ބޭންކް އޮފް މޯލްޑިވްސްއިން ނިމިގެން ދިއަ 2018 ވަނަ އަހަރު ހޯދި ނަތީޖާއަކީ އެންމެ ކާމިޔާބު މާލީ ނަތީޖާ ކމަށް ސީއީއޯ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.
އޭނާ މިމޭރުމުން ވިދާޅުވީ މިރޭ ބޭއްވި އަހަރީ ޢާންމު ޖަލްސާގައި ހިއްސާދާރުންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
ބީއެމްއެލްގެ މިދިއަ އަހަރުގެ މާލީ ބަޔާނަށް ބަލާއިރު ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޖުމްލަކޮށް 2017 ވަނަ އަހަރާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ. މިއީ ކުރީ އަހަރަށްވުރެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމެނި ހޯދުނު ވަރަށް ރަނގަޅު މާލީ ނަތީޖާއެކެވެ. އަހަރު ނިމުނުއިރު އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ %3.5 އަށް ދަށްކުރެވިފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައެވެ.
ބޭންކިންގ ޚިދުމަތް ފުޅާވެ، އާ ޓެކްނޮލޮޖީ އާއި އޮންލައިންކޮން ދެވޭ ޚިދުމަތްތަކުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބޭންކުން ޓެކްނޮލޮޖީއަށް އިންވެސްޓް ކުރަމުންދާކަމުގެ މައުލޫމާތު ހިއްސާދާރުންނަށް ވަނީ ދެވިފައެވެ. ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އާންމުކޮށް ބޭނުން ކުރާ ޚިދުމަތްތަކަށް އޮންލައިން އެޕްލިކޭޝަން ވަނީ ތައާރަފް ކުރެވިފައެވެ. އަދި މިކަމުގެ ސަބަބުން ބޭންކުގެ މަސައްކަތްތަކަށްވެސްވަނީ އިތުރު ހަލުވިކަމެއް ލިބިފައެވެ. ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމުގެ ޚިދުމަތް ތަޢާރަފް ކުރެވި މުޅި ރާއްޖެ ހިމެނޭ ގޮތަށް ޚިދުމަތްދެމުންދާ ސެލްފް ސަރވިސް ބޭންކިންގ ވިއުގައަށް ވަނީ 24 ގަޑިއިރު ޚިދުމަތްލިބޭ އޭޓީއެމް ސެންޓަރތައްވެސް އިތުރުކުރެވިފައެވެ. މިދިޔަ އަހަރު އޮންލައިން ޗެނަލްސްތައް މެދުވެރިކޮށް 40 މިލިއަން ޓްރާންސެކްޝަން ހެދިފައިވާއިރު، ބޭންކުގެ ކޮންމެ 10 ޓްރާންސެކްޝަނުން 9 ޓްރާންސެކްޝަން އަކީ އޮންލައިން ޗެނަލްސްތައް މެދުވެރިކޮށް ހެދިފައިވާ ޓްރާންސެކްޝަންތަކެވެ.
'އަހަރެންގެ ބޭންކް' ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިޔަށް ގެންދާނެކަމަށްވެސް ޓިމްވަނީ ވިދާޅުވެފައެވެ. މިގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 110 ޕްރޮޖެކްޓެއްވަނީ މިދިޔަ އަހަރުތެރޭ ހިންގާފައެވެ. ބޭންކުގެ ކުރިއަރާފައިވާ މާލީ ނަތީޖާއަށް ބަލައި، މި އިންވެސްޓްމަންޓް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
"2018 ވަނަ އަހަރަކީ ފަޚުރުވެރިވާފަދަ ކާމިޔާބު އަހަރެއް. ބޭންކުގައި ވަރަށް ބުރަކޮށް އަދި އެހާމެ ހީވާގި ކަމާއެކު މަސައްކަތްކުރާ މުވައްޒަފުންނާއެކު ހޯދާފައިވާ ކާމިޔާބު ދަމަހައްޓައި ބޭންކަށް އިތުރު ކާމިޔާބު ހޯދައި ދިނުމަށް މަސައްކަތް ކުރާނަން. އަދި ކުރިއަރާފައިވާ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކޮށް، އިންވެސްޓްމަންޓް ޕްރޮގްރާމްގެ ޒަރިއްޔާއިން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްކުރާނަން." ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކޮށް އަހަރީ އާންމު ޖަލްސާގައި ޓިމް ވިދާޅުވިއެވެ.