް ދީނަކީ ހަރުކަށި ދީނެއްކަން ދައްކަން މަސައްކަތްކުރަނީ އިސްލާމް ދީނުގެ ޙަޤީޤަތް ނުއެނގޭތީއެވެ! --އިސްލާމީ ތިލަފަތުގެ ދަރުސަކުން