އެކަމެއް ކުރާނެ ކަމުގެ ޤަޞްދު ނެތި ކުރާނެ ކަމަށް ބުނުމާއި "އިން ޝާ ﷲ" ބުނުމަކީ ފާފަވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
އެކަމެއް ކުރާނެ ކަމުގެ ޤަޞްދު ނެތި ކުރާނެ ކަމަށް ބުނުމާއި "އިން ޝާ ﷲ" ބުނުމަކީ ފާފަވެރިވާނެ ކަމެއް!

މިހާރަކަށް އައިސް އިސްލާމް ދީނާއި ގުޅުން ހުންނަ ކަންކަމުގައި "އިން ޝާ ﷲ" އެވެ ބުނުމަކީ "ފަހަރެއްގައި" އެކަމެއް ކުރާނެ ކަމަށް ބުނުން ކަމަށް ހަދައިފިއެވެ. އަދި އެއީ "ނުކުރާ ނަމޭ" ދިމާއަށް ބުނަން ނުކެރިގެން ބުނާ ބަހަކަށްވެސް ހަދައިފިއެވެ. 

"އިން ޝާ ﷲ" އެވެ ބުނެފައި ދޫކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ އެއީ ވަރަށް ބޮޑު ކަމެކެވެ. އެއީ ވެވޭ ވަރަށް ބޮޑު އިޤްރާރެކެވެ! އެބަހުގެ މާނައަކަށް ހަދަން ޖެހޭނީ އެކަމެއް ކުރާނެ ކަމަށް ހިތުގައި އަޒުމް ކަނޑައެޅުމެވެ. އަދި އެފަދައިން ބުނެފިނަމަ އެކަމެއް ކުރަން ތިމާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރަން ޖެހޭނެއެވެ! 

ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މީހަކު މަރުވެގެން އެކަން އެކަން އެންގުމުން ކަށުނަމާދަށް ދާނެކަމަށް ބުނެ "އިން ޝާ ﷲ" ކިޔައެވެ. ނަމަވެސް ކަށު ނަމާދަށް ދަނީ އެފަދައިން ބުނާ ވަރަށް މަދު މީހެކެވެ. ގިނަ މީހުންނަށް އޮންނަނީ ނުދެވިފައެވެ. ބައެއް މީހުން އެކަން ހަނދާން ހުންނަ ކަމަށްވެސް ނުވެއެވެ. 

ނަމާދު ވަގުތު ޖެހުމުން މީހެއްގެ ގާތު ނަމާދަށް ދާން ބުނި ނަމަވެސް ވަރަށް ފަސޭހައިން ދާނެ ކަމަށް ބުނާނެއެވެ. ފަހަތަށް "އިންޝާ ﷲ" ވެސް ގެންނާނެއެވެ. ނަމަވެސް ގިނަ ފަހަރު އޮންނަނީ ނަމާދު ނުކުރެވިފައެވެ. މީހަކު ކަމަކު އެދުނު ނަމަވެސް ކޮށްދޭނެ ކަމަށް ބުނެ ފަހަތުން "އިން ޝާ ﷲ" ކިޔާނެއެވެ. ނަމަވެސް ފަހުން ޚަބަރެއްވެސް ނުވާނެއެވެ. ގުޅި ނަމަވެސް ފޯނުވެސް ނުނަގާނެއެވެ. އެވަރުންވެސް ކަންކަން އިރާދައިގައި އަޅުވައި ނިންމައިލަނީ އެކަމާއިމެދު ސުވާލުކުރެވޭނެކަން ހަމަ ނުއެނގޭތީ ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިވާހަކަތައް މިދެއްކީ "އިން ޝާ ﷲ" ކިޔާތީ އެކަން ބޮޑުވެގެނެއް ނޫނެވެ. އެއީ ކިޔަން ޖެހޭ އެއްޗެކެވެ. ކޮންމެ ކަމަކާއި ގުޅިގެން ވެސް ކިޔަން ޖެހޭނެ އެއްޗެކެވެ. ފާހަގަ މިކުރަނީ "އިން ޝާ ﷲ" ބުނުމަށްފަހު ނުވަތަ ކިޔުމަށްފަހު އަމަލުނުކުރާ މައްސަލައެވެ. "އިން ޝާ ﷲ" ކިޔުމަކީ ކަމެއް ނުކުރާނެ ކަމަށް ފައުޅުގައި ބުނަން ނުކެރިގެން ބުނާ ބަހަކަށް ނުހެދުމުގެ މުހިންމުކަމެވެ. އެއީ ބިރުހުރި ކަމެކެވެ. 

ކަހްފި ސޫރަތުގެ 23 އަދި 24 ވަނަ އާޔަތް ބަލާށެވެ! 

“އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ!

ﷲ އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާހުށިއެވެ!" (ކަހްފި: 23،24) 

"އިން ޝާ ﷲ" ބުނުމަސްފަހު ވެސް އެކަމެއް ކުރަން ހަނދާނެ ނެތުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ކަމެއް ކުރުމުގެ ނިޔަތް އަދި ޤަޞްދު ނެތި "އިން ޝާ ﷲ" ނުބުނާށެވެ! އަހަރެމެން ދައްކާ ހުރިހާ ވާހަކަތަކެއް އަހަރެމެންގެ ފަތުގައި މަލާއިކަތުން ލިޔުއްވަވަތެވެ. މީހާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ "ﷲ އިރާދަކުރެއްވިއްޔާ" ކަމެއް ކުރާނެ ކަމަށް ބުނާނަމަ އެކަމެއް ހަމަ ޤީޤަތުގައިވެސް ކުރުމުގެ ނިޔަތް އޮންނަން ޖެހޭނެއެވެ. ހަނދާން ނެތުމާއި ކުރަން މަސައްކަތްކުރި ނަމަވެސް ނުކުރެވުމަކީ މުޅިން ތަފާތު ކަމެކެވެ. 

މީހަކަށް ކަމެއް ކޮށްދޭނެ ކަމަށް ބުނާނަމަ ބުނަން ޖެހޭނީ އެކަމެއް ކޮށްދެވޭނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. ނޫން ނަމަ ކޮށްދެވެން ނެތްކަމަށް ބުނާށެވެ. އެކަމެއް ކޮށްދެވެން ނެތި ވެސް ކޮށްދޭން މަސައްކަތްކުރުމުގެ ނިޔަން އޮތްނަމަ އެގޮތަށް އެކަން ހާމަކުރާށެވެ! "އިން ޝާ ﷲ" ކޮށްދޭނަމޭ ބުނުމުގެ ބަދަލުގައި "އިން ޝާ ﷲ" ތިއަކަން ކޮށްދޭން މަސައްކަތްކުރާނަމޭ ބުނާށެވެ. 

މިފަދަ ކަންކަން ކިޔައިދޭން މިޖެހެނީ މިކަން ކަމަށް ނުވިސްނައި ބުނެވޭ ބަސްތަކުގެ ސަބަބުން މުޅި އިސްލާމީ އުންމަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރާތީއެވެ. މިހާރުވެސް މީހަކު "އިން ޝާ ﷲ" ބުނެފިނަމަ ގިނަ ބައަކަށް އެމީހާ އެކަން ނުކުރާނެކަން ޔަޤީން ކުރެވެއެވެ. މިއީ އެކަމުގެ އަސަރު މުޅި އިސްލާމީ އުންމަތަށް ކުރަމުންދާ ކަމެކެވެ. ވީމާ މިފަދަ ކަންކަމަށް ސަމާލ؛ުކަން އިތުރުކުރަން އެބަ ޖެހެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން