ކުއްލި މަރުތައް މިހައި ގިނަވާއިރު ތިމާއަކީވެސް ކުއްލި މަރަކުން މަރުވެދާނެ މީހެއް ކަމަށް ބިރު ނުގަންނަނީ ކީއްވެ!: ޝެއިޚް ޢުމަރު ޢަލްބަނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ކުއްލި މަރުތައް މިހައި ގިނަވާއިރު ތިމާއަކީވެސް ކުއްލި މަރަކުން މަރުވެދާނެ މީހެއް ކަމަށް ބިރު ނުގަންނަނީ ކީއްވެ!: ޝެއިޚް ޢުމަރު ޢަލްބަނާ

ކުއްލި މަރުތައް މިދަނީ އިތުރުވަމުންނެވެ. ކޮންމެ ދުވަހަކުހެން އެފަދަ އެތައް މަރެއް ލޯމަތީގައި ފެންނައިރު ވެސް އެއީ ﷲ ތަޢާލާ ދެއްވަވާ ކިހައިވަރެއްގެ ބޮޑު އިންޒާރެއް ކަމަށް ބަލައި ފިކުރު ކުރެވޭ ހެއްޔެވެ؟ އަދި ތިމާއަކީވެސް ކުއްލި މަރަކުން މަރުވެދާނެ މީހެއް ކަމަށް ވިސްނައި ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ 

މިއަދުގެ ޙާލަތަށް ބަލާއިރު ޞިއްޙަތު ސަލާމަތުން  ހުންނަ އިރު ވަރަށް މަދު، ހާހަކުން މީހަކަށް ނޫނީ އެމީހާ މަރުވެދާނެކަން ޤަބޫލެއް ނުކުރެއެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެ މީހެއްކަމަށް ބަލައިގެން އުޅެން، އެމީހާއަށް ސަލާމަތް ޞިއްޙަތު ދެއްވެވި ﷲ ތަޢާލާ އަންވާފައި އޮތް އޮތުން ޤަބޫލު ނުކުރެވޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. 

ހަމަ ހިނގަހިނގަ ހުއްޓައި މަރުވެގެން ވެއްޓެނީއެވެ. މަސައްކަތުގައި އުޅެނިކޮށްވެސް މަރުވަނީއެވެ. ނިދަން އޮއްވައި ވެސް މަރުވަނީއެވެ. އެކްސިޑެންޓެއްވެފައިވެސް މަރުވަނީއެވެ. މިފަދަ ގޮތްގޮތަށް މަރުވަނީ އުމުރުން ދުވަސްވީ މީހުންނާއި ބަލިވެ އުޅޭ މީހުން އެކަންޏެއް ނޫނެވެ. ކުއްލިއަކަށް މަރުވާ މީހުންގެ ތެރޭގައި ގިނައީ ޞިއްޙަތު ރަނގަޅު މީހުންނާއި  ޒުވާނުންކަންވެސް ވަނީ ފާހަގަކުރެވިފައެވެ. 

ކުއްލި މަރަކީ ވަރަށް ބޮޑު އިންޒާރެކެވެ! އެނގިގެން މިދަނީ ކިތަންމެ ޞިއްހަތު ރަނގަޅު މީހާވެސް ހަމަ ކުއްލިއަކަށް ވެސް މަރުވެދާނެ ކަމެވެ. ވީމާ އެއީ ތައުބާވެ މަރަށް ތައްޔާރުވުމަށް ﷲ ތަޢާލާ ދެއްވަވާ ވަރަށް ބޮޑު އިންޒާރެއް ކަމަށް ޤަބޫލުކުރަން އެބަ ޖެހެއެވެ. 

ކޮންމެ މީހަކީ ވެސް މިރޭވެސް، މިވަގުތުވެސް މަރުވެދާނެ މީހެކެވެ. އެކަން ޤަބޫލުކުރާ ކަމަށް އެންމެންވެސް ބުނެއެވެ. އެހެންކަމަށްވާއިރު އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ! މިރޭ ނުވަތަ މިވަގުތު ތިމާ މަރުވެދާނެ ކަމަށް ތިމާއަށް މިހުރެވެނީ ހަމަ ތައްޔާރަށް ހެއްޔެވެ؟ ތައްޔާރުވާން ތިމާއަށް ކުރެވިފައިވަނީ ކޮން ކަމެއް ހެއްޔެވެ؟ 

ނިކަން ބުނެބަލާށެވެ! ކުރިއަށް މިއޮތް 24 ގަޑިއިރުގެ ތެރޭގައި މަރާއި ބައްދަލުވާން ތައްޔާރަށް ހުރި އެކަކުވެސް އެބަހުރި ހެއްޔެވެ؟ ކުރިއަށް އޮތް އެއް މަސް ނުވަތަ އެއް އަހަރު ތެރޭގައި މަރާއި ބައްދަލުކުރަން ތައްޔާރަށް ހުރި ހަމައެކަކު ވެސް އެބަ ހުރި ހެއްޔެވެ؟ ނަމަވެސް މިވަގުތުވެސް ތިމާ މަރުވެދާނެ ކަމުގެ ބިރު ނެތީ ކާކަށް ހެއްޔެވެ؟ 

އެންމެ މީހަކުވެސް ގޮނޑިން ތެދުވެފަ ނިކަން އަހަރެން އެންމެ ފަހުން ކުރި ނަމާދު ކުރީ އެއީ އަހަރެންނަށް ކުރެވޭނެ އެންމެ ފަހު ނަމާދު ކަމުގެ ބިރު ހިތުގައި ބާއްވައިގެން ތިމާއަށް ކުރެވޭނެ އެންމެ ފުރިހަމައަށް ކަމަށް ބުނެބަލާށެވެ! ވީއިރު ޤިޔާމަތްވާނެ ވަގުތާއިމެދު ގަނެވެނީ ކޮން ބިރެއް ހެއްޔެވެ؟ ޔަޤީނުންވެސް އެނގޭ ކަމަކީ މަރުވުމުން އެމީހަކަށް އެވަނީ ޤިޔާމަތްވެފައި ކަމެވެ. 

ކޮންމެ މީހަކުވެސް ދުލުން ބުނަނީ އެމީހާ މަރުވާން ބޭނުންވަނީ އީމާންތެރިއެއްގެ ގޮތުގައި ކަމަށެވެ. ކީރިތި ޤްރުއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށް ފުރިހަމައަށް އަމަލުކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. މިނޫން ގޮތަކަށް ބުނާ އެއްވެސް މުސްލިމަކު ނުހުންނާނެއެވެ! ނަމަވެސް އެކަން ވެފައި އޮންނަނީ ހަމައެކަނި ދުލުން ބުނާ ބަހަކަށެވެ. ބުނާ ބުނުމަށް ޢަމަލު ކުރަނީ ހާދަ މަދު މީހެކެވެ! 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މި މައުޟޫއަށް ވަރަށް ގިނަ ޢިލްމުވެރިން ވަރަށް ގިނައިން  ގެންދަވަނީ ތަޤްރީރް ކުރައްވަމުންނެވެ! އެއީ ހަމަ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ! އިސްލާމް ދީނަކީ ހަނދުމަކޮށްދިނުމުގެ ދީން ކަމުގައި ވާތީއެވެ. އަހަރެންވެސް މިއަދާކުރީ ހަމަ އެ މަސްއޫލިއްޔަތެވެ.

 

- ޝައިޚް ޢުމަރު އަލްބަނާގެ ދަރުސަކުން

 

މިއަދު އޮންލައިން