ދަރިންނަކީ ތަޤްވާވެރި ބައަކަށް ވުމަށް އެދުމަކުން އަދި އެކަމެއް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ދަރިންނަކީ ތަޤްވާވެރި ބައަކަށް ވުމަށް އެދުމަކުން އަދި އެކަމެއް ނުވާނެ!: މުފްތީ މެންކް

ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހުންގެ ދަރިންނަކީ ތަޤްވާވެރިންކަމުގައިވުމެވެ. އިސްލާމް ދީނަށް ލޯބިކޮށް އަމަލުކުރާ ބައަކަށްވުމެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެކަމަކީ ހަމައެކަނި އެކަމަށް އެދުމުން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އެކަން ޙާޞިލުކުރަން އެދޭނަމަ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މައިން ބަފައިން ތަޤްވާވެރިވެ، ދަރިންނަށް ނަމޫނާ ދެއްކުމެވެ. 

މިއަދުގެ މައިންބަފައިންނަށް އެންމެ ބޮޑު މައްސަލައަކަށްވެފައި އޮންނަނީ ދަރިންނަށް ނަމޫނާ ދެއްކުމެވެ. ވަރަށް ގިނަ މައިން ބަފައިން ދަރިންނަށް ހެޔޮ ނަޞޭޙަތް ދެއެވެ. ތަޤްވާވެރިވުމަށް ވެސް ބުނެއެވެ. ނަމަވެސް ހިތާމައަކީ ތަޤްވާވެރިންގެ ކިބައިން އެންމެ ފުރަތަމަ ފެންނަން ޖެހޭނެ ސިފަކަމަށްވާ ފަރުޟު 5 ނަމާދު ވެސް އަމަލީ ގޮތުން ކޮށްފައި ދަރިންނަށް ނަމޫނާ ދެއްކެނީ ވަރަށް މަދު މައިންބަފައިން ކަމަށްވުމެވެ. 

ލޮބުވެތި މައިންބަފައިންނޭވެ! ވަގުތު އަދިވެސް ފާއިތެއް ނުވެއެވެ. އަހަރެމެން އަދިވެސް ދުނިޔެއަށް އެބަ ނޭވާލަމުއެވެ. ވީމާ ވަގުތު ފާއިތުވިއަ ނުދީ ފުރުޞަތުގެ ބޭނުން ހިފާށެވެ. ތިމާމެން ތަޤްވާވެރިވެ އެކަމުގެ ނަމޫނާ ދަރިންނަށް ދައްކާށެވެ! ފިރިހެން ދަރިފުޅު ގާތު ނަމާދަށް ދާށޭ ބުނަން މަންމައަށް ޖެހުނު ނަމަވެސް އެއީ ބައްޕަ ބުނާ ބަހަކަށް ހަދައިގެން ނުވާނެއެވެ. ބައްޕަ ބުނަން ޖެހޭނީ "ދަރިފުޅާ އަވަހަށް ނަމާދަށް ހިނގާށޭ" އެވެ. 

މިރޭވެސްތަކުރާރުކޮސްލާނަމެވެ.  ތިބާ ގޭގައި ނަމާދަށް ހުންނައިރު ތިބާ ސަޖިދަކުރުމުން އެންމެ އަހަރެއްވީ ތުއްތު ދަރިފުޅު ސަޖިދަ ކުރަނީ ކީއްވެގެން ހެއްޔެވެ؟ ގިނަ ފަހަރު ތިބާއަށްވުރެ ކުރިން އެކުދިން ސަޖިދަކުރާނެއެވެ. އެކުދިން އެކަން ކުރަނީ ކާކު ބުނެގެންހެއްޔެވެ؟ ތިބާގެ ކިބައިން ނަމޫނާ ބަލައިގެން ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! މައިންބަފައިންގެ ބެލެނިވެރިކަމުގެ ދަށުގައި ދަރިން ތިބޭއިރު ކޮންމެ ގޮތަކުން ނަމަވެސް ދަރިން ލައްވައި ނަމާދުކުރުވާށެވެ. މަޖުބޫރުކުރުވާށެވެ! އުޒުރު ދައްކާނަމަ ދޭ އިނާޔަތްތައް އުނިކޮށްގެންވެސް ނަމާދުކުރުވާށެވެ! އެގޮތަށް އެކަންތައް ކުރެވިފައިވާނަމަ އެކުދިން ބޮޑުވެ ނަމާދު ނުކުރިނަމަވެސް ތިބާއަށް ބުނެވޭނެއެވެ! "ޔާ ﷲ! މިއަޅާ ވާނީ ދަރިފުޅަށް ނަމާދުކުރަން ދަސްކޮށްދީފައެވެ. މިއަޅާގެ ބެލެނިވެރިކަމުގެދަށުގައި ހުރިއިރު ވާނީ ނަމާދުކުރުވައިފައެވެ." 

ދަރިން ބޮދުވުމަށްފަހު ނަމާދު ނުކުރާނަމަ އެކުދިންގެ މައްޗަށް ހެޔޮ ދުޢާކުރާށެވެ! އެކުދިންނަކީ ނަމާދުކުރާ ބައެއް ކަމުގައި ލައްވަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! ދަރިއަކު ކިތަންމެ ބޮޑުވި ނަމަވެސް ނަމާދުކުރަން ބުނަންވާނެއެވެ! ނަމާދުކުރަން ނުބުނެވޭ ވަރަކަށް ދަރިން ދުވަހަކުވެސް ބޮޑެއް ނުވާނެއެވެ. 

ރަނގަޅަށް ވިސްނައި އަޑުއަހާށެވެ! ބައެއް މީހުން ހަމައެކަނި ވާޖިބު އަދާކުރަންވެސް ނަމާދުކުރެއެވެ. އެއިރުންވެސް ނަމާދު ކުރިކަމަށްވާނެއެވެ. ނަމަވެސް ނަމާދުކުރުމުން ލިބޭ ފައިދާ ޙާޞިލުކުރެވޭނީ ނަމާދުކުރާހިތުން ނަމާދުކުރުމުންނެވެ. 

"މިއަޅާ ނަމާދު މިކުރަނީ އިނބަ ﷲ އަށް ލޯބިން" ކަމަށް ހިތުގައި ކަނޑައަޅައިގެން ކުރާ ނަމާދަކުން ނޫނީ ނަމާދުކުރުމުގެ ހަޤީޤީ މަންފާއެއް ނުކުރާނެއެވެ. ނަމާދު ފުރިހަމަ ކުރެވޭނީ "މިއަޅާ ނަމާދު މިކުރަނީ އިނބަ ﷲ މިއަޅާއަށް މިންވަރު ކުރެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވުމަށް" ކަމަށް ހިތުގައި ކަނޑައަޅައިގެން ނަމާދުކުރުމުންނެވެ. 

ތިމާވެސް މިކަންކަމަށް ސަމާލުކަން ދޭށެވެ. އަދި ދަރިންނަށްވެސް މިކަންކަން ދަސްކޮށްދޭށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން