ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ދެއްކެވި ވާހަކަ ބީއެމްއެލްގެ ޗެއާމަން ސައީދާ އުމަރު ދިފާއުކުރައްވައިފިއެވެ.
ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޗެއާމަން ސައީދާ އުމަރު ވިދާޅުވީ އެންޑޯސްކޮށްފައިވާ ޗެކުތަކާ ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ ފަރާތުން ދީފައިވާ މައުލޫމާތަކީ އޭރު އެނގިފައިހުރި ކަންކަމުގެ އަލީގައި ހިއްސާކޮށްފައިވާ ތެދު މައުލޫމާތު ކަމަށެވެ.
މަޖިލީޙަށް ޝަރީފު ހިއްސާކޮށްފައިވާ މައުލޫމާތުތަކަކީ ބޭންކުގެ ރިކޯޑުތަކާއި އެއްގޮތަށް ދީފައިވާ ތެދު މައުލޫމާތު ކަމަށް މީގެކުރިން ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދޮގުމައުލޫމާތު ދިންކަމަށް ބުނެ ޝަރީފުގެ މައްސަލަ ތަހްގީގު ކުރުމަށް ފުލުހުންނަށް ވަނީ ފޮނުވާފައެވެ.