މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހާޞިލު ނުކުރެވޭނެ ކަންކަމާއިމެދު ވިސްނުމެވެ. ބޭކާރު ކަންކަމާއިމެދު ކަންބޮޑުވުމެވެ. ހަމަ އެއާއިއެކު ތިމާއަށް ކުރެވެން ހުރި އަދި ތިމާ ކުރަންޖެހޭ ކަންކަން ކުރުމަށް ފަރުވާ ކުޑަކުރުމެވެ.
ދައްޖާލު އަރައިފާނެތީ ކަންބޮޑުވުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް ދައްޖާލު އެރުމުގެ ވަގުތު ޖެހުމުން ދައްޖާލު ފައުޅުވާނެއެވެ. ކުރަންއޮތް ކަމަކީ ދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވެވުން އެދި ކުރަންޖެހޭ ދުޢާ ކުރުމެވެ.
ދައްޖާލު އަރައިފާނެތީ އެންމެންވެސް ކަން ބޮޑުވެއެވެ. ނަމަވެސް އެންމެ ކުޑަމިނުން ނަމާދުގެ ފަހު އައްޙިއްޔާތުގައި ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށް ކިޔަން އޮންނަ ދުޢާ ކިޔާއިރު މިކިޔެނީ ކީކޭކަންވެސް ހިތަށް އަރުވަނީ ވަރަށް މަދު މީހެކެވެ. ވީއިރު ދައްޖާލު ފައުޅުވެދާނެތީ ކަންބޮޑު އެބަ ވެވޭހެއްޔެވެ؟
އެދުޢާގައި ހިމެނެނީ ހަމައެކަނި ފައުޅުވާން އޮތް ދައްޖާލުގެ ވާހަކަ އެކަންޏެއް ނޫނެވެ. މިދުނިޔޭގައި ފިތުނަ އުފައްދަމުން މިހިނގާ އެންމެންނަކީވެސް ދައްޖާލުންނެވެ. އެ ދައްޖާލުން އުފައްދާ ފިތުނައިން ސަލާމަތްކޮށް ދެއްވެވުންވެސް ދުޢާގެ މާނައިގައި ހިމެނެއެވެ. އެތައް ހާސް ދައްޖާލުން މިހާރުވެސް މިވަނީ ފައުޅުވެފައެވެ. އެގެންދަނީ ފިތުނަ އުފައްދަމުންނެވެ. މީސްތަކުން އިސްލާމް ދީނާއި ދުރަސް ޖައްސުވަން މަސައްކަތްކުރަމުންނެވެ. އަހަރެމެންނަށް އެބަ ބިރުގަނެވޭ ހެއްޔެވެ؟ ބިރު ނުގަނެވޭތަނުގައި ފެންނަނީ ދައްޖާލުންތަކުގެ އައުވާނުންނަށްވެގެން އުޅެވޭ ތަނެވެ.
ވަރަށް ގިނަ ބައަކު ދައްޖާލު ފައުޅުވެދާނެ ވަގުތާއިމެދު ކަންބޮޑުވެއެވެ. ޤިޔާމަތްވުމާއިމެދު ކަންބޮޑުވެއެވެ. ދުނިޔެ ނިމިގެންދާނެ ގޮތާއި ޤިޔާމަތް ދުވަހު ކަންކަން ހިނގައިދާނެ ގޮތުގެ މައުލޫމާތު އޮޅުންފިލުވައެވެ. އެއީ ކުރަން ހަމަ ރަނގަޅު ކަމެކެވެ. އެކަމުގެ ސަބަބުން ހިތުގައި ބިރުވެރިކަން އުފެދޭނެތީއެވެ. ތަޤްވާވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ހިތްވަރު އިތުރުވާނެތީއެވެ.
ބައެއް މީހުން މައުލޫމާތު ހޯދަންވެގެން ޟަޢީފް ޙަދީޘްފުޅުތައް ވެސް ބަލައެވެ. އެއީ ކުރަން ބޭނުން ކަމެއް ނޫނެވެ. ފެންނަންހުރި ޞަހީޙް ޙަދީޘްފުޅުތަކުން ފުއްދައިލާށެވެ. އެވަރުން ފުދޭނެއެވެ. ވީމާ ވަގުތު ބޭކާރުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
އެއްކުރާ މައުލޫމާތުގެ މައްޗަށް އަމަލުކުރަން ޖެހޭނެއެވެ. އެންމެ މުހިންމީ އެއްކުރާ މައުލޫމާތުގެ މައްޗަށް އަމަލުކުރުމެވެ. އެއް ދުވަހަކު ރަސޫލް (ޞޢވ) އަރިއަހަށް މީހަކު ގޮސް ޤިޔާމަތް ވާނު ވަގުތަކާއިބެހޭ ގޮތުން ސުވާލު ދެންނެވިއެވެ. ސީދާ އެވަގުތު އެނގިވަޑައި ނުގެންނެވި ނަމަވެސް ވަރަށް ގިނަ ކަންކަން އެނގިވަޑައި ހުންނަވައިމެވެ. އޭނާއަށް އެކަމުގެ ތަފްޞީލް ދެއްވެވުމުގެ ބަދަލުގައި ކުރެއްވެވީ ވަރަށް ކުރު ސުވާލެކެވެ. "އެދުވަހަށްޓަކައި ތިބާ ތައްޔާރުކުރީ ކޮން ކަމެއް؟ ތޯއެވެ.
މިކަމުންވެސް އެނގިގެންދަނީ ޤިޔާމަތްވާނެ ވަގުތު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި އިސްކަންދޭންވީ އެދުވަހަށް ތައްޔާރުވުން ކަމެވެ. އޮތީ ވީހައި ގިނަ ހެޔޮ އަމަލުކުރަން މަސައްކަތްކުރުން ކަމެވެ.
- ޝައިޚް ޢުމަރު އަލްބަނާގެ ދަރުސަކުން