ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ވެސް އެންމެ ބޮޑު މައްސަލައަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރާވާފައި ހުރި ކަންކަމުގެ ތެރެއަށްވެސް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށާއި އާސަންދަ ފަދަ ނިޒާމުތައް އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލުނުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީވެސް ކޮރަޕްޝަންގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހައި ގާތުން، އެމީހަކު ހުރި ރަށަކުން ނުވަތަ އެމީހަކު ހުރި އަތޮޅަކުން އެކަށޭނަ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަން ކުރެވޭނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބަދަލުތަކެއް ގެނެސް، ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރެވިގެން ކަމަށާއި ބޭސްކުރަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ވެސް ހުއްޓުމަކަށް އަންނާނީ އެއިރުން ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:
އެ ސިޔާސަތުގެ ދަށުން، މިއަހަރުގެތެރޭ މި ހޮސްޕިޓަލުގެ އާ ޢިމާރާތް ބިނާކުރުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު ފެށިގެންދާނެ. 50 މިލިއަން ރުފިޔާގެ އެ ޢިމާރާތް އަންނަ އަހަރު ނިމޭއިރު، މި ހޮސްޕިޓަލުން ފިޒިއޯތެރަޕީ އާއި ޑަޔަލެސިސްގެ ޚިދުމަތް ލިބެން ހުންނާނެ. ޕްރައިވެޓް ކޮޓަރިތަކާއި ސްކޭންގެ ޚިދުމަތް ފެށި، މި ހޮސްޕިޓަލާ އެކަށޭނަ ލެބޯޓްރީގެ ޚިދުމަތްތައްވެސް ލިބެން ހުންނާނެ. އަދި ދެންމެ ހޮސްޕިޓަލްގެ މެނޭޖަރ، ހެލްތް ސަރވިސް މުޙައްމަދު ރަޝީދު ވިދާޅުވިފަދައިން ބ. އަތޮޅު ތުޅާދުއަކީވެސް ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރަން ޖެހިފައި އޮތް ރަށެއްކަން އަޅުގަނޑު ފާހަގަކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢުގެ ތެރެއިން ތުޅާދޫގެ ޞިއްޙީ މަރުކަޒުވެސް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރެވި ހޮސްޕިޓަލެއްގެ ޚިދުމަތް އެތަނުން ލިބިގެންދާނެ.
މިފަދަ ޚިދުމަތްތައް ތަޢާރުފްވެގެން ދާއިރު، ޢާއިލީ ފެންވަރުގަޔާއި ފަރުދީ ފެންވަރުގައި ވެސް، ޞިއްޙަތަށް ދޭ ސަމާލުކަން އިތުރުކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް. އެއީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެ، ކޮންމެ މީހަކު އުފުލަންޖެހޭ ބުރަތައްވެސް އެތައް ގުނައެއް މަދުވާނެ ކަމެއް.
އަޅުގަނޑުމެންގެ އާދަތައް ހުރި ގޮތުން، ޞިއްޙީ ކަންކަމުގައި އަދިވެސް ބޮޑަށް ބުރަވެވެނީ ފަހަތު ފަޔަށް. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ގިނަ މީހުންނަށް ތިބެވެނީ ބަލިވުމުން ބޭސްކުރަން. މިއީ، އަޅުގަނޑުމެން ކޮންމެހެން ބަދަލުކުރަންޖެހޭ އާދައެއް. ޙަރަކާތްތެރި ދިރިއުޅުމަކަށް އާދަވުމަކީ، އެތައް ބަލިތަކަކުން ދުރުކޮށްދޭ ކަމެއް.
ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ވެސް، ރައްޔިތުން އަމިއްލަ ޞިއްޙަތަށް ދޭ ސަމާލުކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެން މި އެދޭ އުފާވެރި ދިރިއުޅުން ފެންނާނީ އޭރުން. އުފާވެރި ޢާއިލާއެއް ބިނާކުރެވޭނީ، ޢާއިލާގެ ކޮންމެ ފަރުދެއްގެ ހަށިހެޔޮކަމާ ދުޅަހެޔޮކަން އިތުރުވެގެން.
އަޅުގަނޑުގެ ދުޢާއަކީ، ދުޅަހެޔޮ ހަށިހެޔޮ މުސްތަޤްބަލެއް ހޯދުމަށް، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. ދިވެހި ރައްޔިތުންނަކީ، ފުރިހަމަ ޞިއްޙަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބައެއްކަމުގައި ލައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރިއެރުމާއި ފާގަތިކަން، މާތް ﷲ މިންވަރުކުރެއްވުން. އާމީން