މިޒަމާނުގައި އެންމެ ބޮޑަށް ހިތާމަކުރަން ޖެހެނީ ޒުވާން އުމުރުގަ މަރުވާ މީހުންނާމެދުގައެވެ. ޚާޢްޞަކޮށް ބާލިޣުވާފަހުން މަރުވާ ކުޑަކުދިންނާއިމެދުގައެވެ.
މިހެން ބުނުމުން ބައެއް މީހުން ހިތްހަމަ ނުޖެހިދާނެއެވެ. ނަމަވެސް ވިސްނައިލާށެވެ! ބާލިޣްވުމުން ދީނީ ފަރުޟުތައް އެ ކުއްޖާގެ މައްޗަށް ވާޖިބުވެއެވެ. އެކަން އެނގިތިބެމެ ދަރިން ލައްވައި ޤަވާއިދުން ނަމާދުކުރުވަނީ ކިތައް މައިން ބަފައިން ހެއްޔެވެ؟ މައިން ބަފައިން ކިތަންމެ ރުޅި އައި ނަމަވެސް ބުނާނަމެވެ. ބާލިޣްވުމަށްފަހު ދަރިން ލައްވައި ފަރުޟު 5 ނަމާދު ބަރާބަރަށް ނުކުރުވާ މައިން ބަފައިންނަކީ ދަރިން ދެކެ ކަނު ލޯބިވާ ބައެކެވެ. އެމީހުން ނުހަނު ނުހަނު ބުރަ އުފުލައިގެން ނުހަނު ލޯބިން ގެންގުޅެ ބޮޑުކުރާ ދަރިންނަށް އެންމެ ކުޑަމިނުން ބާލިޣްވުމުން ފަރުޟު 5 ނަމާދު ވާޖިބުވާކަން ބުނެދެނީ ވެސް ވަރަށް މަދު ަދަދެއްގެ މައިންބަފައިންނެނެވެ.
ނަރަކައަށް ވަންނަން ޖެހޭނީ ކޮން ބައަކަށް ކަމާއި ސުވަރުގެ ވަނުމުގެ ފުރުޞަތު ލިބޭނީ ކޮން ބައަކަށްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް ﷲ ތަޢާލާ މީސްތަކުންނަށް އަންގަވައި ދެއްވަވާފައިވާ މިންވަރު ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. އެއީ ބާލިޣްވުމުން ނަމާދަށް ދަރަމުން ދާނެ ކަމެވެ. އަދި ފުރަތަމަ ވެސް ހިސާބު ބައްލަވާނީ ނަމާދާއިމެދުގައި ކަމެވެ. ވީމާ 10 އަހަރުގައި ބާލިޣްވި ކުއްޖާއަށް 18، 20 އަހަރު ފުރޭއިރު ފަރުޟު 5 ނަމާދު ޤަވާއިދުން ނުކުރުވާނަމަ އޮންނާނީ 8،10 އަހަރުގެ ނަމާދަށް ދަރައެވެ. ދެން ވާނީ ކިހިނަކުން ހެއްޔެވެ؟
ވީމާ ދަރިން މަރުވުމުން ރޯން ޖެހިފައި މިވަނީ ދަރިފުޅު މަރުވީތީ އެއް ނޫނެވެ. ދަރިފުޅާއިމެދު އަމަލުކުރެވުނު ގޮތުންނެވެ. ދަރިފުޅު ލައްވައި ނަމާދު ނުކުރުވުނުކަމަށްޓަކައެވެ. އެކަމުގެ ސަބަބުން ދަރިފުޅަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަމުގެ ބިރަށެވެ.
މިވާހަކަތައް ދެއްކުމުން އަހަރެން ދެކެ ރުޅި އަންނާނެ ބައަކު މިހޯލުގައި ވެސް ތިބޭނެއެވެ. ރުޅި އައުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް ރުޅި އައުމުގެ ކުރިން ނިކަން ތެދުވެފައި ބުނެބަލާށެވެ! ރުޅި އައި ނަމަވެސް ނައި ނަމަވެސް ތެދުވެފައި ނިކަން ބުނެލަބަލާށެވެ! ތިމާއަކީ، ތިމާގެ ނަމާދަށް ދަރިން ލައްވައި ޤަވާއިދުން 5 ނަމާދު ކުރުވާ މަންމައެއް ކަމަށް ނުވަތަ ބައްޕައެއް ކަމަށް ބުނެލަބަލާށެވެ! މުޅި ހޯލުން 10 ވަރަކަށް މީހުންނަށްވެސް ނުބުނެވޭނެއެވެ. ނަމަވެސް ތިބާ ދަރިން ދެކެ ލޯބިވަމުތޯ ސުވާލުކޮށްފިނަމަ އެންމެން އެއް އަޑުން އާނއެކެވެ ބުނާނެއެވެ.
ދެން ނިކަން ބުނެބަލާށެވެ! ދަރިން ދެކެ ތިއަވަނީ ލޯބި ހެއްޔެވެ؟ ނޫނީ އެހެން އެއްޗެއް ހެއްޔެވެ؟ މިއީ ހަމައެކަނި މި ޤައުމުގައި ކަންތައް އޮތް ގޮތެއް ނޫނެވެ. މުޅި ދުނިޔޭގައިވެސް ހަމަ މިކަން އޮތް ގޮތެވެ. ވީމާ އާދޭސްކޮށްފައި ބުނަމެވެ. ދަރިން ދެކެ ތިވަމުންދާ ލޯބި ބަދަލުކޮށްލާށެވެ! ލޯބިން ދަރިންނަށް ކޮށްދޭ އެންމެ ބޮޑުކަމަކީ ނުވަތަ ދޭ ހަދިޔާއަކީ ދަރިން ލައްވައި ފަރުޟު 5 ނަމާދު ކުރުވުން ކަމުގައި ހަދާށެވެ! ދުވާލަކު 2، 3 ނަމާދެއް ނޫނެވެ. 5 ނަމާދެވެ.
ރަނގަޅަށް ހަނދާންކުރާށެވެ! ދަރިން ބޮޑުވާއިރު 5 ނަމާދު، އަނެއްކާވެސް މިބުނަނީ 5 ނަމާދުގެ ވާހަކައެވެ. 5 ނަމާދު އަދާކުރަން ދަރިން ތަރުބިއްޔަތު ނުކުރިނަމަ އެކަމުގެ ޒިންމާ އުފުލަން މައިން ބަފައިންނަށް ޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން