ރީތިހާ ނަންނަން ބޭނުންކޮށްގެން ރިބާ ކެވިދާނެއެވެ! ކައްވަޅުން ތެދުވަން ޖެހުމުން ޖެހޭނީ ހިނގައި ނުގަނެވިގެން ބިންމަތީގައި ފުރޮޅޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރީތިހާ ނަންނަން ބޭނުންކޮށްގެން ރިބާ ކެވިދާނެއެވެ! ކައްވަޅުން ތެދުވަން ޖެހުމުން ޖެހޭނީ ހިނގައި ނުގަނެވިގެން ބިންމަތީގައި ފުރޮޅޭށެވެ!

ޤިޔާމަތްވުމުގެ ތާޅަފިލި ފުންމަވައިލެއްވެވުމުން މީސްތަކުން ކައަވަޅުތަކުން ތެދުވާނީ ވަރަށް ބޮޑު އަނދިރިކަމެއްގެ ތެރެއަށެވެ. ބައެއް މީހުންގެ ވަށައިގެން ބޮޑެތި އަލިކަން ހުންނާނެއެވެ. އަނެއްބައި މީހުންގެ ވަށައިގެން ހުންނާނީ ނިވިދިއްލޭ ހުޅުކޮޅެއް ފަދަ ކުޑަކުޑަ އައްޔެކެވެ. ޢިލްމްވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެމީހަކަށް އަލިކަން ލިބޭނީ އެމީހަކު ހެޔޮ އަމަލުކުރި ނިޞްބަތަކުންނެވެ. 

ކައްވަޅުން ތެދުވެ އެމީހެއްގެ ބަނޑު ބޮޑުކަމުން ނުތެދުވެވޭނެ، އަދި ހިނގައި ނުގަނެވޭނެ ބައަކު ތިބޭނެއެވެ. ތެދުވަން އުޅޭ އިރަށް ބަނޑާއި ހުރެ ވެއްޓޭނެއެވެ. އެމީހުން ކުރިއަށް ދާނީ ބިންމަތީގައި ފުރޮޅެމުންނެވެ. އެއީ ރިބާ ކައިއިޅުނު މީހުންނެވެ. 

"ރިބާ ކާ މީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް  ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، ﷲ،، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާ ވަޢުޛް އާއި ނަޞޭޙަތް، އެމީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިއަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ރިބާ ގެ ޙުކުމް ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، ﷲ އަށް ޚާއްޞަ ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބައެކެވެ" (ބަޤަރާ: 275) 

މީސްތަކުންނޭވެ! ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަމުގެ ނަން ބަދަލުކޮށް ޙުކުމްތައް އޮޅުވައިލާނެ ބައަކު އަންނާނެކަން ރަސޫލް (ޞޢވ) ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ ރިބާއަށް ވެސް މިހާރު މިކިޔަނީ ރީތިހައި ނަންތަކެވެ. ކިތަންމެ ރީތި ނަމެއް ބޭނުންކޮށްގެން ނަމަވެސް ރިބާ ކައިފި މީހަކަށް ވާނެ ގޮތް މިއާޔަތުން އެ އޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ! 

މަޙްޝަރު މައިދާނަށްވެސް ހިނގާފައި ނުދެވެނީއެވެ. ދާން މިޖެހެނީ ފުރޮޅެމުންނެވެ. ﷲ ތަޢާލާ މީހަކަށް ޢަޖާބެއް ދެއްވެވުމުގެ ގޮތުން މިފަދަ ހާލަތެއް ކުރިމަތިކުރައްވަވައިފިނަމަ އަޅާނެ ވޭން ހިތަށް ގެންނާށެވެ! ރިބާކާ މީހުންނަށް މިޙާލު މިޖައްސަވަނީ ނަރަކައަށް ވެއްދެވުމުގެ ވެސް ކުރިންނެވެ. ވީމާ އެކަމުގައި ހުރި ނުރައްކައުތެރިކަމުގެ ބޮޑުކަމަށް ވިސްނާށެވެ! 

- އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން

 

 

މިއަދު އޮންލައިން