އެސްޓީއޯގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ހިސާބުތައް އެސްޓީއޯގެ ވެބްސައިޓްގައި ޢާއްމުކޮށްފިއެވެ.
އެސްޓީއޯގެ 2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ޖުމްލަ އާމްދަނީ އަކީ 4.7 ބިލިއަން ރުފިޔާއެވެ. މިއީ މިދިއަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 286 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

އެސްޓީއޯ އިން ބުނީ ޖުމްލަ އާމްދަނީ އިތުރުވެފައިވުމުގެ މައިގަނޑު ސަބަބުތަކަކީ އެސްޓީއޯއިން ވިއްކި ތެލާއި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުން ކަމަށެވެ. މިގޮތުން، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު ވަނީ 2018 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 7.5 އިންސައްތަ އިތުރުވެފައި ކަމަށްވެސް ބުނެފައިވެއެވެ.
އެސްޓީއޯގެ ކުއާޓަރލީ ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ އާމްދަނީ އަކީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 38 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. އެހެންނަމަވެސް، 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ވެގެންދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ވަރަށް ހަލުވި ކަމާއިއެކު ބަދަލުތަކެއް އައި ކުއާޓަރއަކަށެވެ. އެހެންކަމާއިއެކު، ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށް އެސްޓީއޯއިން ވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް އެސްޓީއޯއަށް ވަނީ ތެލުގެ އަގުތަކަށް ބޮޑެތި ބަދަލު ތަކެއް ނުގެނެސް، 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި 330 މިލިއަން ރުފިޔާގެ ޖުމްލަ ފައިދާއެއް ލިބިފައިވެއެވެ.
2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އަކީ ރޯދަމަހުގެ އިނާޔަތްތަކާއި އަހަރީ ބޯނަސް ދޭ ކުއާޓަރ އަށްވެފައި، ދެވަނަ ކުއާޓަރގެ ހިންގުމުގެ ޚަރަދު ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު އިތުރުވެފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވެގެން ދިޔަ މިންވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެނިސްބަތުން ބޮޑުކޮށްފައި ނުވުމާއި އަދި އެޑްމިނިސްޓްރޭޓިވް ޚަރަދު އިތުރުވުމުގެ ސަބަބުން، އެސްޓީއޯއަށް 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ސާފު ފައިދާގެ (ޓެކްސަށް ކެނޑުމުގެކުރިން) ގޮތުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާއެވެ.
ފާއިތުވި ކުއާޓަރގެ ތެރޭގައި އެސްޓީއޯއިން ވަނީ ތެލުގެ އަގު ދެ ފަހަރަށް ހެޔޮކޮށްފައެވެ. މިއާއެކުވެސް، އަހަރުގެ މިހާތަނަށް ކުންފުންޏަށްވަނީ ރަނގަޅު ފައިދާއެއް ލިބިފައެވެ. 2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ހިންގުމުގެ ފައިދާއަކީ 222 މިލިއަން ރުފިޔާއެވެ. އެއީ، 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަހާއި އަޅާބަލާއިރު 110 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މިއާއެކު، ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި އެސްޓީއޯއަށް ވަނީ 2018 ވަނަ އަހަރުގެ ސާފު ފައިދާގެ 88 އިންސައްތަ ހާސިލްކުރެވިފައެވެ. އެސްޓީއޯގެ އަމާޒަކީ މުސްތަޤްބަލުގައިވެސް ރަނގަޅު ފައިދާއެއް ނެރެ، ހިއްސާދާރުންނަށް އޭގެ މަންފާ ފޯރުކޮށްދިނުމެވެ.
"މިފުރުޞަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަމެވެ."
ޚަބަރު: އެސްޓީއޯ