އަވަސް އަރުވާލައިގެން ކުރާ ނަމާދަކީ ނަމާދަކަށް ނުވެއެވެ. އެކަން އެނގެނީ އަވަސް އަރުވާލައްވައިގެން ނަމާދު ކުރެއްވި ޞަހާބީ އަކަށް "ތިބާ ނަމާދުކުރާށެވެ! ތިބާ ނަމާދެއް ނުކުރެއެވެ." ޙަދީޘްފުޅު ކުރައްވަވާފައިވުމުންނެވެ.
މިއީ ވަރަށް ގިނަ ބައަކު ވަރަށް ފަރިތަ ޙަދީޘްފުޅެކެވެ. ނަމަވެސް ހިތާމައަކީ މި ޙަދީޘްފުޅަށް އަމަލުކުރުމުގައި އިހްމާލް ވެވެމުން އަންނަ ކަމެވެ.
ރަސޫލް (ޞޢވ) މިސްކިތްކޮޅުގައި އިންނަވަނިކޮށް ޞަހާބީ ބޭކަލަކު ވަޑައިގެން ނަމާދު ކުރެއްވެވިއެވެ. ރަސޫލް (ޞޢވ) އިންނެވީ އޭނާ ނަމާދުކުރައްވާ ގޮތް ބައްލަވާށެވެ! ނަމާދުން ނިމިވަޑައިގެން ރަސޫލް (ޞޢވ) އަރިހަށް ވަޑައިގެން ސަލާމް ވިދާޅުވުމުން ސަލާމަސް ޖަވާބު ދެއްވެވިއެވެ. ސަލާމަށް ޖަވާބު ދެއްވެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވީ "ތިބާ ނަމާދުކުރާށެވެ! ތިބާ ނަމާދެއް ނުކުރެއެވެ."
3 ފަހަރު ތަކުރާރުކުރެއްވެވުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ ހަމަ އެގޮތަށެވެ. "ތިބާ ނަމާދުކުރާށެވެ! ތިބާ ނަމާދެއް ނުކުރެއެވެ."
އެ ހިނދު އެއަށްވުރެ ފުރިހަމައަށް ނަމާދުކުރައްވަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ޞަޙާބީ އެދިވަޑައިގަތީ ނަމާދު ކުރައްވަން ދަސްކޮށް ދެއްވެވުމަށެވެ. ޞަޙާބީ ކުރެއްވެވި ނަމާދުގެ މައްސަލައަކަށްވީ ހިތްމައްޗަށް ﷲ ތަޢާލާ ގެންނަން ޖެހޭ ވަރަށް ނުގެންނަވައި، އެކަމަށް ވަގުތު ނުދެއްވަވައި އަވސް އަރުއްވާލައްވައިގެން ނަމާދު ކުރެއްވެވުމެވެ.
ވީމާ މިކަމުން އެނގެނީ އަވަސް އަރުވާލައިގެން ކުރާ އެއްވެސް ނަމާދަކީ ނަމާދަކަށް ނުވާނެކަމެވެ. ނަމާދު ނަމާދަކަށް ވާނީ ހިތް މައްޗަށް ﷲ ތަޢާލާ ގެނެސް އެކަމަށް ވަގުތުދީގެން ނަމާދުކުރުމުންކަމެވެ. ވީމާ ވަގުތު ނެތް ނަމަ ކުރުކުރެވެން އޮތް ވަރަކަށް ކުރުކުރި ނަމަވެސް އަވަސް އަރުވާލައިގެން ނަމާދުކުރުމެއް ނެތެވެ.
ހަމައެއާއިއެކު އެނގިގެން މިދަނީ ނަމާދުގައި ކިޔާތަކެތި ހިތްމައްޗަށް ގެންނަން ޖެހޭނެ ކަމެވެ. އެކަން ކުރެވޭނެ ގޮތަކީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ހިތުން ދަސްކުރުމުގެ އިތުރުން ކިޔަވާ ސޫރަތްތަކުގެ މާނަވެސް ހިތުދަސްކޮށްގެން ނަމާދުކުރުމެވެ. ނަމާދު ނަމާދަކަށް ވާނީ ރޫޙާނީ ބައިވެސް ފުރިހަމަކުރެވިގެންނެވެ. ރޫޙާނީ ބައި ފުރިހަމަ ކުރެވޭނީ މިބުނި ގޮތަށް ނަމާދުގައި ކިޔާ ތަކެތި ހިތުން ދަސްކުރެވިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން