އަނިޔާ ލިބެމުންދާ އަނބިން ބަދު ދުޢާ ކުރާނަމަ ގިނަ ފިރިހެނުންނަށް އުޅެން ޖެހޭނީ ބޮޑެތި މުޞީބާތްތަކުގެ ތެރޭގަ!: ޑރ. ޢަބްދުﷲ ޙާކިމް ކްއިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
އަނިޔާ ލިބެމުންދާ އަނބިން ބަދު ދުޢާ ކުރާނަމަ ގިނަ ފިރިހެނުންނަށް އުޅެން ޖެހޭނީ ބޮޑެތި މުޞީބާތްތަކުގެ ތެރޭގަ!: ޑރ. ޢަބްދުﷲ ޙާކިމް ކްއިކް

ބައެއް ފިރިން އަނބިދަރިންނަށް ޚަރަދެއް ނުކުރެއެވެ. އެކަމަކުވެސް ވަރިވެސް ކޮށްގެނަވާކަށް ނުއޮވެއެވެ. ބޭނުންވަނީ ޤިޔާމަތާއި ހަމައަށް (މަރުވަންދެން) އަޅުވެތިކަމުގައި ބައިންދާށެވެ! ސުވާލަކީ އެކަމަށް ލައިސަންސް ދިނީ ކާކު ހެއްޔެވެ؟ ކޮން ދީނެއް ހެއްޔެވެ؟ ކޮން ކޯޓެއް ހެއްޔެވެ؟ ބުނަން ހެއްޔެވެ؟ އެފަދައިން އަމަލުކުރަނީ ދުނިޔޭގައި ތިބި އެންމެ ބޮޑެތި އަނިޔާވެރިންނެވެ. 

ކުކުޅު ހައު، ގެރި ބަކަރި ފަދަ ޖަނަވާރުތައް ތަނެއްގައި ބަނދެފައި ކާން ނުދީ ބެއިތިއްބުމާއި އަނިބިންނަށް ޚަރަދު ނުކުރަމުން ވަރިވެސް ނުކޮށް ބެއިތިއްބުމާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިއީ ވަރަށް ބޮޑަށް ބިރުވެތިވާންޖެހޭ ކަމެކެވެ. އެހެނީ އެގޮތަށް ބައިންދާފައި އިންނައިރު އަނބިމީހާއަށް ޖިސްމާނީ އަނިޔާ ނުކުރިނަމަވެސް އަނބިމީހާ ހިމެނޭނީ އެންމެ ބޮޑެތި އަނިޔާ ލިބެމުންދާ މީހުންގެ ތެރޭގައެވެ. އެފަދަ ޙާލަތުގައި ތިބޭ އަނބިން އެކަނބަލުންގެ ދެ އަތް އުފުލާލައި އެމީހުންގެ ފިރިންގެ މައްޗަށް ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ! އަނިޔާ ލިބެމުންދާ މީހުންގެ ދުޢާ އަކީ ﷲ ތައާލާ އިޖާބަ ނުކުރައްވަވައި ދޫކޮށްލައްވާނެ ދުޢާއެއް ނޫނެވެ. 

އެ ޙާލުގައި ޖެއްސުވުމުންވެސް ގިނަ އަނބިންގެ ރަނގަޅުކަމުން ފިރިންގެ މައްޗަށް ބަދު ދުޢާ ނުކުރަނީއެވެ. ދުޢާ ކުރާނަމަ ވަރަށް ގިނަ އަދަދަދެއްގެ ފިރިހެނުންނަށް އުޅެން ޖެހޭނީ ބޮޑެތި މުޞީބާތްތަކުގެ ތެރޭގައެވެ. 

މީގެ މާނައަކީ އަނބިން ކުށް ނުކުރުމެއް ނޫނެވެ. އަނބިންވެސް ކުށް ކުރެއެވެ. ފިރިންނަށް އުރެދޭ އަނބިންވެސް ހަމަ ބައިވަރެވެ. ތަފާތަކީ އަނބިންގެ ކިބައިން ސަލާމަތްވާން ބޭނުން ނަމަ ފިރިމީހާއަށް ވަގުތުން އެކަން ކުރެވޭނެ ކަމެވެ. އަނބިމީހާގެ އަޅަކަށްވާން ނުޖެހޭނެ ކަމެވެ. މި ދަރުސްގައި މިއަލިއަޅުވައިލީ އަނބިންނަށް ޚަރަދުނުކޮށް އަޅުވެތިކޮށްގެން ގެންގުޅުމުގެ މައްސަލައެވެ. 

މީސްތަކުންނޭވެ! އަހަރެމެން އެންމެ ވެސް މިތިބީ ކީރިތި ޤްރުއާން ޤަބޫލުކޮށްގެންނެވެ. ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތްވެސް އެބަ ކިޔަވަމުއެވެ. ވީއިރު ހަމަ ގައިމުވެސް އެއްވެސް މީހަކަށް ޒައްރެއްގެ މިންވަރުގެ ނަމަވެސް އަނިޔާއެއް ކޮށްފައި ސަލާމަތް ނުވެވޭނެ ކަން އެބަ އެނގެއެވެ. ވީމާ އާޚިރަތަށް ބިރުވެތިވާށެވެ! 

ވަރިއާ ދުރުހެލިވާށެވެ! ރަސޫލް (ޞޢވ) އެންމެ ބޮޑަށް ކޯފާވެ ވަޑައިގެންނެވި އެއް ބަހަކީ "ޠަލާޤް"އެވެ. ނަމަވެސް މިއަދު ބައެއް ފިރިހެނުންގެ ދުލުން އަބަދު ކިޔެނީ އެބަހެވެ. ވީމާ ދެކޮޅެއް ނުޖެހޭ ނޫން ހެއްޔެވެ؟ 

އެކުގައި އުޅެވެން ނެތިގެން ވަކިވާނަމަ ވެސް އަނިޔާވެރި ނުވާށެވެ! އިއްދައިގެ ޚަރަދުވެސް ދޭންވާނެއެވެ! ނޫނީ އޮންނާނީ ހަމަ ބޮޑު ދަރަންޏެއްގެ ގޮތުގައެވެ. ޢިއްދައިގެ މުއްދަތުގައި ބަލިވެއްޖެ ނަމަ ބޭސް ފަރުވާ ވެސް ކޮށްދޭން ޖެހޭނެއެވެ.

 

- ޑރ. ޢަބްދުﷲ ޙާކިމް ކްއިކްގެ ދަރުސަކުން

މިއަދު އޮންލައިން