ބީއެމްއެލްގެ ހިއްސާދާރުންނަށް މިދިއަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 129.17 މިލިއަން ރުފިޔާ (ހިއްސާއަކަށް 24 ރުފިޔާ) ދިނުމަށް ފާސްކޮށްފައެވެ.
މިރޭ ހޮޓެލް ޖެން ގައި ކުރިޔަށް ގެންދިޔަ ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ފާސްކުރި މިއަދަދަކީ މިހައިތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބީއެމްއެލް އިން ދޭ އެންމެ ބޮޑު އަދަދެވެ.
މި އާއެކު ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރުގެ ގޮތުގައި ދައުލަތަށް ހިއްސާގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރު އިތުރުވެ، އަދި ރިޕޯރޓްތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 390 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ.
ޓެކްސް އަށް ކެނޑުމުގެ ކުރިން 2018 ވަނަ އަހަރު ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ. މިއީ ކުރީ އަހަރަށްވުރެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމެނި ހޯދުނު ވަރަށް ރަނގަޅު މާލީ ނަތީޖާއެކެވެ. ޓެކްސް އަށް ކެނޑުމަށްފަހު ލިބުނު ފައިދާ މިވަނީ ވިދިވިދިގެން 3 ވަނަ އަހަރު 1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ.
ހިއްސާދާރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ " ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ހިއްސާދާރުންނަށް ލިބިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބުނު ކުރިއެރުމުން. އަދި ހަމައެހެންމެ ދޫކުރެވުނު ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާއެކުވެސްމެ. މާލި ގޮތުން ބޭންކުން ހޯދާފައިވާ މި ކާމިޔާބާއެކު މިވަނީ މިއަހަރާ އަދި ކުރިއަށް އޮތް ތާނގައިވެސް މުޖުތަމައަށް ކުރާ ހޭދާ އިތުރަށް ފުުޅާކުރުމުގެ ފުރުސަތު ތަނަވަސްވެގެން ގޮސްފަ. "